މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ރާއްޖޭގައި ސައިބާ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުގެ މިންވަރު 105 އިންސައްތައަށް ވުރެ އިތުރުވެފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކުށްކުރާ މިންވަރު އިންތިހާއަށް އިތުރުވަމުންދާކަން ހާމަވާ ތަފާސްހިސާބެކެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހުށަހަޅާފައިވަނީ ސައިބާ ކްރައިމްގެ 512 މައްސަލައެވެ. ނަމަވެސް، މިއަހަރުގެ މި މުއްދަތުގައި އެ އަދަދު ވަނީ 1,053 އަށް އިތުރުވެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނައަށް ވުރެ ވެސް ބޮޑު އިތުރުވުމެކެވެ.
މިއަހަރުގެ މިހާތަނަށް ޖުމްލަ 884 މައްސަލައެއްގެ ތަޙުޤީޤު ކުރިއަށްދާއިރު، އެކި ފިޔަވަޅުތައް އެޅުމަށްފަހު 457 މައްސަލައެއް ވަނީ ނިންމައި ފައިލްކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި މިއަހަރުގެ ކުރިން ހުށަހަޅާފައިވާ ބައެއް މައްސަލަތައް ވެސް ހިމެނެއެވެ.
ސައިބާ ކުށްތަކުގެ ނިސްބަތް މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތައް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވުން ކަމުގައި ފުލުހުން ވިދާޅުވިއެވެ. "މި ތަފާސްހިސާބުތަކުން ދައްކައިދެނީ، ކުށްކުރާ ފަރާތްތަކުން އާންމުންގެ އަތުން ފައިސާ ފޭރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާ މިންވަރު ފުޅާވެފައިވާ މިންވަރު" ކަމަށް ފުލުހުން ފާހަގަކުރެއްވިއެވެ.