ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތަށް ބަދަލުތަކެއް ގެނެސްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި ތިބެވޭ މުއްދަތަށް ބަދަލުތަކެއް ގެނެސްފި

ތައިލެންޑުން ގެންގުޅޭ ވިސާގެ އުސޫލުތައް ވަރުގަދަކޮށް، އެ ގައުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވިސާއާ ނުލައި ތިބެވޭ މުއްދަތަށް ބަދަލުތަކެއް ގެނައުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ބަދަލާއެކު ދިވެހިންނަށް ވިސާއާ ނުލައި ތައިލެންޑުގައި މަޑުކުރެވޭނީ 30 ދުވަހުގެ މުއްދަތަށެވެ.

މީގެ ކުރިން ބައެއް ގައުމުތަކަށް ދީފައިވާ 60 ދުވަހުގެ ވިސާ ފްރީ މުއްދަތު އުވާލަން ތައިލެންޑުން ނިންމާފައިވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހިނގަމުންދާތީ އެކަންކަން ކޮންޓްރޯލް ކުރުމުގެ މަގްސަދުގައެވެ. މިއީ އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

ތައިލެންޑުން އަލަށް ގެނައި މި ލުއިތައް ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކަށްވެސް ލިބިގެންދެއެވެ. އޭގެ ތެރޭގައި އިންޑިއާ، ބަލްގޭރިއާ، ކްރޮއޭޝިއާ، ސައިޕްރަސް އަދި މޯލްޓާ ހިމެނެއެވެ. މި ގައުމުތަކުގެ ރައްޔިތުންނަށްވެސް މިހާރު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ވިސާއާ ނުލައި ތައިލެންޑަށް އެތެރެވުމުގެ ފުރުސަތު އޮންނާނެއެވެ.

މި އައު އުސޫލަށް ރަސްމީކޮށް އަމަލުކުރަން ފަށާނީ ތައިލެންޑުގެ ރޯޔަލް ގެޒެޓުގައި މިކަން ޝާއިއުކުރާ ތާރީޚުން ފެށިގެން 15 ދުވަސް ހަމަވުމުންނެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ތައިލެންޑަށް ދަތުރުކުރާ ދިވެހިން މި ބަދަލަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

މިއަދު އޮންލައިން