ރާއްޖޭގެ ރިސޯޓުތަކަށް މަސްވެރިން ބާނާ މަސް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި، މަސްވެރިކަން ޕްރޮމޯޓް ކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިންނަށް، ވަކިން ހާއްސަކޮށް މާލެ ސަރަހައްދާއި ރިސޯޓުތައް ގިނަ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ މަސްވެރިންނަށް ރިސޯޓުތަކަށް މަސް ވިއްކުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ އަބަދުވެސް ލިބެމުންދާ ކަމަށެވެ. އަދި މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ އުފެއްދުންތައް އިޝްތިހާރު ކުރުމަށް އުފެއްދި ކުންފުނީގެ ދައުރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ރައީސުލްޖުމްހޫރިއްޔާ އެބައޮތް މަހުގެ ބާވަތްތައް ޕްރޮމޯޓުކުރުމަށްޓަކައި ކުންފުންޏެއް ހާއްސަކޮށްދެއްވާފައި. އެ ކުންފުނީގެ ބޭނުމަކީ ދިވެހި މަސްވެރިން ބާނާ މަސް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޕްރޮމޯޓްކޮށް، މަސްވެރިންނަށް އެ މަސް ވިއްކޭނެ ގޮތްތަކެއް ހޯދައިދިނުން،" ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިސޯޓުތަކާއެކު އެ ކުންފުނިން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ރިސޯޓުތަކަށް މަސް ވިއްކޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް، މިކަމަށް އަދިވެސް އެދެވޭ ފުރިހަމަ ހައްލެއް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް، މަސްވެރިކަން ޕްރޮމޯޓް ކުރާ ކުންފުނިން ބައިނަލްއަގިވާމީ ބާޒާރުގެ އިތުރުން ދިވެހި ބާޒާރަށްވެސް މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މަގު ފަހިކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.