ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެމްއޯޔޫގެ މައިގަނޑު މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން ބީސީސީން މި ހިދުމަތްތައް ފޯރުކޮށްދިނުމުން، ވިޔަފާރިތައް ފަށައި ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެއެވެ.
މި ޕާޓްނަރޝިޕާ ގުޅޭގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހަމައެކަނި މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނޫން ކަމަށާއި، ބޭނުންވަނީ ޒުވާން ވިޔަފާރިވެރިންނަށް ބޭނުންވާ އިލްމާއި އިތުބާރު ހޯދައިދީ އެކުދިން ބާރުވެރިކުރުވުން ކަމަށެވެ. "މާލީ އެހީތެރިކަމާއި، މެންޓަރޝިޕް އަދި ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ޒުވާން ވިޔަފާރިވެރިންގެ ދަތުރުގެ ކޮންމެ މަރުހަލާއެއްގައި ބޭނުންވާ އިރުޝާދު ލިބޭނެކަން ކަށަވަރުވެގެންދާނެ،" ބަދުރުއްދީން ވިދާޅުވިއެވެ.
ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، ޒުވާނުން ބާރުވެރިކުރުވުމަށާއި ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މިފަދަ މަޝްރޫއުތަކުގެ ސަބަބުން އުއްމީދީ އައު ހިޔާލުތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުވެ، އިތުރު ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ޑިޖިޓަލް ދާއިރާއިން ރާއްޖޭގެ ޖީޑީޕީގައި ހިއްސާކުރާ މިންވަރު 15 އިންސައްތައަށް އިތުރުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ލިބޭނެ ބޮޑު ބާރެކެވެ.
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އޯންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލެވިފައެވެ. މި އެޕްލިކޭޝަން މަރުހަލާއަކީ މުޅިން ޑިޖިޓަލްކޮށް، ފަސޭހަ އަދި އަވަސްކޮށް ކުރިއަށްގެންދާ މަރުހަލާއެކެވެ.