މައިލޯ ރަމަޟާން ކުރިކެޓު ކާނިވަލުގެ އޯޕަން ޓޭޕް ބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުތަކަށްފަހު، މީޓިއޮސް އިން ގުރޫޕް ސީގެ އެއްވަނަ މަގާމު ކަށަވަރުކޮށްފިއެވެ. މީޓިއޮސް މި މަގާމު ހޯދީ މިއަދު ކުޅުނު މެޗުގައި އޮފް އެފްސީއާ ވާދަކޮށް 48 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި މެޗުގެ ގުރުދިމާވުމުން މީޓިއޮސް ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި އެންމެ ކުޅުންތެރިއަކު ނުބައިވެގެން 128 ލަނޑު ހެދިއެވެ. އެ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 12 ބޯޅައިން 32 ލަނޑު އެއްކުރި ޝަފްރާޒް ޖަލީލްއެވެ. ޖަވާބުގައި އޮފް އެފްސީން ކުޅެން އަރައި 7.4 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 80 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 15 ބޯޅައިން 32 ލަނޑު ހެދި އަބްދުﷲ ރަފީއުއެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗުގައި ފިނޮޅު ޓީމުން ވަނީ ޓީއެފްޓީއާ ވާދަކޮށް 30 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ޓީއެފްޓީން ގުރުދިމާވުމުން ގަސްތުކުރީ ހޮވުމަށެވެ. ފުރަތަމަ ފިނޮޅުން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި 2 ކުޅުންތެރިން ނުބައިވެގެން 133 ލަނޑު ހެދިއެވެ. ފިނޮޅު ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 11 ބޯޅައިން 32 ލަނޑު ހެދި މުއާވިޔަތު އަބްދުލް ޢަނީއެވެ.
މި ލަނޑުތަކަށް ޖަވާބު ދިނުމަށް ޓީއެފްޓީން ކުޅެން އަރައި 8 އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިވެގެން ހެދުނީ 103 ލަނޑެވެ. ޓީއެފްޓީން އެންމެ ރަނގަޅަށް ކުޅުނީ 10 ބޯޅައިން 32 ލަނޑު ހެދި މުހައްމަދު އަނަސް އަބްދުލް ޖަލީލެވެ.
ކުޅުނު ދެ މެޗުންވެސް މޮޅުވެ 4 ޕޮއިންޓާއެކު ގުރޫޕް ސީގެ އެއްވަނައިގައި މީޓިއޮސް އޮތްއިރު، ފިނޮޅު ޓީމުން ވަނީ މިއަދުގެ މޮޅާއެކު 2 ޕޮއިންޓް ހޯދާފައެވެ.