ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އެކަށީގެންވާ މިންވަރަކަށް އުފައްދަން މިހައިތަނަށް ދުވަހަކުވެސް ސަރުކާރުން ހިންގާފައި ނުވާވަރުގެ ބޮޑު މަޝްރޫޢެއް ހިންގަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.
އެމަޝްރޫޢުގެ ސަބަބުން ތަފާތު ގިނަ ބާވަތްތަކެއްގެ ކާބޯތަކެތި ރާއްޖެއަށް އެތެރެކުރުން ބޮޑުތަނުން މަދުކުރެވޭނެއެވެ. ކާބޯތަކެތި ލިބޭނެ ކަމުގެ ޔަޤީންކަން އިތުރުވުމުގެ އިތުރަށް އެކަމަށް ހޭދަކުރަންޖެހޭ ބޭރުފައިސާތަކުންވެސް ބޮޑުބައެއް ސަލާމަތްކުރެވޭނެއެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅު:
އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދު ސިންދަފާތު ކުރުމުގެ ތެރެއިން އަލަށް ސަމާލުކަމެއް ދޭން މި ފެށީ ދަނޑުވެރިކަމަށް. ދަނޑުވެރިކަމާ ބެހޭ ވުޒާރާއެއް، އަޅުގަނޑު ވަޢުދުވީ ގޮތަށް އުފެއްދީ އެހެންވެގެން. ދަނޑުވެރިކަމުގެ ދާއިރާއިން އިރާދަކުރެއްވިއްޔާ އިންވެސްޓް ކުރުމަށްޓަކައި. ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ މައިގަނޑު ބާވަތްތައް ރާއްޖޭގައި އުފެއްދުމަށްޓަކައި މިހާރު އެކަމާ ގުޅޭ އެގްރީމަންޓްގައި ސޮއިކުރެވިގެން، މަސައްކަތުގެ އިނީޝިއަލް ސްޓޭޖްގައި މިދަނީ.
ބޮޑު މަސައްކަތެއް. އެހެން ނަމަވެސް، ޔަޤީންކަމާ އެކީގައި ހާސިލުކުރެވޭނެ މަސައްކަތެއް. އެހެންވީމާ، އެގްރިކަލްޗަރގެ ދާއިރާއިންވެސް އަޅުގަނޑުމެން މިގެންދަނީ އަޅުގަނޑުމެންގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި ކުރެވޭނެ މަސައްކަތްތައް ކުރަމުން.
އާދެ، އަޅުގަނޑު މި ދަންނަވާ ފަދައިން، މިކަންކަން މި ކުރިއަށް މިގެންދެވެނީ، ރައްޔިތުން ތިޔަ ދެއްވާ އެއްބާރުލުމާ އެކީގައި. އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ރައްޔިތުންގެ ފަޅީގައި ތިބެގެން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއްވެސް ހާލެއްގައި، އެއްވެސް ހިނދުކޮޅަކަށް އަޅުގަނޑުމެން ހަނދާނެއް ނުނެތޭ އެކަމެއް. ރައްޔިތުންކަން މިކަންކަން ކުރަން ހަވާލުކުރީ. އެ ހަނދާންކޮށްގެން، ރައްޔިތުންގެ ފަޅީގައި ތިބެގެން، ސަރުކާރު އޮވެގެން ކުރާ މަސައްކަތް އަޅުގަނޑު މިކުރަނީ.
ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ހިންގާ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވަނީ-
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން