އާދެ، އަޅުގަނޑު ހަމަ ޤަޞްދުކުރަނީ، މިގޮތުން ބައެއް ތަފްޞީލުތައް، ސަރުކާރުގެ އެކި ދާއިރާތަކުން މިދިޔަ އަހަރެއްހާ ދުވަހު ކުރެވުނު މަސައްކަތްތައް، ރައްޔިތުންގެ ފަޅީގައި ތިބެގެން، އަޅުގަނޑުމެން ރައްޔިތުންގެ ހެޔޮވެރިކަމެއް، މިދިޔަ 51 ހަފްތާއާއި 2 ދުވަސް ތެރޭގައި މި ކުރެވުނު މަސައްކަތް، ކޮންމެވެސްވަރަކަށް ޚުލާޞާކޮށްލަން.
އާދެ، ޚާރިޖީ ދާއިރާއާއި، ދިފާޢީ ދާއިރާ އެއީ، ޙަޤީޤަތުގައި އަޅުގަނޑު އެންމެ އިސްކަމެއް ދޭ، އެންމެ މުހިންމު ވަޢުދުތައް ގުޅިފައިވާ ދާއިރާތައް. އަޅުގަނޑު ދެންނެވިން ތަކުރާރުކޮށް. އެންމެ އިސްކަމެއް ދޭނީ، ޤައުމުގެ މިނިވަންކަން ޙިމާޔަތްކުރުމަށާއި، ޤައުމުގެ އަމިއްލަވަންތަކަން ޔަޤީންކުރުމޭ. އަޅުގަނޑުމެންގެ ޤައުމު އިސްކޮށްގެން، ދިވެހީންނަށް އެންމެ ރަނގަޅުގޮތް ހޯދައިދިނުމުގެ ޚާރިޖީ ސިޔާސަތެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ކުރިއަށްދިޔުމަށޭ.
އާދެ، އަޅުގަނޑު ހުވާކުރި ދުވަހު، އަޅުގަނޑު ވާނީ އެކަން އެގޮތުގައި އިޢުލާނުކޮށްފައި. އާދެ، އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން ކުރިއަށް ގެންދާނީ، މި ދެންނެވި ސިޔާސަތުގެ މަތިން ކަމަށް.
އަޅުގަނޑު އެ ދުވަހުގެ ސްޕީޗްގައި ދެއްކި ވާހަކައިން، ހަނދާން އާކޮށްލުމުގެ ގޮތުން ކިޔާލަދޭނަން، އަޅުގަނޑު ދެންނެވި ގޮތަށް، މި ދެންނެވި ސިޔާސަތު އޮންނާނެ ގޮތް.
"ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަޞްލަޙަތު ހުރި ގޮތުގެ މައްޗަށޭ. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ޙަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި، ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ، ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް. އެހެން ޤައުމުތަކުގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގަށް ދިވެހި ދައުލަތުން ފުރިހަމަޔަށް އިޙްތިރާމުކުރާނެ. ދިވެހި ދައުލަތުގެ ރަތް ރޮނގަށްވެސް އެ ޙައްޤު އޮންނަންވާނެ. އެކަމުގައި ކުޑައެއް ބޮޑެއް، ގާތެއް ދުރެއް ތަފާތެއް ނުވާނެ. އެ އިޙްތިރާމު ލިބެންޖެހޭނެ. އިރާދަކުރެއްވިއްޔާ، އެ ޙައްޤު ނިގުޅައިގަންނާކަށް އަޅުގަނޑު ފުރުޞަތެއް ނުދޭނަން. ދިވެހީންނަކީ މިނިވަންކަމުގެ ދަރީން. ދޫނި އޭގެ ހާލި ބަލަހައްޓާ ފަދައިން، ދިވެހީން މި އަންނަނީ، މި ލޮބުވެތި ދިވެހި ފަސްގަނޑު މިނިވަންކަންމަތީ، އެތައް ޒަމާނަކަށް ބަލަހައްޓަމުން. އެއީ، ދިވެހި ރައްޔިތުން އެދޭގޮތް. ދިވެހީންގެ ނަފުސާއި ފުރާނައިގެ ނިންމުން. އެހެންކަމުން، ރައްޔިތުންގެ އެ ނިންމުމަށް އަޅުގަނޑު އަބަދުވެސް ކަމޭހިތާނަން. ހިމޭން ރީތި މިންގަނޑުގެ އެހީގައި އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން. ޤައުމީ ހައިސިއްޔަތުން ބަލާއިރު، ދިވެހި ޤައުމަށް ވަފާތެރިވުމަށްވުރެ ބޮޑު އުފަލެއް އަޅުގަނޑަށް ނެތްކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް ކަށަވަރުކޮށްދޭނަން."
މިދިޔަ 51 ހަފްތާއާއި 2 ދުވަހު، އެކަން ވާނީ ފަޚުރުވެރިކަމާއެކީގައި ކަށަވަރުކޮށްދީފައި. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފެންނާނީ، އަޅުގަނޑުމެން ހަމަ އެ މަގުން ކުރިއަށްދާތަން. އަޅުގަނޑުމެން، 10 މޭ، ހިނގާ އަހަރުގެ، 10 މޭގައި މި ދެންނެވި ހިމޭން ރީތި މިންގަނޑުތަކުން މަޝްވަރާކޮށްގެން، ޑިޕްލޮމަސީގެ ރިވެތި އުޞޫލުން ކުރެވުނު މަޝްވަރާއިން، މި ޤައުމުގައި ތިބި ބޭރުގެ ހުރިހާ ސިފައިން މި ޤައުމުން ފައިބާފައި ވާނީ. މިހާރު މި ޤައުމުގައި ޤާއިމުވެ ތިބި ބޭރުގެ އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ. ޔުނީފޯމެއް ނޫން، އެއްވެސް އެއްޗެއް ނޫން. އެއްވެސްކަހަލަ ތަފާތުކުރުމެއް، ނޫނީވިއްޔާ އޮޅުވާލުމެއް އޮތް ވާހަކައެއް ނޫން. ސާފު ސީދާ ވާހަކައެއް.
ދެން ބައެއް މީހުން އެކި މަޤްޞަދުގައި ވާހަކަ ދައްކަފާނެ. ތެދެއްމެ، އައި.ޖީ.އެމް.އެޗް. ހެދި ޒަމާނުން ފެށިގެން، އައި.ޖީ.އެމް.އެޗް. ހަދާފައި، އެތަނުގެ ޑޮކްޓަރުންނަށްވެސް އައީ ބޭރުގެ ސިފައިން. ސީދާ އެކްޓިވް މިލިޓްރީ ބޭފުޅުން، ޑޮކްޓަރުން. އޭރު އެންމެ ގިނައިންވެސް ތިބީ، އެ ޤައުމުގެ ޑޮކްޓަރުން، މިލިޓްރީ ބޭފުޅުން. އޭރުން ފެށިގެން މިއަދާ ހަމަޔަށް، ސެނަހިޔާ އުފެދުނު ދުވަހުން ފެށިގެންވެސް އެކި އަހަރު އެކިވަރަށް، ޑޮކްޓަރުންނާއި ޓެކްނީޝަނުން، މިލިޓްރީ ބޭފުޅުން ތިއްބަވާނެ. އެއްވެސް ބޭފުޅަކު މި މައުޟޫޢަކު އެ ވާހަކަ ނުގެނެއޭ. މިހާރުވެސް ތިއްބަވާނެ.
އެހެންވީމާ، އަޅުގަނޑު މި ހެދީ ދޮގެއްކަމަށް ބަޔާންކުރަން، ބައެއް މީހުން މި ވާހަކަ ދައްކަފާނެތީ، އެ ވާހަކަ އަޅުގަނޑު މި ދަންނަވާލީ. އެއެއްނޫން އަޅުގަނޑުމެންގެ މީހުން ނުކުމެ މުޒާހަރާކުރި މައުޟޫޢަކީ. އެހެންވީމާ، މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން މިހާރު ގެންގޮސް ނިމިއްޖެ. މިތާކު ނެތް މިހާރު އެއްވެސް ޤައުމެއްގެ ސިފައިންނެއް. ވަރަށްސާފު. އެހެންވީމާ، އެކަން ޔަޤީންކޮށްލަދިނުމަށް އަޅުގަނޑު ތަކުރާރުކޮށް މި ދެންނެވީ.
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން