އެހެންވީމާ، އަޅުގަނޑުމެންގެ އެބައޮތް ޕްލޭނެއް. އަޅުގަނޑުމެންނަށް މިކަން ކުރަންވާގޮތް އިރާދަކުރެއްވީތީ އެނގޭ. އަޅުގަނޑުމެންގެ ޓީމަކީ ވަރަށް ޓެކްނިކަލް ވަރުގަދަ ޓީމެއް. އަޅުގަނޑުމެންގެ އިޤްތިޞާދު ވަރުގަދަކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް އެހެންވެގެން މި ކުރިއަށް ގެންދަނީ.
ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކީގައި، ލޯކަލް ކަރަންސީ ސެޓްލްމަންޓް އެގްރީމެންޓެއްގައި އެވަނީ ސޮއިކޮށްފައި. އިންޑިޔާ ސަރުކާރާ އެކީގައި ހަމަ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމުގެ އެމް.އޯ.ޔޫ. ޑްރާފްޓް މިހާރު ޙިއްޞާކުރެވި، ވަރަށްބާރު ސްޕީޑްގައި އެދަނީ ކުރިއަށް.
ރުޕޭ ކާޑު ތަޢާރުފް ކުރެވިއްޖެ. ރީ-ޗެކް ޕޭ ތަޢާރުފް ކުރެވިއްޖެ. އަޅުގަނޑުމެންގެ އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި، ޑައިވައިސިފައި ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތައް އެދަނީ ކުރިއަށް. އެކިއެކި ދާއިރާތަކަށް. މިހާތަނަށް އޮތީ ޓޫރިޒަމާއި މަސްވެރިކަން. އެ ނިމުނީ. އަޅުގަނޑުމެން އެހެން ހުރިހާ ދާއިރާތަކަށްވެސް ފުޅާކުރަން ބޭނުން. ބަންކަރިންގ ސަރިވސް ފަށައިފިން. އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީއެއް ޤާއިމުކޮށް، އެއަށް ބޭނުންވާ ބިލު އިރާދަކުރެއްވިއްޔާ މަޖިލީހަށް ވަރަށް އަވަހަށް ވަންނާނެ. ވަނީމަ، އެ ފާސްވެގެން އައިމަ، އިރާދަކުރެއްވިއްޔާ، އެ އުފެދުނީ އަނެއްކާ އަނެއް ދާއިރާ.
ޑިޖިޓަލް ކަރަންސީ ތަޢާރުފް ކުރުމަށް އެމް.އެމް.އޭ.އަށް އަޅުގަނޑުމެން ވާނީ ދަންނަވާފައި. ޑިޖިޓަލް ކަރަންސީ އަޅުގަނޑުމެންގެ ޤައުމަށް ގެނެވިއްޖިއްޔާ، އަނެއްކާ އިރާދަކުރެއްވިއްޔާ އެ ހުޅުވެނީ، އަނެއް ދާއިރާ. މިހެންގޮސް އިޤްތިޞާދު ޑައިވައިސިފައި ކުރުމަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަން ފަށާފައި މިވަނީ.
އަޅުގަނޑުމެންގެ އެކުވެރި ބައެއް ޤައުމުތަކާ އެކީގައި، ފްރީ ޓްރޭޑް އެގްރީމެންޓްތަކުގައި ސޮއިކުރެވި، އޭގެ ސަބަބުން ޢާންމު ވިޔަފާރިތަކަށް، ވިޔަފާރިވެރިންނަށް މުއްސަނދިކަން އަންނާނެ. ދަންނަވަންތޯ، އަޅުގަނޑުމެންގެ ބަޖެޓުން އަޅުގަނޑުމެންނަށް އާމްދަނީއަށް ލިބޭ ފައިސާކޮޅެއް މަދުވެދާނެ، އިމްޕޯޓް ކުރާ އެއްޗެހިން. އެހެން ނަމަވެސް، ޢާންމު ރައްޔިތުން މުއްސަނދިވޭ އެބަ. އެއިން އެބަ ލިބޭ ޓެކްސް. ޖީ.އެސް.ޓީ. އަޅުގަނޑުމެންނަށް މުހިންމީ، ރައްޔިތުން މުއްސަނދިކޮށްގެން، ރައްޔިތުން ބާރުވެރިކޮށްގެން، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ފުޅާކުރަން.
އެހެންވީމާ، އެފް.ޓީ.އޭ.ގައި ސޮއިކުރެވިފައި މިވަނީ ޗައިނާއާ އެކީގައި. ތުރުކީއާ އެކީގައި މިދިޔަ ހަފްތާގައި ސޮއިކުރެވިއްޖެ. އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން އެހެން ޤައުމުތަކާ އެކީގައި، އިންޑިޔާއާ އެކީގައިވެސް ވާހަކަ ދައްކަމުން މިދަނީ. އިނގިރޭސިވިލާތާ އެކީގައި ވާހަކަ ދެކެވޭ އެބަ. އެހެންވީމާ، ފްރީ ޓްރޭޑް އެގްރީމެންޓްތައް ހެދިގެން މިދަނީ.
އެއަރޕޯޓުގެ މަސައްކަތް، ބާރު ސްޕީޑްގައި އެދަނީ. ވަރަށް ލަސްކޮށްދިޔަ މަސައްކަތެއް. އެހެން ނަމަވެސް، މިހާރު އެކި ބައިތައް ހުޅުވެމުން ހުޅުވެމުން އެދަނީ. އަޅުގަނޑަށް އެމް.އޭ.ސީ.އެލް.ގެ އެމް.ޑީ. އެންމެފަހުން ޔަޤީންކަން ދެއްވި ގޮތުން، މި އަންނަ އަހަރު، 2025ގެ ޖޫންއާ ހަމަޔަށްދާއިރުގައި، މިހާރު އެދާ ސްޕީޑްގައި ގޮސް، ޓަރމިނަލްގެ މަސައްކަތް ނިމޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު އުންމީދުކުރަނީ، އަދި ޔަޤީންކުރަނީ، އެ މަސައްކަތް އެހާތަނަށް ނިމޭނެކަމަށް. އޭރުން އަޅުގަނޑުމެންނަށް އެ ހުޅުވެނީ، އެންމެބޮޑު ދޮރާށި، އިޤްތިޞާދު ފުޅާކުރުމަށް، ޓޫރިޒަމް ފުޅާކުރުމަށްޓަކައި. އެހެންވީމާ، މިގޮތަށް އަޅުގަނޑުމެން މަސައްކަތްތައް މިގެންދަނީ. އިހަވަންދިއްޕޮޅުގައި އެވަނީ ވަރަށް މުހިންމު މަސައްކަތެއް ފެށިފައި. "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ"ގެ ނަމުގައި މި ފެށި މަސައްކަތް، ފަހަރަކަށްވުރެ ފަހަރެއް އެދަނީ ޙަޤީޤަތަކަށް ވަމުން.
އެހެންވީމާ، އަޅުގަނޑުމެން މިގެންދަނީ ވަރަށްބާރު ސްޕީޑްގައި، އިޤްތިޞާދީ އެޖެންޑާއެއް ތަންފީޛު ކުރަމުން. އަޅުގަނޑުމެންގެ ސްޕެޝަލް އިކޮނޮމިކް ޒޯންތައް އުފެއްދުމަށްޓަކައި ފުރުޞަތު ހުޅުވައިލެވި، މިހާރު އެވަނީ އެއްފަރާތަކުން ސޯލަރ ޕަވަރ، ސޯލަރ ސިޓީއެއް ޤާއިމުކުރުމަށް މާލެއަތޮޅު ފަޅެއް ހަވާލުކުރެވިފައި. އެކަންވެސް ޤާއިމުވެގެން ދިޔައިމާ، އަޅުގަނޑުމެންގެ ޤައުމަށް އެ ލިބެނީ، ތެލަށް ކުރާ ޚަރަދު، އެތައް ތަނަކުން ކުޑަވެގެންދިޔުމުގެ ފުރުޞަތު.
