ތިލަފުށީގެ އައު ބައިނަލްއަޤުވާމީ ބަނދަރުގެ ކާގޯ ޓާމިނަލަށް ހުއްދަ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިލަފުށީގެ އައު ބައިނަލްއަޤުވާމީ ބަނދަރުގެ ކާގޯ ޓާމިނަލަށް ހުއްދަ ދޫކޮށްފި

ކ. ތިލަފުށީގައި ތަރައްޤީކުރަމުން އަންނަ އައު ބައިނަލްއަޤުވާމީ ބަނދަރުގެ ކާގޯ ޓާމިނަލް ހިންގުމުގެ ރަސްމީ ހުއްދަ އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދޫކޮށްފިއެވެ.

މި ހުއްދަ ދޫކޮށްފައިވަނީ އެ ވުޒާރާގެ ޚާއްޞަ އޮޑިޓް ޓީމަކުން އެ ސަރަޙައްދަށް ޒިޔާރަތްކޮށް، ހަދަންޖެހޭ މުހިންމު އިންސްޕެކްޝަންތައް ފުރިހަމަކުރުމަށް ފަހުގައެވެ. އެގޮތުން، ތިލަފުށީގެ އައު ކާގޯ ޓާމިނަލުން ކޮންޓެއިނަރު ކްލިއަރެންސްގެ މަސައްކަތްތައް ކުރިއަށްގެންދާއިރު، އެ ތަނަށް މީހުންނާއި އުޅަނދުފަހަރު ވަދެނިކުމެ އުޅުމާއި، އަދި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވާ އުސޫލުތައް އޮޑިޓް ޓީމުން ވަނީ ވަރަށް ގާތުން ބަލައި އިންސްޕެކްޓްކޮށްފައެވެ.

މި އިންސްޕެކްޝަނާއި އެސެސްމަންޓަށް ފަހު ޓާމިނަލް ހިންގުމުގެ ވަގުތީ ހުއްދަ މިނިސްޓްރީން ދޫކުރި ނަމަވެސް، ކަނޑައެޅިފައިވާ މިންގަނޑުތަކާއި ޝަރުތުތައް ފުރިހަމަކުރުމަށްޓަކައި އަދިވެސް އިތުރަށް ރަނގަޅުކުރަންޖެހޭ ބައެއް ކަންކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކަންކަން ވީ އެންމެ އަވަހަކަށް އިސްލާހުކޮށް، ފުރިހަމަކުރުމަށް ޓާމިނަލް ހިންގާ ފަރާތަށް މިހާރު ވަނީ އަންގައި އިރުޝާދު ދީފައެވެ.

މި އައު ބަނދަރަކީ ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ މުހިންމު މަޝްރޫޢަކަށް ވާއިރު، ޓާމިނަލްގެ އޮޕަރޭޝަންތައް ރައްކާތެރިކަމާއެކު ފެށުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން