އާދެ، އަޅުގަނޑު ދެންނެވިން، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއް ކަނޑައަޅާނެ ވާހަކަ. އެއީ، ވަރަށް މުހިންމު ސަބަބަކަށްޓަކައި ދެންނެވި ވާހަކައެއް. އަޅުގަނޑު ކުރިން ދެންނެވިން، ރައްޔިތުން ވެރިކަމަށް މީހަކު ހޮވީމަ، ރައްޔިތުންގެ މަތިން ހަނދާންނައްތާލާފައި، އޭނަގެ ވެރިކަން ދިފާޢުކުރުމަށްޓަކައި އެކިކަހަލަ ނުބައި ރޭވުންތައް ރާވައި، ޑަރޓީ ޕޮލިޓިކްސް ކުޅުމެއް ނޫނޭ، އެކަން އޮންނަ ގޮތަކީ. އަޅުގަނޑުމެން ބޭނުންވަނީ، އިޚްލާޞްތެރިކަމާ އެކީގައި ރައްޔިތުންނަށް ކަންކަން ކޮށްދޭން، އަޅުގަނޑާ ހަވާލުކުރި ފަސް އަހަރުގެ ތެރޭގައި.
އެހެންވީމާ، އަޅުގަނޑު ނިންމީ، 20 އަހަރު ދުވަހަށް، ހުރިހާ ރައްޔިތުން ކައިރީ އަހައިގެން، ރާއްޖެ ތަރައްޤީކޮށްފައި ބާއްވަން ރައްޔިތުން ބޭނުންވާ ގޮތެއް ނިންމަން. ކޮންމެ ދައުރެއް ބަދަލުވެގެން، ސިޔާސީ ބަޔަކު ބޭނުންވާ ގޮތަށް ޖަހަން އޮންނަ ބޯޅައެއްހެން ރައްޔިތުން ބޭނުންނުކޮށް، ރައްޔިތުން ކައިރީ އަހާލުމެއް، ކަހާލުމެއްނެތި، ބޭނުންހާ ގޮތަކަށް ބަދަލުކޮށްލާ ގޮތަކަށް ރާއްޖޭގެ ކަންކަން ބާއްވާކަށް ބޭނުމެއްނޫން. ހުރިހާ ރަށެއްގެ ރައްޔިތުން ކައިރީ އަހައި، ފަންނީ ބޭފުޅުން ކައިރީގައި އަހައި، ހުރިހާ ސްޓޭކް ހޯލްޑަރުންގެ މަޝްވަރާއާ އެކީގައި ހެދޭ ރާއްޖޭގެ ތަރައްޤީގެ ޕްލޭނެއް އޮންނަން ބޭނުމޭ. އަދި އެއީ، ޤާނޫނުއަސާސީންވެސް ބާރު ލިބޭ، ޤާނޫނެއް އެކަމަށް ޚާއްޞަ ކުރެވިގެންދާ ކަމަކަށް ހަދަން ބޭނުމޭ. އެކަމަށް އަޅުގަނޑު ވަޢުދުވިން. އެ މަސައްކަތް އިރާދަކުރެއްވީތީ ފެށިފައި އެވަނީ. މިކަންވެސް އޮޅުވާލަން، ބައެއް މީހުން އެބަ މަސައްކަތް ކުރޭ. އެހެންވީމާ، އޮޅުވާލަން މަސައްކަތް ކުރާތީ، ހަނދާން އާކޮށްލަދޭން އަޅުގަނޑު ބޭނުން.
އަޅުގަނޑު ހުވާކުރި ދުވަހު ހުވާކޮށް، ރައްޔިތުންނާ ވާހަކަ ދައްކަމުން ދެންނެވިން.
"މިކަމުގެ ބޭނުމަކީ، ދިވެހި ރައްޔިތުންގެ ހުވަފެންތަކާއި، ތަޞައްވުރުތަކުގެ އެހީގައި، ރައްޔިތުން އެދޭގޮތަށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ކުރަހައި ބައްޓަންކުރުން. ރައްޔިތުންގެ އެ ހުށަހެޅުންތަކުގެ މައްޗަށް، ކުރިއަށް އޮތް 20 އަހަރު ދުވަހަށް، ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލައި، އެ ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދިނުން. މި ވަގުތަށް އެކަށައެޅިފައި ހުރި ކަންކަމަށް ބަލާއިރުވެސް، ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގައި، އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ދެ ޒޯނެއް ތަރައްޤީ ކުރަން ކަނޑައެޅިފައި ވާނެ. ހަމަ އެހެންމެ، ރާއްޖޭގެ އެހެން ސަރަހައްދުތައް ޝާމިލްވާހެން، 7 އަރބަން ސެންޓަރެއް، ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށްޓެއް، ރާއްޖޭގެ 7 ސަރަހައްދެއްގައި ފައްކާކުރެވޭނެ."
އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކަ، އެއް ވާހަކައެއް ދައްކަނީ. ސިޔާސީގޮތުން އަޅުގަނޑުމެންގެ ވާދަވެރިން، ވާހަކަ އޮޅުވާލަން ދޮގުހަދަނީ. ދޮގުހަދާ މީހުންނަށް ހެދެނީ ދޮގުކަންނޭނގި، އަޅުގަނޑުމެން ބޮލުގައި ދޮގުއަޅުވަން އުޅުމަކީ، އެ ބޭފުޅުން އަމިއްލައަށް ފަޟީޙަތްވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ.
އާދެ، އެހެންވީމާ، މި ދެންނެވި ބީދައިން، އަޅުގަނޑުމެން ޤައުމު އިރާދަކުރެއްވިއްޔާ ތަރައްޤީ ކުރަން ބޭނުންވަނީ. އެއީ ކީއްވެތޯ؟ އަޅުގަނޑުމެންގެ ޤައުމަކީ ވަރަށް ނާޒުކު ޤައުމެއް. ނާޒުކޭ މި ދަންނަވަނީ، ތިމާވެށީގެ ގޮތުން ނާޒުކު ވާހަކަ. ސަރަހައްދީ ތަރައްޤީ ބޭނުންވަނީ އެހެންވެގެން. 200 ރަށުގައި، 186 ރަށުގައި އަޅުގަނޑުމެންނަކަށް ނޫޅެވޭނެ. މި ފެކްޓް ގަބޫލުކުރަން އެބަޖެހޭ. ކްލައިމެޓް ޗޭންޖް އިޒް ރިއަލިޓީ.
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން