މަހުގެ އަގު މިހާރު ހުރިވަރަށްވުރެ ދަށް ނުކޮށް ހިންގުން ހަރުދަނާ ކުރުމަކީ އަމާޒެއް: މިފްކޯ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
މަހުގެ އަގު މިހާރު ހުރިވަރަށްވުރެ ދަށް ނުކޮށް ހިންގުން ހަރުދަނާ ކުރުމަކީ އަމާޒެއް: މިފްކޯ

މަހުގެ އަގު މިހާރު ހުރިވަރަށްވުރެ ދަށް ނުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަކީ މިހާރުގެ އެންމެ ބޮޑު އަމާޒު ކަމަށް މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަޙްމަދު އަނަސްއެވެ.

މިފްކޯގެ ސީއީއޯ އަނަސް ވިދާޅުވީ ސަރުކާރަށް ބަރޯސާނުވެ، ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގެ ޤާބިލްކަން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އޮޕަރޭޝަނަލް އެކްސެލެންސް ގެނެވޭ ގޮތަށް މަސްގަތުމުގެ ކަންކަން ބައްޓަންކުރުމަކީ ކުންފުނީގެ މައިގަނޑު މަޤްޞަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަނަސް ވިދާޅުވީ، "މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އޮޕަރޭޝަނަލް އެކްސެލެންސް ގެނެވޭނެ ގޮތްތަކަށް އަޅުގަނޑުމެން މަސްގަތުން. އަޅުގަނޑުމެން އެންމެ ކޮސްޓް އިފެކްޓިވްކޮށް އޮޕަރޭޝަންސް ރާވާ، އަދި ޚާއްސަކޮށް މިހާރު މަހުގެ އަގު އެހެރި 20ރ. އަގުގައި ހިފަހައްޓާ އެ ލެވެލްގައި މަހުގެ އަގު ހިފަހައްޓާ، އޮޕަރޭޝަނަލީ އަޅުގަނޑުމެން ސްޓްރެޓެޖިކަލީ އިމްޕްރޫވް ކޮށްގެން މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތަށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުން،" ކަމަށެވެ.

މިފްކޯއިން މަސްވެރިން އަތުން މަސްގަންނަ އަގަށް ބަދަލު ގެނެސްފައިވަނީ މިދިޔަ ޖޫން މަހުގެ ކުރީކޮޅުގައެވެ. އެ ބަދަލާއެކު މިހާރު މަސްވެރިން އަތުން މަސްގަންނަނީ ކިލޯއަކަށް 20 ރުފިޔާގެ މަގުންނެވެ.

މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން، ކުންފުނީގެ ހުރިހާ އުޅަނދަކާއި ބަނދަރަކުން ވެސް ކިލޯއަކަށް 20 ރުފިޔާގެ މަގުން މަސް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ މަސްވެރިންނަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިއަދު އޮންލައިން