ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ރަސްމީކޮށް ތައާރަފުކުރި ފަހުން މިހާތަނަށް 3,800 އަށްވުރެ ގިނަ ފަރާތުން އެ ހިދުމަތާ ގުޅިފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ސައީދު ވިދާޅުވީ، ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ލިބުމަކީ ބޮޑު ކުރިއެރުމެއް ކަމަށާއި، މިހާތަނަށް 3,800 އަށްވުރެ ގިނަ ފަރާތުން އެކައުންޓް އެކްޓިވޭޓްކޮށް ގިނަ އަދަދެއްގެ ޓްރާންސެކްޝަންތަކެއް ހިންގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. މީގެ ކުރިން ޕޭޕަލް ރާއްޖެއަށް ނުގެނެވޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކޮށްގެން ތިބި ނަމަވެސް، މިއަދު އެ ހިދުމަތް ފެށިގެން ދިއުމަކީ ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ލިބެމުންދާ އެހެނިހެން ކުރިއެރުންތަކަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އައްޑޫގައި ގާއިމުކުރެވޭ ގޫގުލްގެ އިންވެސްޓްމަންޓަކީވެސް ތަފާތު އެޕްރޯޗެއްގެ ދަށުން ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށް ވިދާޅުވިއެވެ. "އެއީ ޔޫ.އެން އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވިއިރު ވެސް ގޫގުލްގެ އޮފީހަށް އެމަނިކުފާނު ވަޑައިގެން އެ ބޭފުޅުންނާ ވާހަކަ ދައްކައިގެން ރާއްޖޭގެ އިންވެސްޓް ކޮށްދިނުމަށް އެދިގެން އައި އިންވެސްޓްމަންޓެއް އެއީ،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށް ބައިވެރިއެއްގެ ގޮތުގައި ޕޭޕަލްއިން އިޚުތިޔާރުކޮށްފައިވަނީ އޫރީދޫއެވެ. މި ހިދުމަތް ގާއިމުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށްދިޔައީ ސަރުކާރާއި ޕޭޕަލް އަދި އޫރީދޫ ގުޅިގެންނެވެ. މިއީ ރާއްޖޭގެ އީ-ކޮމާސް ދާއިރާއަށް ލިބުނު ބޮޑު ލުޔެއްގެ ގޮތުގައި ބެލެވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގައި ޕޭޕަލްގެ ޚިދުމަތް ރަސްމީކޮށް ތަޢާރަފުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި ހިދުމަތުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންނަށް ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ހިންގުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.