މި ނިމިގެންދާ އަހަރުގެ ތެރޭގައި، ތުރުކީވިލާތުގައި އަޅުގަނޑުމެން އެމްބަސީއެއް ހުޅުވައިފިން. އަޅުގަނޑުމެންނަށް މިހާރު ހުއްދަ ލިބިފައި އެބައޮތް، އިޓަލީވިލާތުގައި އެމްބަސީ ހުޅުވަން. އިޓަލީ ސަރުކާރުން ހުއްދަ ދެއްވާފައި. އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން. އަޅުގަނޑުމެންގެ ޓޫރިޒަމަށް ވަރަށް މުހިންމުވީމަ، އެކަން ކުރަން ނިންމީ.
ހަމަ އެގޮތަށް، އަޅުގަނޑުމެންގެ ވިޔަފާރިއަށް މުހިންމު، އެހެން ޤައުމުތަކާ އެކީގައިވެސް އަޅުގަނޑުމެން، ބޭނުންތެރި ތަންތަނުގައި، ޤައުމަށް ފައިދާހުރި ތަންތާނގައި އެމްބަސީތަކާއި ހައިކޮމިޝަންތައް ހުޅުވުން. ހުޅުވައިގެން، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ޚާރިޖީ ދާއިރާ އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން.
އަޅުގަނޑުމެންނަށް އެންމެ މުހިންމު އެއް މައްސަލައަކީ، ފަލަސްޠީނުގެ މައްސަލަ. މި މައްސަލަ ޙައްލުކުރުމުގައިވެސް ޖެހިލުމެއްނެތި، އެންމެ ވަރުގަދައަށް އަޅުގަނޑުމެން މިދަނީ ވަކާލާތު ކުރަމުން. އައި.ސީ.ޖޭ.ގައި އޮތް މައްސަލައިގައިވެސް ދިވެހިރާއްޖެއިން މިވަނީ ބައިވެރިވެފައި. އަޅުގަނޑުމެން ދާނީ ކެރިގެން، ފަލަސްޠީނު ރައްޔިތުންގެ ޙައްޤުގައި ޖިހާދުކުރަމުން. އެއީ، އަޅުގަނޑުމެން ފަޚުރުވެރިވާނެ ކަމެއް.
މިރޭ ޖަލްސާ ނިމޭގޮތަށް، މެންދަމުން އަލިވެ، އެކެއްޖަހާކަންހާއިރު، އަޅުގަނޑު މި ފުރަނީ، އެރެބިއަން އޯ.އައި.ސީ. ސަމިޓަކަށް. މި މައްސަލައިގައި ސަޢޫދީ ރަސްގެފާނު ބާއްވަވާ ސަމިޓަކަށް ސަޢޫދީ ޢަރަބިއްޔާއަށް ދާންވެގެން. ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމުގެ މައްސަލައިގައި. ސަޢޫދީ ޢަރަބިއްޔާއަކީ، އިސްލާމީ ދުނިޔޭގެ ލީޑަރު. އިސްލާމީ ދުނިޔޭގެ އެންމެ އިސްނަގައިގެން މަސައްކަތްކުރާ، އަޅުގަނޑުމެން ފަޚުރުވެރިވާ ޤައުމު. ސަޢޫދީ ރަސްގެފާނު އެ ކުރައްވާ މަސައްކަތުގައި، އަޅުގަނޑުމެން ފުރިހަމައަށް ބައިވެރިވަން. އެހެންވީމާ، ސަޢޫދީ ޢަރަބިއްޔާއަށް އަޅުގަނޑު މިދަނީ އެކަމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަސްއިއްވަން. އާދެ، އެހެންވީމާ، ފަލަސްޠީނު މައްސަލައިގައި، ރައްޔިތުންގެ ފަރާތުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެންމެ ބާރަށް މަސައްކަތް ކުރަމުން ދާނަން. އެހެންވީމާ، އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ވަރަށް ސާފުކޮށް މިއޮތީ އެންމެންނަށް ފެންނަގޮތަށް.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިގޮތުން ބަލާއިރުގައި، ރައްޔިތުންގެ ވެރިކަމެއް، ރައްޔިތުންނާ އެކުގައި، ރައްޔިތުން ބޭނުންވާގޮތަށް ހެޔޮވެރިކަމެއް ކުރާނަމަ، ކަންކަން ކުރާނެގޮތް، އަޅުގަނޑު ހުވާކުރި ދުވަހުގެ ސްޕީޗްގައި ވަރަށް ސާފުކޮށް ސިޔާސަތު ބަޔާންކުރިން. ކޮންގޮތަކަށްތޯ ޤައުމު ބިނާކުރާނީ. އަޅުގަނޑު ދެންނެވިން. ޤައުމު ބިނާކުރުމުގައި ގެންގުޅޭނީ މައިގަނޑު ދެ ބިނާއެއް ބިނާކުރުމޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި، ފިކުރީ ބިނާކުރުމޭ. އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން، އަޅުގަނޑުގެ ސިޔާސަތު. އަޅުގަނޑު ވާނީ އެކަންތައް ތަފްޞީލުކޮށް ބަޔާންކޮށްފައި.
