ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު އެބަހުރި ކަމަށާއި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު އެ ބޭންކުން ދޫކޮށްފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. ސީއީއޯ މިކަން ހާމަކުރެއްވީ "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީއީއޯ ޝަރީފު ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އެކި ވިޔަފާރިތަކަށް މިހާތަނަށް ދޫކޮށްފައިވާ ޑޮލަރު ލޯނުގެ ޖުމްލަ އަދަދު މިހާރު ވަނީ 860 މިލިއަން ޑޮލަރަށް އަރާފައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދީ ހަރަކާތްތަކަށް ބޭންކުން ދެމުންދާ އެއްބާރުލުން ހާމަކޮށްދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ތެރޭގައި ބޭންކުން ޑޮލަރު ވިއްކަމުންދާ މިންވަރަށް އަލިއަޅުއްވާލައްވަމުން ސީއީއޯ ވިދާޅުވީ، އެވްރެޖްކޮށް މަހެއްގެ މައްޗަށް 80 މިލިއަން ޑޮލަރު ބޭންކުން ވިއްކަމުންދާ ކަމަށެވެ. މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވާ މުއްދަތުކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ކުރެވޭ މުޢާމަލާތްތަކުގެ ލިމިޓަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުރިން އޮތް 250 ޑޮލަރުގެ ލިމިޓް މިހާރު ވަނީ 1000 ޑޮލަރަށް ބޮޑުކޮށްފައެވެ.
ހަމައެއާއެކު، ދަތުރުފަތުރާއި ބޭސްފަރުވާ ފަދަ ޚާއްޞަ ޒަރޫރީ ކަންކަމަށް ކަނޑައަޅާފައިވާ ޑޮލަރުގެ ލިމިޓްވެސް ވަނީ 3000 ޑޮލަރަށް އިތުރުކޮށްފައެވެ. މި ބަދަލުތަކަކީ ބޭންކުގެ ޑޮލަރުގެ ރިޒާވް ހުރި މިންވަރަށް ބަލައި ކަސްޓަމަރުންގެ ބޭނުންތަކަށް އިސްކަންދީގެން ގެނެސްފައިވާ ބަދަލުތަކެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.