އުޅަނދުތަކުގެ ބާރުބޮޑުވުމަށް ނިމުމެއް: 11 ދާއިރާއަކުން ޓްރެފިކް ނިޒާމު އިސްލާހުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 52ސ
އުޅަނދުތަކުގެ ބާރުބޮޑުވުމަށް ނިމުމެއް: 11 ދާއިރާއަކުން ޓްރެފިކް ނިޒާމު އިސްލާހުކުރަނީ

މާލެއަކީ ދިވެހިރާއްޖޭގެ އިޤްތިސާދީ އަދި އިޖުތިމާއީ ހަބެވެ.

ނަމަވެސް، މިއަދު މާލޭގެ މަގުތަކުން ފެންނަނީ ނުތަނަވަސްކަމާއި، ތޮއްޖެހުމާއި، ދަތުރުފަތުރުގެ ދަތިކަމެވެ. އާބާދީ އިތުރުވެ، އުޅަނދުފަހަރުގެ އަދަދު އިންތިހާއަށް ގިނަވުމުގެ ސަބަބުން މާލޭގެ މަގުތައް ވަނީ ހާސްކަމެއްގެ ތެރޭގައެވެ. މި މައްސަލައަށް ދާއިމީ އަދި ވަށާޖެހޭ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން މިހާރު ވަނީ ޚާއްސަ އިސްކަމެއް ދީގެން ބޮޑެތި މަޝްރޫއުތަކެއް ފަށާފައެވެ. އެކަމަށް ހާއްސަ އޮފީހެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން ހުޅުވާފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަހައްދުގައި 254,557 އަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. މި އާބާދީއާ އެކު، މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު ވަނީ 131,689 އަށް އަރާފައެވެ. އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ، މާލެ ސަރަހައްދުގެ ބިމުގެ %82 ބޭނުންކުރެވެނީ އުޅަނދުފަހަރު ދުއްވުމަށާއި ޕާކުކުރުމަށް ކަމަށްވުމެވެ. މީހުންނަށް ހިނގާބިނގާވެ އުޅުމަށް ބޭނުންކުރެވެނީ އެންމެ %18 އެވެ. މިއީ ތިލަފަތް ހަމަ ނޫން، އަދި ނުހަނު ބޮޑު ގޮންޖެހުމެކެވެ.

މި ބޮޑު މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި ޚާއްސަ އިދާރާއެއް ވަނީ އުފައްދާފައެވެ. އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި އޮފީހުގެ މައިގަނޑު މަޤްސަދަކީ މާލޭގެ ޓްރެފިކް މައްސަލައަށް ސައިންޓިފިކް އަދި ދާއިމީ ހައްލެއް ހޯދުމެވެ. މި މަސައްކަތް ކުރިއަށްދާނީ ވަކިވަކި 11 ދާއިރާއަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