އަޅުގަނޑު ދެންނެވީ، "ދައުލަތެއްގެ ސަލާމަތާއި ދުނިޔޭގައި އެ ބައެއްގެ އާރާއި ބާރާއި، ޤަދަރާއި އިޙްތިރާމު ނެގެހެއްޓުމަށްޓަކައި މައިގަނޑު ދެ ބާވަތެއްގެ ބިނާކުރުމެއް ބިނާކުރޭ. އެއީ، ޢުމްރާނީ ބިނާކުރުމާއި، އިންސާނީ ބިނާކުރުން. ނުވަތަ އެހެން ޢިބާރާތަކުން ދަންނަވާނަމަ، ގެދޮރާއި، ދިފާޢީ ބުރުޒުތަކާއި، މަގުތަކާއި، ފާލަންތަކާއި، އޮފީސްތައް ބިނާކުރުމާއި، ހެޔޮވިސްނުން ހުރި ސިކުނޑިތަކެއް ލިބިފައިވާ، އަޚްލާޤު ރަނގަޅު މުޖުތަމަޢެއް ބިނާކުރުން. އެހެންކަމުން، އެއީ ޤައުމުގެ ފަސްގަނޑު ބިނާކުރުމާއި، ޤައުމުގެ ސިކުނޑިތައް ބިނާކުރުން. މި ފެށުނު ރިޔާސީ ދައުރުގެ ސިޔާސަތަކަށް ވާނީ، މި ދެ ބާވަތުގެ ބިނާކުރުން ވަޒަން ހަމަކޮށް ކުރިއަށް ގެންދިޔުން. ޢިލްމާއި ހުނަރު. އަޚްލާޤާއި ދީން. އުޅުންތެރިކަމާއި މަސައްކަތްތެރިކަން. މިކަންކަން ދިވެހި ދަރީންގެ ކިބައިގައި އަށަގެންނެވުން. ހަމައެހެންމެ، ރާއްޖޭގެ ބިނާވެށްޓަށް އާދަޔާ ޚިލާފު އިންޤިލާބީ މުއްސަނދިކަމެއް ގެނެސްދިނުން. އަޅުގަނޑު އެކުލަވައިލާ ސަރުކާރު ކުރިއަށްގެންދާނީ، އިރާދަކުރެއްވިއްޔާ މި ދެ އަސާސުގެ މަތީގައި."
އާދެ، ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް، ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތު ހަމަ މިހެންކަން އޮތީ. އަޅުގަނޑުމެން މިގެންދަނީ، އަޅުގަނޑުމެންގެ ޤައުމިއްޔަތު ހަރުދަނާކޮށް، އަޅުގަނޑުމެންގެ ޅަދަރީންގެ ސިކުނޑީގައި، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، އަޅުގަނޑުމެންގެ އަބްޠާލުންގެ ޖިހާދުތަކާއި، އަޅުގަނޑުމެންގެ ތާރީޚު ބިންވަޅު ނެގޭވަރަށް އެކަން ކުރުމުގެ މަސައްކަތްތަކެއް ފަށައިގެން. އަޅުގަނޑުމެންގެ އަބްޠާލުން ވީ ޤުރްބާން، ވީ ޝަހީދު އެއީ، ގެއްލެނިވެގެން ދާންޖެހޭ އެއްޗެއް ނޫންކަން، އަޅުގަނޑުމެން އެކަމަކަށްޓަކައި ފަޚުރުވެރިވާންޖެހޭ، އަންނާން އޮތް ޖީލުތަކަށް އެކަން ފޯރުކޮށްދޭންޖެހޭ މުހިންމު ކަމެއްކަން. އެހެންވީމާ، ފިކުރީގޮތުން، އަޚްލާޤީ ގޮތުން، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ފިކުރު ބިނާކޮށް، އަޅުގަނޑުމެންގެ އަޚްލާޤު ރަނގަޅުކޮށް، ހަމައެއާއެކީގައި، ޤައުމުގައި ފެންނާން ހުންނަ ތަރައްޤީވެސް ގެނައުން. މިގޮތުން ނޫންތޯ، މިދިޔަ 51 ހަފްތާއާއި 2 ދުވަހު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއައީ. ވަރަށްސާފު. އެހެންވީމާ، އަޅުގަނޑުމެންގެ މަސައްކަތް ކުރިއަށް ގެންދާނީ އިރާދަކުރެއްވިއްޔާ، މިދެންނެވި ގޮތުގެ މަތިން.
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން