ހުޅުމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ 5,000 ހައުސިންގ ޔުނިޓުގެ މަޝްރޫޢަށް އެއްކޮށް ފަންޑުކުރާނީ އެ ކުންފުނިން ކަމަށާއި، މި މަޝްރޫޢަށް ސަރުކާރުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން، އީގަލް ހިލްސްއިން ހުޅުމާލޭގައި ތަރައްގީކުރާ މި 5,000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އަނބުރާ ފައިސާ ދައްކަންޖެހޭ ގޮތަށް ނުވަތަ ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، މި މަޝްރޫޢަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެ މަޝްރޫޢުގެ ފުރަތަމަ ސޭލްސް އިން ލިބޭ 10 އިންސައްތައިގެ ތެރެއިންނެވެ. ސަރުކާރުން އެދޭ ކަމަކަށް އެ ކުންފުނިން އެ ފައިސާ ޚަރަދުކުރަން ނިންމާފައިވާއިރު، އެ ފައިސާ ރިޒަވްގައި ބެހެއްޓުމުގެ ބަދަލުގައި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމަށް ޚަރަދުކުރުމަށް ނިންމެވީ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ހުޅުވާލެވޭ ބިމުގައި ފެނާއި، ކަރަންޓާއި އަދި ނަރުދަމާގެ ހުރިހާ ޚިދުމަތްތަކެއް ފުރިހަމައަށް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސްޓްރަކްޗަރ އަދި ފިނިޝިންގެ ބޮޑުބައެއް 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ނިމޭނެ ކަމަށާއި، ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުންތައް ހެދުން އެ މުއްދަތުގެ ކުރިން ކުރިއަށްދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢަކީ ސަރުކާރުން ފަށާފައިވާ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށްވުރެ ބޮޑު މަންފާއެއް ލިބިގެންދާނެ މަޝްރޫޢެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޔުނިޓުތައް ދޫކުރުމުގައި އެންމެ އިސްކަމެއް ދެވޭނީ ޒުވާނުންނަށާއި، ފަތުރުވެރިކަމާއި މަސްވެރިކަންފަދަ ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ. އަދި އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިނުވާ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.