ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ޖޫން މަހު 57.9 މިލިއަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ޖޫން މަހު 57.9 މިލިއަން ރުފިޔާ ދޫކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ގޮތުގައި މިދިޔަ ޖޫން މަހުގެ ތެރޭގައި 57.9 މިލިއަން ރުފިޔާ ސަރުކާރުން ހަރަދުކޮށްފިއެވެ.

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖޫން މަހުގެ ނިޔަލަށް އެ އެޖެންސީ މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޖުމްލަ 57,938,000 (ފަންސަވީސް މިލިއަން ނުވަލައްކަ ތިރީސް އަށްހާސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި މިހާތަނަށް ޖުމްލަ 15,652 މީހުން ދަފްތަރު ކުރެވިފައިވެއެވެ. އޭގެ ތެރެއިން މިދިޔަ މަހު މާލީ އެހީ ފޯރުކޮށްދީފައިވަނީ 15,414 މީހުންނަށެވެ. އަދި ޖޫން މަހުގެ ތެރޭގައި އަލަށް 252 މީހަކު މި އެހީއަށް ރަޖިސްޓަރީ ކޮށްފައިވާކަންވެސް އެ އެޖެންސީން ފާހަގަކުރެއެވެ.

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ދޭ މާލީ އެހީގެ ތަފްސީލަށް ބަލާއިރު، ޖޫން މަހު ޖުމްލަ 253 މީހަކަށް ވަނީ މި އެހީ ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނެނީ 175 ފިރިހެނުންނާއި 78 އަންހެނުންނެވެ. ތެރަޕިއުޓިކް ފަރުވާގެ އެހީގެ ގޮތުގައި އެކަނިވެސް ޖޫން މަހު 7,072,834 (ހަތް މިލިއަން ހަތްދިހަ ދެހާސް އަށްސަތޭކަ ތިރީސް ހަތަރު) ރުފިޔާ ސަރުކާރުން ވަނީ ހަރަދުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ދޭ އެހީތެރިކަން ހަރުދަނާކޮށް، އެފަދަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންސްޕާ މެދުވެރިކޮށް ގަވާއިދުން މި އެހީތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ މުހިންމު ސިޔާސަތެކެވެ.

މިއަދު އޮންލައިން