މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ގުރޫޕް އޭގެ މެޗުތަކުން ސަންކުއިކް ލިލީ އާއި ސިފައިން މޮޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލް: ގުރޫޕް އޭގެ މެޗުތަކުން ސަންކުއިކް ލިލީ އާއި ސިފައިން މޮޅުވެއްޖެ

މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގެ ގުރޫޕް އޭގައި އިއްޔެ ކުޅުނު މެޗުތަކުން ސަންކުއިކް ލިލީ އާއި ދިވެހި ސިފައިންގެ ކުލަބް (ޑީއެސްސީ) މޮޅުވެއްޖެއެވެ. މާފަންނު ކުޅިވަރު އެކުވެނީގެ އެއްނަންބަރު ކުރިކެޓް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.

އިއްޔެ ކުޅުމަށް ހަމަޖެހިފައި އޮތް ފުރަތަމަ މެޗުގައި ބައްދަލުކުރަން އޮތީ ސަންކުއިކް ލިލީ އާއި ކަރުދާސް ކުރިކެޓް ކުލަބެވެ. ނަމަވެސް، މި މެޗަށް ކަރުދާސް ކުރިކެޓް ކުލަބުން ހާޒިރުނުވެ މެޗު ދޫކޮށްލުމާ ގުޅިގެން، ސަންކުއިކް ލިލީއަށް ވަނީ މެޗު ލިބިފައެވެ.

އިއްޔެގެ ދެވަނަ މެޗުގައި ކިންޒާ ކެފޭއާ ވާދަކޮށް ސިފައިންގެ ޓީމު މޮޅުވީ 11 ލަނޑުންނެވެ. މި މެޗުގެ ގުރުދިމާވުމުން ކިންޒާ ޓީމުން ގަސްދުކުރީ ފުރަތަމަ ހޮވުމަށެވެ. އެއާއެކު ސިފައިންގެ ޓީމުން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 109 ލަނޑު ހެދިއެވެ. ސިފައިންގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 21 ބޯޅައިން 34 ލަނޑު އެއްކުރި މުހައްމަދު ޝަރީފް އެވެ.

ޖަވާބުގައި ކިންޒާ ކެފޭއިން ކުޅެން އަރައި 8 އޯވަރު ހަމަވިއިރު 3 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 98 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 9 ބޯޅައިން 23 ލަނޑު ހެދި މޫސާ މިޖާދު އެވެ.

މި ނަތީޖާއާއެކު، ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް 6 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައިގައި އޮތީ ސިފައިންގެ ކުލަބެވެ. ދެވަނައިގައި އޮތް ސަންކުއިކް ލިލީއަށް 4 ޕޮއިންޓް ލިބިފައިވާއިރު، ކަރުދާސް ކުރިކެޓް ކުލަބަށް އަދި މިހާތަނަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިއަދު އޮންލައިން