ފަލަސްޠީނަށް ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ފަލަސްޠީނަށް ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވައިފި

ފަލަސްޠީނުގެ މިނިވަންކަން އިޢުލާނު ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށް މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ފަލަސްޠީނުގެ މިނިވަންކަން އިޢުލާން ކުރިތާ 36 އަހަރު ފުރުމުގެ މުނާސަބަތުގައި ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން، އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް ކުރަމުން ގެންދާ މަސައްކަތުގައި، އެ ރައްޔިތުންގެ ސާބިތުކަމާއި ހިތްވަރުގަދަކަމަށް ތަޢުރީފު ކުރައްވާފައިވެއެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ އެއްބާރުލުން އަބަދުވެސް ފަލަސްޠީނަށް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޢިއްޒު ދެއްވާފައިވެއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތަކަށް ދިވެހިރާއްޖެއިން އަބަދުވެސް ވަކާލާތުކުރައްވާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނުގެ މެސެޖުގައި ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، ފަލަސްޠީނުގެ ރައީސް ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު މުސްޠަފާއަށާއި، އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ޞުލްޙައާއި ކުރިއެރުމަށް އެދިވަޑައިގެންފައިވެއެވެ.


މިއަދު އޮންލައިން