ރާއްޖޭގެ 4 އަތޮޅެއްގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ރާއްޖޭގެ 4 އަތޮޅެއްގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް!

ރާއްޖޭގެ 4 އަތޮޅެއްގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މަޝްރޫޢުތައް މިހާރު ކުރިއަށްދަނީ ތިނަދޫ ސިޓީއާއި، ކުޅުދުއްފުށި ސިޓީއާއި، އައްޑޫ ސިޓީ ހިތަދޫގެ އިތުރުން ގއ. ވިލިނގިލީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާ އެއްގޮތަށް، ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް، އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގެ އެކި ސަރަޙައްދުތަކުގައި ވަޤުފުގެ މުހިންމު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އައްޑޫ ސިޓީގައި ވަޤުފު އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. އަދި ތިނަދޫ ސިޓީއާއި، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 6 ވަނަ ދުވަހުގައެވެ.

އަތޮޅުތަކުގައި ޤާއިމްކުރާ މި ވަޤުފް އިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށެވެ. މީގެ ތެރޭގައި ރަށްރަށުގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތްތަކާއި ދީނީ އެކިއެކި ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގުން ހިމެނެއެވެ.

މި އިމާރާތްތަކުން ލިބޭ ފައިސާގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނާއި އެ ވުޒާރާގެ އިރުޝާދާ އެއްގޮތަށް އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްތަކުންނެވެ.

މިއަދު އޮންލައިން