އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޫގަލް ޕިކްސެލް ފޯނުތަކަށް 5ޖީ ޚިދުމަތް ތައާރަފުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 26ސ
އުރީދޫއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޫގަލް ޕިކްސެލް ފޯނުތަކަށް 5ޖީ ޚިދުމަތް ތައާރަފުކޮށްފި

ގޫގުލް ޕިކްސެލް ސްމާޓްފޯނުތަކަށް މިހާރު 5ޖީގެ ޚިދުމަތް އުރީދޫ މެދުވެރިކޮށް ފޯރުކޮށްދޭން ފަށައިފިއެވެ. މިއާއެކު ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް އުރީދޫގެ 5ޖީ ނެޓްވޯކް މެދުވެރިކޮށް ހަލުވި އިންޓަނެޓް ސްޕީޑާއެކު އިތުރަށް ފުރިހަމަވެފައިވާ މޮބައިލް ތަޖުރިބާއެއް ލިބިގެންދާނެއެވެ.

ނޮވެންބަރު މަހުގެ އަޕްޑޭޓާއެކު، ގޫގުލްގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓަށްފަހު އުރީދޫ ނެޓްވޯކްގައި ގޫގުލް ޕިކްސެލް ބޭނުންކުރާ ފަރާތްތަކަށް މިހާރު 5ޖީގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން މި އަޕްޑޭޓާއެކު ވޮއިސް އޯވާ އެލްޓީއީ (ވީއޯއެލްޓީއީ) ވެސް ބޭނުންކުރެވޭނެތީ، 4ޖީ ނެޓްވޯކް މެދުވެރިކޮށް ކަސްޓަމަރުންނަށް އިތުރަށް ސާފުކޮށް ފޯނު ކޯލުތައް ކުރެވޭނެއެވެ.

މި އައު އަޕްޑޭޓުން ގޫގުލް ޕިކްސެލްގެ ގިނަ ސްމާޓްފޯނުތަކަކަށް މި ޚިދުމަތް ސަޕޯޓްކުރެއެވެ. އޭގެ ތެރޭގައި ޕިކްސެލް 7، ޕިކްސެލް 8، ޕިކްސެލް 9، ޕިކްސެލް 10 އަދި ޕިކްސެލް 11 ސީރީޒްގެ އިތުރުން ޕިކްސެލް ފޯލްޑް ޑިވައިސްތަކާއި، މި ޚިދުމަތް ސަޕޯޓްކުރާ އޭ-ސީރީޒް އަދި ޕްރޯ ފޯލްޑް މޮޑެލްތައް ހިމެނެއެވެ.

މި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ”ގޫގުލް ޕިކްސެލް ޑިވައިސްތަކަށް 5ޖީ ލިބުމަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެދެމުންދިޔަ ކަމެއް، އަދި އެންމެ ފަހުން އެކަން ހަގީގަތަކަށް ހަދައިދެވުނު ކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އުރީދޫއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އަޑުއަހައި، ކަސްޓަމަރުންނަށް އެންމެ މުހިންމު ކަންކަން ފަހިކޮށްދިނުން. މި ޚިދުމަތަކީވެސް މިކަމުގެ ވަރަށް ފުރިހަމަ މިސާލެއް،“ ކަމަށެވެ.

މި ޚިދުމަތް ސަޕޯޓްކުރާ ގޫގުލް ޕިކްސެލް ސްމާޓްފޯނުތައް ގެންގުޅޭ ކަސްޓަމަރުންނަށް، ފޯނުގެ ސޮފްޓްވެއާ އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކޮށްލުމަށްފަހު މޮބައިލް ނެޓްވޯކް ސެޓިންގްސްއިން 5ޖީ އެނޭބަލްކޮށްލައިގެން ފަސޭހަކަމާއެކު 5ޖީ ބޭނުންކުރަން ފެށޭނެއެވެ. އުރީދޫގެ 5ޖީ ނެޓްވޯކް ކަވަރޭޖް ލިބޭ ހުރިހާ ސަރަހައްދަކުންވެސް 5ޖީ ކަނެކްޓިވިޓީ ލިބޭނެއެވެ.

މި ކާމިޔާބީގެ ސަބަބުން، އެންމެ ފަހުގެ ޓެކްނޮލޮޖީ ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށާއި، މުޅި ރާއްޖޭގައި ޒަމާނީ މޮބައިލް ކަނެކްޓިވިޓީ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ބާރެއް ލިބިގެންދެއެވެ.

ޑިޖިޓަލް ދިވެހިރާއްޖެއެއް ބިނާކުރުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ކަސްޓަމަރުން އަބަދުވެސް ގުޅިފައި ތިބޭނެކަން ކަށަވަރުކޮށްދީ، ފުރިހަމަ ޑިޖިޓަލް ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނިން ދަނީ ނެޓްވޯކްގެ ގާބިލުކަން އިތުރުކޮށް އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރަމުންނެވެ.

މިއަދު އޮންލައިން