ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވޮލެޓް 'ސްވައިޕް' ބޭނުންކުރާ ދިވެހިންގެ އަދަދު 20،000 އަށްވުރެ އިތުރުވެފައިވާކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާއަށް ޑިޖިޓަލް ހިދުމަތްތައް ތައާރަފުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ލިބުނު ބޮޑު ކުރިއެރުމެކެވެ.
ސްވައިޕަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ދިވެހިން އުފައްދާފައިވާ %100 ދިވެހި އުފެއްދުމެކެވެ. މި ވޮލެޓަކީ ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ފުޅާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ތައާރަފުކުރެވުނު މުހިންމު ވަސީލަތެއްގެ ގޮތުގައި ބޭންކުން ފާހަގަކުރެއެވެ.
މި ހިދުމަތުގެ އެންމެ ބޮޑު އެއް ފައިދާއަކީ ސްވައިޕް މެދުވެރިކޮށް އެއްވެސް އިތުރު ފީއަކާ ނުލައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމާއި ބޭރުން ފައިސާ ބަލައިގަތުމުގެ ފުރުސަތު ލިބިގެންދިއުމެވެ. މިއީ ބައިނަލްއަޤުވާމީ މުއާމަލާތްތައް ކުރާ ފަރާތްތަކަށް ލިބިގެންދާ ވަރަށް ބޮޑު ލުޔެކެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި 3،300 އަށްވުރެ ގިނަ ވިޔަފާރިތަކަށް މިހާރު ސްވައިޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މިއާއެކު ދިވެހި އުފެއްދުމެއްގެ ގޮތުގައި ތަރައްޤީކޮށްފައިވާ މި ޑިޖިޓަލް ވޮލެޓް ދަނީ ރާއްޖޭގެ ބާޒާރުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުންނެވެ.