އާދެ، އެހެންވެގެން، އެހެންވެގެން، ގިނަ ދުވަސްތަކެއް ވަންދެން އަތްނުލާހުރި ބޮޑެތި މައްސަލަތައް ޙައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ. ވަރަށްގިނަ ކަންތައްތަކެއް، ފަސޭހައަކަށްޓަކައި، ކޮމްފަރޓް ޒޯނުގައި ދިޔުމަށްޓަކައި، މިދިޔަ ޒަމާންތަކުގައި އަޅައިނުލައި ހުރި ގިނަ ކަންތައްތަކެއް އެބަހުރި. އެކަންކަން، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުރެގެން، ވެރިކަން ކުރާނަމަ ޙައްލުކޮށް މަސައްކަތް ކުރަންޖެހޭނެ. އެއީ، ޝައްކެއްއޮތް ކަމެއް ނޫން.
އެހެންވީމާ، ޑްރަގްގެ މައްސަލަ ޙައްލުކުރުމަށްޓަކައި ތެދުވީ. އެހެންވީމާ، މި ތަނުގައި އޮތް ގޭންގް މާރާމާރީގެ މައްސަލަ ޙައްލުކުރުމަށްޓަކައި އަޅުގަނޑުމެން ތެދުވީ. އެހެންވީމާ، ވޭޕް މަނާކުރުމަށް އަޅުގަނޑުމެން ނިންމީ. އެހެންވީމާ، މިތަނުގައި އޮތް ބޭހުގެ މާފިޔާ ނައްތާލަން ތެދުވީ. އެހެންވީމާ، މިތަނުގައި ވަކި ބައެއްގެ ބާރުގެ ދަށުގައި ޑޮލަރުގެ ކަޅު ބާޒާރު އޮތް އޮތުން ނިމުމަކަށް ގެނެސް، ރައްޔިތުންނަށް ޑޮލަރުގެ މުއްސަނދިކަން ގެނެސްދިނުމަށް ނިންމީ. މިފަދަ އެތައް ކަމެއް އިރާދަކުރެއްވިއްޔާ ކުރެވޭތޯ ކުރަމުން މިދަނީ.
މިތަނުގައި ބޭރުގެ މީހުން ނުގަވާއިދުން ގެނެސް، އެކި ޒަމާންތަކުގައި އިލީގަލް ވާރކަރސް، އެތައް ލައްކައެއް އެބައުޅޭ. މި މައްސަލަ ޙައްލުކުރުމަށްވެސް އަޅުގަނޑުމެން ތެދުވީ އެހެންވެގެން. ރައްޔިތުންގެ ފަޅީގައި ތިބެގެން. މި ބުރަ އުނދަގޫ ބޮޑު މައްސަލަތައް ރައްޔިތުންނަށްޓަކައި ޙައްލުކޮށްދިނުމަށްޓަކައި ތެދުވީ. އަޅުގަނޑު ޔަޤީންކުރަނީ، ރައްޔިތުން އަޅުގަނޑުމެންނާ އެކުގައި ސާބިތުކަމާއެކީގައި، މިކަމުގައި ތިއްބަވާނެ ކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް، މިހާރުވެސް ތި ދެއްވާގޮތަށް. އޭރުން އަޅުގަނޑު ދޭ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އަހަރުތަކުގައި، މި އުނދަގޫ ކަންތައްތައް، ޚާއްޞަކޮށް، އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހިރަ ނޭދެވޭ ކަންތައްތައް ޙައްލުކުރެވިގެންދާނެ ކަމުގެ ޔަޤީންކަން. މަޑުމަޑުން، އެހެން ނަމަވެސް، ދާއިމީ ނަތީޖާ، އެކަންކަމުން ނުކުންނަގޮތަށް. އެއީ، އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންޖެހޭނެ ކަމަކީ. އެހެން ނޫނީވިއްޔާ، އަމިއްލަ ނަފްސަށްވެސް އޮޅުވައިލެވެނީ. އަމިއްލަ ނަފްސަށްވެސް ދެވޭ ވަރަށްބޮޑު އަނިޔާއެއް މިއީ.
