ގުޅީފަޅުން ގޯތި ލިބުނު 1755 މީހަކަށް އެކި ސަބަބުތަކާހުރެ އަދި ލިޔުން ހަވާލުނުކުރެވޭ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ގުޅީފަޅުން ގޯތި ލިބުނު 1755 މީހަކަށް އެކި ސަބަބުތަކާހުރެ އަދި ލިޔުން ހަވާލުނުކުރެވޭ!

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު 1755 މީހަކަށް އެކި ސަބަބުތަކާހުރެ އަދި ލިޔުން ހަވާލުނުކުރެވޭކަމަށް ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ލިޔުން ނުލިބިވާ ފަރާތްތަކެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ޖުމްލަ 3548 ގޯތީގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ އާއި އެއްބަސްވުން ހަވާލުކުރެވިފައިވަނީ 3043 ގޯއްޗަކަށެވެ. ބާކީ ހުރި ގޯތިތަކުގެ ލިޔުންތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ސަރުކާރުން ބުނެއެވެ.

ލިޔުންތައް ހަވާލުނުކުރެވި ލަސްވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެ ބިންތައް ހިމެނޭ ސަރަހައްދު މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރަމުންދިއުން ހިމެނެއެވެ. މީގެ އިތުރުން، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ ގުޅިގެން ބައެއް ގޯތިތަކުގެ ލިޔުންތައް ތައްޔާރުކުރުމުގައި ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިޔުންތައް ޑައުންލޯޑް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް ލިޔުންތައް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާއެކު، އެ ސަރަހައްދުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ޕާކުތައް ފަދަ އިޖުތިމާއީ ބޭނުންތަކަށް ބިން ވަނީ ކަނޑައަޅާފައެވެ. ސަރުކާރުގެ އަމާޒަކީ ގުޅީފަޅަކީ ހުރިހާ ވަސީލަތްތަކެއް ފުރިހަމަވެފައިވާ ދިރިއުޅެން ފަހި ތަނަކަށް ހެދުމެވެ.

މިއަދު އޮންލައިން