ވިލިމާލެ ހޮސްޕިޓަލުން ދެމުން އަންނަ ސިއްޙީ ޚިދުމަތްތައް ވަގުތީ އިމާރާތަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ މަހުގެ މެދުތެރޭގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި ބަދަލު ގެންނަން ނިންމާފައިވަނީ ވިލިމާލެ ހޮސްޕިޓަލް މިހާރު ހިންގަމުންދާ ބިމުގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައެވެ. އެގޮތުން، ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ 'އަމާން ހިޔާ' އިމާރާތަށެވެ.
ދަޢުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމަށްޓަކައި އެތަނުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް ކަމަށެވެ. މީގެއިތުރުން، ބަލިމީހުންނާއި ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެ އިމާރާތުގައި ލިފްޓެއް ހަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސީއީއޯ އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރާއިރު ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތް ކުރިއަށް ގެންދާނީ އެކި މަރުޙަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި، އޯޕީޑީގެ އިތުރުން ވެކްސިން ޖެހުމުގެ ޚިދުމަތްތަކެވެ.
މި މަހުގެ މެދުތެރޭގައި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމާއެކު، އާ ޓާޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ބޭނުންވާ ތައްޔާރީތައް ކުރިއަށްދާނެ ކަމަށްވެސް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން މަޢުލޫމާތު ދެއެވެ.