މިފްކޯގެ މަސައްކަތްތައް ހަރުދަނާކުރެވި، މަސްގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުތަކުން ޒަމާންތަކެއް ވަންދެން ގެންގުޅުނު ސިޔާސަތުތައް ބަދަލުވާންޖެހޭ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ 40 އަހަރު ވަންދެން ފެލިވަރުގައި ޤާއިމުކޮށްފައިވާ ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިއިރު، ރާއްޖޭގައި މަސް ބަންދުކުރުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުރީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ވަޒީރު ވިދާޅުވީ، މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރިއިރު، އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހުނު ކަމަށެވެ. އެ ފައިސާ މެދުވެރިކޮށް އިންފްރާސްޓްރަކްޗަރ ތަރައްޤީ ނުކުރެވުނީ ކީއްވެތޯ ވަޒީރު ވަނީ ސުވާލު އުފައްދަވާފައެވެ.
ސަރުކާރުގެ މިހާރުގެ އަމާޒަކީ މަހަށް އަގު އެއްކޮށްގެން ބޭރުކުރުން ކަމަށް ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، "އަޅުގަނޑުމެން އެންމެން އެބަ ޤަބޫލުކުރަން، ހުރިހާ ރައީސުން އެބަކިޔާ ދިވެހިރާއްޖޭގެ މަހަށް އާމްދަނީ އިތުރު ކުރެވޭނީ މަހަށް އަގު އެއްކޮށްގެން ބޭރު ކުރީމަކަން. އެކަމަކު އެކަކުވެސް ނުވޭ އެކަން ކޮށްގެންނެއް. ހަމަ ސިޔާސީގޮތުން ވޯޓު ހޯދުމަށްޓަކައި ސަބްސިޑީ ދީދީ މިތިބެނީ. އަޅުގަނޑު މިއަދު ދަންނަވަން ކެރޭ އިނގޭތޯ އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން."
މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫއުތަކާއެކު ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިން ގުނަ ކުރެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މިއީ މަސްވެރިކަމުގެ ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.