އެހެންވީމާ، މިފަދަ އެތައް ގިނަ ކަންތައްތަކެއް މިދަނީ ކުރެވެމުން. އަދި ކޮބައިތޯ. އެންމެ އާދައިގެ ލެވެލްއިން، ރައްޔިތުން ބޭނުންވަނީ ރަށުގައި ހުރެގެން އޭ.ޓީ.އެމް.އިން ފައިސާ ނަގަން. އިހަށްދުވަހު އެ މަޝްރޫޢު އެ ފެށުނީ. އެ މަޝްރޫޢު ތަންފީޛުވެ، މި އަންނަ އަހަރު ނިމޭއިރުގައި، ރާއްޖޭގެ ކޮންމެ ރަށެއްގައި، އެއީ، 100 މީހުން ތިބި ރަށެއްވިޔަސް، ކޮންމެ ރަށެއްގައި، އޭ.ޓީ.އެމް. މެޝިނެއް ހުންނާނެ. ބައެއް ބޭފުޅުން ވިދާޅުވެދާނެ، މިއީ ދެމެހެއްޓެނިވި ގޮތެއް ނޫނޭ. އެ ރައްޔިތުން، އެ ކުދިކުދި އާބާދީތައް ބޮޑު ރަށަކަށް ބަދަލުވަންދެންވެސް އެތާ ތިބެންޖެހޭ ނޫންތޯ. އެއީ، އަޅުގަނޑުގެ މެނިފެސްޓޯގައި ލިޔެފައި އޮތް ވާހަކައަކީ. ކުދިކުދި ހުރިހާ ރަށެއްގައިވެސް ރައްޔިތުން ދިރިއުޅޭހާ ހިނދެއްގައި، އެ ރަށަށް ބޭނުންވާ ކަންތައް، އެއިރަކަށް ބޭނުންވާވަރަށް، އެ އާބާދީއަކަށް ވާވަރަށް ހުންނަންވާނެ. އެހެން ނަމަވެސް، ލޯންގ ޓާރމް ޑިވެލޮޕްމަންޓް ޕްލޭނެއްގެ ދަށުން، ޕޮޕިއުލޭޝަން އެންޑް ޑިވެލޮޕްމަންޓް ކޮންސޮލިޑޭޝަން ސިޔާސަތެއްގެ ދަށުން އާބާދީއާއި ތަރައްޤީ އެއްފަސްކުރެވެން ވާނެ. އެއީ، އަޅުގަނޑުމެންގެ ސިޔާސަތަކީ.
އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ އެއަރޕޯޓް ފުޅާވެގެންދާއިރުގައި، ޓޫރިޒަމް އިތުރުވެގެންދާނެ. މި އަހަރަކީ އިރާދަކުރެއްވިއްޔާ ފުރަތަމަފަހަރަށް ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަ އަހަރު. އިރާދަކުރެއްވިއްޔާ އެކަން ޑިސެންބަރު މަހުގެ ތެރޭގައި ހާސިލުވާނެ. ދެ މިލިއަނަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ. މިހާރުވެސް އަޅުގަނޑުމެންނަށް މަތީ އެވޯޑުތައް، ޢާންމުކޮށް އަޅުގަނޑުމެންގެ ޤައުމުން ހޯދަމުންދާ އެވޯޑުތައް، މި އަހަރުވެސް އިރާދަކުރެއްވިއްޔާ ލިބެމުން އެދަނީ. އިންޑިއަން އޯޝަންގެ ލީޑިންގ ޑެސްޓިނޭޝަން އެވޯޑާއި، ހަނީމޫން ޑެސްޓިނޭޝަން އެވޯޑް އަދި އަލަށް ގްރީން ޑެސްޓިނޭޝަން އެވޯޑްވެސް ރާއްޖެއަށް ލިބިއްޖެ. އަދި އިރާދަކުރެއްވިއްޔާ، އިންޓަރނޭޝަނަލް އެވޯޑުތަކަށްވެސް އަޅުގަނޑުމެން ވަނީ ނޮމިނޭޓް ވެފައި.
އާދެ، އެހެންވީމާ، އަޅުގަނޑުމެން މި މަސައްކަތް މި ކުރަނީ މި ދެންނެވި ބީދައިން. މި އަހަރު އެކަނި 1984 ބެޑް، ޓޫރިޒަމް ބެޑް، ރާއްޖެއަށް އިތުރުކުރެވިއްޖެ. މި އަހަރު އެކަނި 1984 ބެޑް އިތުރުކުރެވިއްޖެ.
-ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން