އެފޯޑަބަލް ހޯމް އޯނަރޝިޕް ސްކީމަށް ޚާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި، ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު މިއަދު ސޮއިކޮށްފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން ހައުސިންގ ޔުނިޓުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 3 ގައެވެ. ޖުމްލަ 30 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގައި ކޮންމެ ޑިވެލޮޕަރަކަށްވެސް ހަވާލުކޮށްފައިވަނީ އެއް ޕްލޮޓެވެ.
މި މަޝްރޫއުގައި ސޮއިކުރެވުނު ފަރާތްތަކަކީ އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އަދި ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް، އޮކްސްރޯ، ސޮލެކްސް އަދި ބީވާ ބިލްޑާސް އެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނީ މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުތު ހަމަވާ ފަރާތްތަކަށް އެކަނި ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ 2 ކޮޓަރީގެ ފުލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި 3 ކޮޓަރީގެ ފްލެޓު ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމުގައި މައިގަނޑު ދެ ކަމަކަށް ވަނީ އިސްކަން ދީފައެވެ. އެއީ ފުލެޓުތަކުގެ އަގު ވީހާވެސް ކުޑަކުރުމަށާއި، މިހާތަނަށް އެއްވެސް ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށް އިސްކަންދީގެން ގަތުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ.