ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން: އޯޕަން ފިރިހެން ސިންގަލްސްގެ ފައިނަލަށް ޒަޔާނާއި ނިބާލް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން: އޯޕަން ފިރިހެން ސިންގަލްސްގެ ފައިނަލަށް ޒަޔާނާއި ނިބާލް

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތުގެ އޯޕަން ކެޓަގަރީގެ ފިރިހެން ސިންގަލްސް އިވެންޓުގެ ފައިނަލަށް ރިވައިވަލް ސްޕޯޓްސްގެ ދެ ކުޅުންތެރިން ކަމުގައިވާ ޒަޔާން ޒަކީ އާއި ނިބާލް އަހުމަދު ވަނީ ދަތުރުކޮށްފައެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިބާލް ވަނީ ރިވައިވަލްގެ އަނެއް ކުޅުންތެރިއެއް ކަމަށްވާ ހައިޝަމް އިބްރާހިމް އަލީ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގައި ނިބާލް ވަނީ 21-03 އަދި 21-12 އިން މޮޅުވެފައެވެ. ނިބާލްގެ ފަރާތުން ފެނުނު ހަރުދަނާ ކުޅުމަކުން އޭނާ ވަނީ ފައިނަލަށް ފަސޭހައިން ދަތުރުކޮށްފައެވެ.

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބައްދަލުކުރި ރިވައިވަލްގެ ޒަޔާން ޒަކީ އާއި ހަސަން ޒަޔާން މުހައްމަދުގެ މެދުގައި ކުޅުނު ވާދަވެރި މެޗެއްގައި ޒަޔާން ޒަކީ ވަނީ 2-1 އިން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ހަސަން ޒަޔާން 21-11 އިން ކާމިޔާބުކުރި ނަމަވެސް، ފަހު ދެ ސެޓުގައި ޒަޔާން ޒަކީ ވަނީ 21-13 އަދި 21-12 އިން މޮޅުވެ ފައިނަލަށް ދަތުރުކޮށްފައެވެ.

މި މުބާރާތަކީ ރާއްޖޭގެ ބެޑްމިންޓަން ކުޅުމުގެ ދާއިރާގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ. މުބާރާތުގައި އޯޕަން ކެޓަގަރީގެ އިތުރުން، ސްޕެޝަލް އޮލިމްޕިކްސް އަދި ޕެރަ ކެޓަގަރީގެ އިވެންޓްތައް ކުރިއަށްދާއިރު، 9 އަހަރުންދަށުން ފެށިގެން 19 އަހަރުންދަށުގެ އުމުރުފުރާތަކުގެ މުބާރާތްތައްވެސް ކުރިއަށްދެއެވެ.

މި މުބާރާތަކީ ގިނަ އެކަޑަމީތަކަށް ފުރުސަތު ދީގެން ބާއްވާ މުބާރާތަކަށްވެފައި، މުބާރާތުގެ ފައިނަލް މެޗުތައް ކުރިއަށްދާނެ ތާރީޚް އަދި ގަޑި އިއުލާންކުރާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން