ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ކުރިއަށް އޮތް މަރުޙަލާތަކާ ގުޅޭގޮތުން އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އާއެކު ސަރުކާރުން މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިިވިލް އޭވިއޭޝަން އިބްރާހިމް ފައިސަލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާފަރު އެއަރޕޯޓުގެ ތަރައްޤީގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާ ގުޅޭގޮތުން އަބޫދާބީ ފަންޑުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
2019 ވަނަ އަހަރު އަބޫދާބީ ފަންޑުގެ އެހީގައި ހުޅުވި މާފަރު އެއަރޕޯޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއަރޕޯޓެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން 2025 ވަނަ އަހަރު ބޮޑެތި މަތިންދާބޯޓުތައް ޖެއްސޭ ފެންވަރަށް އެއަރޕޯޓުގެ ރަންވޭ 2،850 މީޓަރަށް ދިގުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރު ކުރިއަށްދާ ޓާމިނަލް ފުޅާކުރުމުގެ މަސައްކަތުގެ އިތުރުން، އެއަރޕޯޓު ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭންތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ދަތުރުފަތުރުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމެވެ.
މާފަރު އެއަރޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި، ޚާއްޞަކޮށް މަތީ ފަންތީގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއަރޕޯޓެކެވެ. މި އެއަރޕޯޓު އިތުރަށް ތަރައްޤީކުރެވުމުން، ބައިނަލްއަޤްވާމީ ސީދާ ފްލައިޓްތައް އިތުރުވެ، މުޅި ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.