ދައުލަތުގެ ބަޖެޓަށް ބާރުބޮޑުނުވާނެހެން އަދި ރާއްޖޭގެ ފޮރިން ރިޒާވަށް އުނދަގޫނުވާނެ ގޮތަށް އެމްޓީސީސީގެ މަސައްކަތްތައް ބައްޓަންކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ސަޢުދީ ވިދާޅުވީ، އެމްޓީސީސީ މާލީގޮތުން ހަރުދަނާ ކުންފުންޏަކަށް ހެދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އެގޮތުން، ސަރުކާރުގެ މަޝްރޫޢުތަކަށް އެކަނި ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ސެކްޓަރ ނުވަތަ ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތަކަށް އިސްކަންދިނުމަކީ ކުންފުނީގެ މާލީ ޙާލަތު ރަނގަޅު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މި އަމާޒަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވަމުން ސަޢުދީ ވިދާޅުވީ، ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި 300 މިލިޔަން ޑޮލަރަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ޕްރައިވެޓް ސެކްޓަރގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޚާއްޞަކޮށް ރިސޯޓުތައް ތަރައްޤީކުރާ ފަރާތްތައް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
"މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތައް މަޑުޖައްސާލުމަށްފަހު ސަރުކާރުގެ މަޝްރޫޢުތަކަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރީ. ނަމަވެސް މިހާރު މަސައްކަތް ކުރަމުންދަނީ، ކުންފުނި އިތުރަށް މާލީގޮތުން ޤާބިލު ކުންފުންޏަކަށް ހެދުމަށް ބައެއް ވަސީލަތްތައް ޔުޓިލައިޒު ކޮށްގެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރުމަށް،" ސަޢުދީ ވިދާޅުވިއެވެ.
އެމްޓީސީސީގެ އަމާޒަކީ މި މަޝްރޫޢުތަކުގެ ޒަރީޢާއިން ބޭރު ފައިސާ (ޑޮލަރު) ހޯދައި، ކުންފުންޏަށް މާލީ ލުއިތަކެއް ހޯދުމެވެ. މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދަށް މީގެ ސަބަބުން ކުރާނެ ފައިދާއަށް އަލިއަޅުވާލައްވަމުން ސަޢުދީ ވިދާޅުވީ، ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި މަސައްކަތް ކުރުމުން ބޭރު ފައިސާ ރާއްޖެއިން ބޭރަށް ދާ ކަމަށެވެ. ނަމަވެސް އެމްޓީސީސީން މި މަސައްކަތްތަކުގައި ބައިވެރިވުމުން، ފައިސާގެ ދައުރުވުން ނުވަތަ 'ކޭޝް ފްލޯ' ރާއްޖޭގެ ތެރޭގައި ހިފެހެއްޓި، އޭގެ ފައިދާ ދިވެހިންނަށް ބޮޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް އަޅަމުންދާ މި ދަނޑިވަޅުގައި، އެމްޓީސީސީން މި ފެށި މަސައްކަތަކީ ދައުލަތުގެ ބަޖެޓަށް އޮތް ބުރަ ކުޑަކޮށް، ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.