ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ޕީސް ފައުންޑޭޝަނުން އިންތިޒާމު ކޮށްގެން ކުރިއަށްގެންދާ ޚާއްސަ ޕްރޮގްރާމް 'ލަކުސަނަ' ރަސްމީކޮށް ފަށައިފިއެވެ. މިއީ އެ ރަށުގެ ރައްޔިތުން އެކި ދާއިރާތަކުން ހޭލުންތެރިކުރުވުމަށް ހިންގާ ބޮޑު ހަރަކާތެކެވެ.
މި މަހުގެ 5 އިން 8 އަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ދީނީ އަދި އެކިއެކި ދާއިރާތަކުން އާންމުން ހޭލުންތެރި ކުރުވުމަށް އަމާޒުކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމުގައި ދީނީ އިލްމުވެރިން ހިމެނޭހެން ޖުމްލަ 20 އެކްސްޕާޓުން ބައިވެރިވެ ވަޑައިގަންނަވައެވެ.
މިއަދު ހެނދުނު ތަމްރީނު ޕްރޮގްރާމުތައް ފަށާފައިވާއިރު، އިޖުތިމާއީ ހަރަކާތެއްގެ ގޮތުން މިއަދު ހަވީރު ވަނީ 5 ޓީމަކާއެކު މަސްރޭހެއްވެސް ބާއްވާފައެވެ. ޞަބާޙު ވިދާޅުވީ މި ޕްރޮގްރާމަކީ މުޅި ރަށުގެ ރައްޔިތުން ޝާމިލުވާ ގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން މުޖުތަމައުގެ އެކިއެކި ގިންތިތަކަށް އަމާޒުކޮށްގެން ގިނަ މަސައްކަތު ބައްދަލުވުންތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި ޕޭރެންޓިންގ ވޯކްޝޮޕުތަކާއި، ޓީނޭޖް ވޯކްޝޮޕް، ބިޒްނަސް ޕްލޭން ކުރުމާއި، އަދި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚާއްސަ ސެޝަންތައް ހިމެނެއެވެ.
މީގެ އިތުރުން، ދަރިވަރުންގެ އުމުރާ ގުޅޭ ދީނީ އަދި އިޖުތިމާއީ ޕްރޮގްރާމުތަކާއި، އަންހެން ކުދިންނާއި ޓީޗަރުންނަށް ޚާއްސަ ސެޝަންތަކެއްވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެއެވެ. މިއީ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، މުހިންމު މައުލޫމާތުތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން ރަށުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް ވަނީ އިސްކަންދީފައެވެ. އެގޮތުން މުއައްސަސާތަކުގެ ވެރިންނަށް އަމާޒުކޮށްގެން ޚާއްސަ ލީޑަރޝިޕް ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.