މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ރަހުނުކޮށްފައިވާ މއ. ކުދިމަގޫގެ، ނީލަމުގައި ވިއްކާލުމަށްޓަކައި އެ ބޭންކުން އަލުން އިޢުލާންކޮށްފިއެވެ. މާލޭގައި ހުރި މި ބިމަކީ ޖުމްލަ 830 އަކަފޫޓުގެ ބިމެކެވެ.
މި ގެ ވިއްކާލުމަށް ކަނޑައަޅާފައިވާ ފެށޭ އަގަކީ 11.6 މިލިއަން ރުފިޔާ އެވެ. ނީލަމުގެ އުސޫލުން މި ބިން ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ނީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހެއެވެ. އަދި ނީލަމުގެ ތެރެއިން އަގު އިތުރުކުރެވޭނީ މަދުވެގެން ފަސް ލައްކަ ރުފިޔާގެ ރޭޓުންނެވެ.
މި ނީލަމުގައި ބައިވެރިވެ އަގު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި ހިނގާ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ. މިއީ ބޭންކަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން ރަހުނު ހިފެހެއްޓުމަށްފަހު ވިއްކާލުމަށް ކުރާ މަސައްކަތެކެވެ.