ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަކީ އައު ޓެކުހެއް ނޫން: މީރާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަކީ އައު ޓެކުހެއް ނޫން: މީރާ

ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ނަގާ ޖީއެސްޓީއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަލަށް ތައާރަފްކުރި ޓެކުހެއް ނޫން ކަމަށާއި، ގާނޫނަށް ގެނައި އިސްލާހުގެ މައިގަނޑު ބޭނުމަކީ ޖީއެސްޓީ ނިޒާމަށް ވަދެފައިނުވާ ފަރާތްތައް ރަޖިސްޓްރީކޮށް ޓެކްސް ނެގޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް، ލާޖް ޓެކްސްޕެއަރ އެންޑް އިންޓަނޭޝަނަލް ޓެކްސް އޮޑިޓް ނަފާ ވަހީދު ވިދާޅުވީ، ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަކީ އަލަށް ތައާރަފްކުރި ޓެކުހެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ހީވެފައި އޮތް ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި މި އިސްލާހަކީ މިހާތަނަށް ޖީއެސްޓީ ނިޒާމުގެ ތެރެއަށް ނުވަދެ ތިބި ބޭރުގެ ފަރާތްތައް ރަޖިސްޓްރީކޮށް، ގާނޫނީ އިމުގެ ތެރެއިން ޓެކްސް ދެއްކޭނެ މަގު ފަހިކުރުމަށް ގެނެވުނު ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ބައެއް ޓެކްސް ދައްކާ ފަރާތްތަކަށް އޮޅިގެންވެސްދޭ ކަންނޭގެ އެބަ. އައު ޓެކްސްއެއް މިއައިއްޔޭ ކިޔާފަ. އެހެންނޫން މިވީކީ. ޖީއެސްޓީ ނިޒާމަށް ވަދެފައިނުވާ ފަރާތްތަކެއް މިހާރު މި އިސްލާހު ތެރެއަށް ވަދެވިގެން، އެފަރާތްތައް ރަޖިސްޓްރީ ކުރެވިގެން މިހާރު އެފަރާތްތަކުން ޓެކްސް ނަގަންޖެހޭ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގެ ނިޒާމެއް ތައާރަފްވެގެންމިދިޔައީ. އެހެންމަ މިހާރު ޖީއެސްޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެޙޭ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ،" ނަފާ ވިދާޅުވިއެވެ.

މިއީ ޓޫރިޒަމް ދާއިރާއަށް ޚާއްސަކޮށްގެން ގެނެވުނު އިސްލާހެއްކަން ފާހަގަކުރައްވަމުން ނަފާ އިތުރަށް ވިދާޅުވީ، މި ބަދަލުގެ ސަބަބުން މިހާރުވެސް ރާއްޖޭގައި ގާއިމްވެތިބެ މީރާގައި ރަޖިސްޓްރީކޮށްގެން ގަވާއިދުން ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އަދި މި އިސްލާހުގެ ސަބަބުން ޓެކްސް ނިޒާމު އިތުރަށް ހަރުދަނާވެ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޚިދުމަތްތައް ވިއްކާ ބޭރުގެ އޮޕަރޭޓަރުންވެސް ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި ހަމަހަމަކަމާއެކު ހިމެނިގެންދާނެއެވެ.

މިއަދު އޮންލައިން