·       ޤާނޫނީ އިސްލާޙުތައް ގެނައުން

·       ދަތުރުފަތުރުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުން

·       އާންމުން ހޭލުންތެރިކުރުން

·       މަގުތަކުގެ ކުރެހުންތަކާއި ޓްރެފިކް ނިޝާންތައް ރަނގަޅުކުރުން

·       ޓްރެފިކް ފްލޯ އިތުރަށް ހަރުދަނާކުރުން

·       ޒަމާނީ ޓްރެފިކް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުން

·       ޕާކިންގް މައްސަލައަށް ޓެކްނޮލޮޖީގެ އެހީގައި ހައްލު ހޯދުން

·       އާންމު ދަތުރުފަތުރާއި ބަހުގެ ޚާއްޞަ ރޫޓުތައް ކަނޑައެޅުން

·       އުޅަނދުތައް ޗެކްކުރާ އޮޓޮމޭޓެޑް ނިޒާމެއް ގާއިމުކުރުން

·        އާރބަން ޕްލޭނިންގް އާއި ސިޓީ މެނޭޖްމަންޓް ހަރުދަނާކުރުން،

·       ބާވެފައިވާ އުޅަނދުތައް ނައްތާލާނެ ވަސީލަތްތައް އުފެއްދުން

މި ކަންކަން ތަންފީޒުކުރުމުގައި އެކި މުއައްސަސާތަކުގެ އެހީތެރިކަން ލިބޭނެއެވެ. މީގެ ތެރޭގައި ފުލުހުންގެ ޚިދުމަތް، އެޗް.ޑީ.ސީ، ހައުސިންގް މިނިސްޓްރީ، އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މާލެ ސިޓީ ކައުންސިލް ހިމެނެއެވެ. މިއީ ހަމައެކަނި އޮފީހެއްގެ މަސައްކަތެއް ނޫން ކަމަށާއި، މިއީ މުޅި ދައުލަތުން ގުޅިގެން ކުރާ ގައުމީ މަސައްކަތެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ބައެއް ސަރަހައްދުތަކުގައި ދަނީ ފެންނަމުންނެވެ. އެގޮތުން، މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއަކީ ފާހަގަކޮށްލެވޭ ބޮޑު ބަދަލެކެވެ.

މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުމަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތާރު ނާޅާ ހުރި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗް މަހުގެ 23 ގައެވެ. ހަތަރު މަސް ފަހުން އެ ސަރަހައްދު ހުޅުވާލުމަށް ތައްޔާރުވަމުން އަންނައިރު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ އެއްގަމު އުޅަނދު ފަހަރު ފަސޭހަކަމާއެކު ދުއްވުމަށް ފަސޭހަވުމެވެ. ޖާގަ ތަނަވަސް ސަރަހައްދަކަށް އެ ސަރަހައްދު ބަދަލުވުމެވެ.

މީގެކުރިން ތާރު ނާޅާ އޮތް މާރުކޭޓު ސަރަހައްދާއި، ނަސަންދުރަ އަދި ބީ.އެމް.އެލް ހުންނަ ސަރަހައްދަކީ އާދަޔާޚިލާފަށް ބާރުބޮޑު، އަޑިގުޑަން ގިނަ މަގުތަކެކެވެ. ވަކިން ހާއްސަކޮށް މާރުކޭޓު ސަރަހައްދަކީ ޓްރެފިކް ބޮޑުކަމުން އެކްސިޑެންޓުތައް ގިނަ، މީހުން ހިނގާބިގާ އުޅެން ބޮޑޫ ތަކުލީފަކަށްވެފައިވާ ސަރަހައްދަކަށްވީ ނަމަވެސް، މިހާރު އެ ސަރަހައްދުތަކުގައި ތާރު އަޅައި، ފަޅުން ބައެއް ހިއްކައިގެން މަގުތައް ފުޅާކުރުމުގެ ސަބަބުން ޓްރެފިކް ފްލޯއަށް ވަނީ ބޮޑު ލުޔެއް ލިބިފައެވެ. ބާސެލޯ ނަސަންދުރާއިން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް މިމަހުގެ 26 ގައި ހުޅުވާލުމަށް ތައްޔާރުވަމުންދާއިރު، މިއީ މާލޭގެ މޫނުމަތި ބަދަލުކޮށްލާނެ ކަމެކެވެ.

މަގުތައް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރު އެޅުމަކީ ހަމައެކަނި ދުއްވާ އެއްޗެއްސަށް ލިބޭ ފަސޭހައެއް ނޫނެވެ. މިއީ އެކްސިޑެންޓްތައް މަދުވެ، މީހުންގެ މުދަލާއި ފުރާނައަށް ލިބޭ ރައްކާތެރިކަމެއްވެސް މެއެވެ. މާލޭގެ މަގުތަކަކީ ހިނގާ މީހާއަށާއި ދުއްވާ މީހާއަށްވެސް އަމާން، ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ސަރުކާރުން ކުރާ މި މަސައްކަތަކީ ދިވެހި ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު އުންމީދެކެވެ.

މާލޭގެ ތޮއްޖެހުމުގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށް ވިޔަސް، މިހާރު ފެށިފައިވާ ހަރުދަނާ ސިޔާސަތުތަކާއި އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމެވެ. 11 ދާއިރާއަކުން ކުރިއަށްދާ މި ޕްލޭނަކީ މާލެއަކީ ދިރިއުޅެން ފަސޭހަ، ތަރުތީބުވެފައިވާ ސިޓީއަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ. ރައްޔިތުންގެ އެއްބާރުލުމާއެކު، މާލޭގެ މަގުތަކުން ތޮއްޖެހުން ފިލައި، އަމާން މާހައުލެއް ފެނިގެންދާނެ ދުވަސް މާލަހެއް ނުވެ ފެންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މިއަދު އޮންލައިން