ހުޅުމާލެ އާއި ތިލަފުށީގެ ތިމާވެށީގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު އަލީ ޝަރީފް އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 43ސ
ހުޅުމާލެ އާއި ތިލަފުށީގެ ތިމާވެށީގެ މަޝްރޫއުތަކާ ގުޅޭގޮތުން މިނިސްޓަރު އަލީ ޝަރީފް އެޗްޑީސީގެ އެމްޑީއާ ބައްދަލުކުރައްވައިފި

ހުޅުމާލެ އާއި ތިލަފުށީގައި ކުރިއަށްދާ ތިމާވެށީގެ ދާއިރާގެ މަޝްރޫއުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމާ ގުޅޭގޮތުން، މިނިސްޓަރު އަލީ ޝަރީފް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ޢަލީ ޒުހައިރުއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބޭއްވުނީ ހުޅުމާލެ އާއި ތިލަފުށީގައި މިހާރު ކުރިއަށްދާ ތިމާވެށީގެ މަޝްރޫއުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ދެ މުއައްސަސާގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އެ ސަރަހައްދުތަކުގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް އަމަލީގޮތުން ހިންގުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އަދި މި މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ތިމާވެށީގެ ސިޔާސަތުތަކާ އެއްގޮތަށް، ހަލުވި މިނެއްގައި ކުރިއަށް ގެންދިއުމަށް ދެ ފަރާތުން ބާރުއެޅުއްވިއެވެ.

މިނިސްޓަރު އަލީ ޝަރީފް މި ބައްދަލުވުމުގައި ވިދާޅުވީ، ހުޅުމާލެ ފަދަ އާބާދީ ބޮޑު ސަރަހައްދުތަކާއި، އިގްތިސާދީ މުހިންމު މަސައްކަތްތަކެއް ކުރެވޭ ތިލަފުށީގައި ތިމާވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޢަލީ ޒުހައިރު ވަނީ، މި މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމުމަށް މިނިސްޓްރީއަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އެޗްޑީސީގެ ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމަކީ ރަށްރަށުގެ އަސާސީ ހިދުމަތްތައް ފުރިހަމަކުރުމަށާއި، ތިމާވެށީގެ ދެމެހެއްޓެނިވި މަޝްރޫއުތައް ރަށްރަށުގައި ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން