ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭހުގެ ގުދަންތައް ތަރައްޤީކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ލޮޖިސްޓިކް ކަންކަން ރަނގަޅުކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭހުގެ ގުދަންތައް ތަރައްޤީކުރަނީ

ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކުރާނެ ގުދަންތައް ތަރައްޤީކޮށް، ލޮޖިސްޓިކް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވައިފިއެވެ.

މިކަން ހާމަކުރެއްވީ ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާން" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޑރ. ޝާހް ވިދާޅުވީ، މީގެކުރިން އެސްޓީއޯއިން ރާއްޖެއަށް ބޭސް އެތެރެކޮށް އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރި މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ބޭހުގެ ގުދަންތައް ތަރައްޤީކުރުމަށް ނިންމާފައި އޮތް ކަމަށެވެ.

ނަމަވެސް، މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މުޅި މަސައްކަތް ސްޓޭޓް ފާމަސޫޓިކަލްސްއާ ހަވާލުކޮށްފައިވާތީ، ކުރިން އެސްޓީއޯއިން ބަލަހައްޓަމުންދިޔަ ބޭހުގެ މައި ގުދަން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ. މީގެ އިތުރުންވެސް ބައެއް އިތުރު ގުދަންތައް އެ ކުންފުނިން މިހާރު ބަލަހައްޓަމުންދާކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ.

ބޭސް ފޯރުކޮށްދިނުމުގެ ލޮޖިސްޓިކް ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް، އަވަސް ކުރުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގުދަންތައް ގާއިމުކުރުމަކީ ކުންފުނީގެ އަމާޒެކެވެ. އެހެންނަމަވެސް، މިވަގުތު މަސައްކަތްތައް ބައްޓަންކުރެވިފައިވަނީ މައި ގުދަނުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭސް ފޮނުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ މަސައްކަތް ކުރަމުން މިދަނީ. އަދި މި މަސައްކަތް ކުންފުންޏާ ބަދަލުވިފަހުން ޕްލޭނިން ސްޓޭޖްގައި އުޅެނީ،" ކުރިއަށް އޮތް ތަނުގައި ބޭހުގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ޑރ. ޝާހް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އެކި ރަށްތަކަށް ބޭސް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ކުޑަކޮށް، ރައްޔިތުންނަށް މެދުކެނޑުމެއް ނެތް ފެންވަރު ރަނގަޅު ޚިދުމަތެއް ކަށަވަރުކޮށްދިނުމެވެ. އެސްޓީއޯއިން ބޭހުގެ ޚިދުމަތް ވަކި ކުންފުންޏަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްޙީ ދާއިރާ ހަރުދަނާކުރުމަށް އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

މިއަދު އޮންލައިން