އަޅުގަނޑު މިއަދާ ހަމަޔަށް މަސައްކަތް ކުރަމުން މިއައީ، މި ދެންނެވި ވިސްނުމުގައި ކަމުގައިވާތީ، އަޅުގަނޑު ކެމްޕެއިން ތެރޭގައިވެސް އިޢުލާނުކުރި ގޮތަށް، މި ޤައުމުގައި ބަދަލުހިފުމުގެ ރޫޙު ނައްތާލައިފިން. ސަރުކާރުން މިހާރަކު ނުފެންނާނެ، ކުރީގައި ފެނުނުގޮތަށް، ސިޔާސީގޮތުން ބަދަލުހިފުމުގެ ރޫޙެއް. ސިޔާސީ މީހަކަށްވީތީ، އަޅުގަނޑުގެ ވާދަވެރިޔާ، އެއީ، ސިޔާސީ ވާދަވެރިޔަކަށްވީތީ ގެންގޮސް ހިފާ ހައްޔަރުކޮށް، ޖަލަށްލާ ތަނެއް ނުފެންނާނެ. މިދިޔަ އެއް އަހަރުގެ ތެރޭގައި ނުފެންނާނެ. ކުރިއަށް އޮތް ތާނގައިވެސް ނުފެންނާނެ އެކަމެއް. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ.
މީގެކުރީގައި ކޮންމެވެސްވަރަކަށް އެކަން އޮތީ އެގޮތަށް ފެނިފައި. އެކި ގޮތްގޮތުން، ފްރޭމްކޮށްގެންވިޔަސް. ނޫނީވިއްޔާ އެހެން ގޮތަކުންވިޔަސް، އަނިޔާވެރިކަމާއެކީ، ސިޔާސީ ވާދަވެރިން ގެންގޮސް ޖަލަށްލައި އަނިޔާކޮށްފައިވޭ. އެއީ، ތިމަންނާއާ ތިމާގެ މީހެއްވިޔަސް، ތިމަންނާގެ ރައްޓެއްސެއްވިޔަސް، ކޮންމެ މީހެއްވިޔަސް، ސިޔާސީ މީހެއްވިއްޔާ ދުރަށްލައި، އެއްކައިރި ކުރުމުގެ ޒަމާން، މި ޤައުމުން އިރާދަކުރެއްވިއްޔާ ތާއަބަދަށް، މި ވެރިކަން ފެށުނު ދުވަހުން ފެށިގެން މިވަނީ ނެތިގެން ގޮސްފައި. އިރާދަކުރެއްވިއްޔާ އެކަމެއް ދެން މި ރާއްޖެއަކު ނުފެންނާނެ.
މި ސަރުކާރަކުން ނުފެންނާނެ، ރިޔާސީ ކޮމިޝަންތައް ހަދައިގެން، ކުރީގެ މީހުން ކުރަމުން ގެންދިޔަ ކަންކަމަށް ސިޔާސީގޮތަކުން ވަދެގެން ކަންކަން ކުރާ ތަނެއް. އެހެނެއްނޫން، ވައްކަންކޮށްފައި ހުރެއްޖިއްޔާ، ޤައުމުގެ މުދާ ނުޙައްޤުން ހޯދާފައި ހުރިއްޔާ، އެކަންކަން ބަލާނީ. ރައްޔިތުންގެ ޙައްޤުތަކަށް ޙަޤީޤަތުގައިވެސް އަރައިގެންފައި ހުރިއްޔާ، އެކަންކަން ބަލާނެ، އޮންނަ އުޞޫލެއްގެ ތެރެއިން. ރިޔާސީ ކޮމިޝަނެއް ނަހަދާނެ. މިނިވަން މުއައްސަސާތައް އެބަހުރި. ދުސްތޫރީ ނިޒާމު އެބައޮތް. ޝަރުޢީ ނިޒާމު އެބައޮތް. ނިޒާމުގެ ތެރެއިން އެކަންކަން ބެލޭނީ.
ކުރީގައި ފެނުނުގޮތަށް، އެކިކަހަލަ ކޮމިޝަންތައް ހަދައިގެން، ސިޔާސީގޮތުން މީހުންގެ ފަހަތުން ދުވެ، ޤައުމުގެ ހަމަޖެހުން ނަގާލައި، ބަދަލުހިފުމުގެ ރޫޙު ގެނައުން، އެއީކީއެއް ރައްޔިތުން އެދޭ ގޮތެއް ނޫން. އަޅުގަނޑު ވަޢުދުވީ، މިކަން ހަމަޔަކަށް އަޅުވަން. ޤައުމަށް ހަމަޖެހުން ގެންނަން. ވަޢުދުވީގޮތަށް ވަޢުދު މިދަނީ ފުއްދަމުން. އާދެ، އެހެންކަމުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ރައްޔިތުންނަށްޓަކައި ކުރާ ވެރިކަމެއް، އެގޮތުގެ މަތިން ކުރެވޭނީ. ރައްޔިތުންގެ ފަޅީގައި ހުރެގެން ކުރާ، ރައްޔިތުންގެ ހެޔޮވެރިކަމެއް ކުރެވޭނީ އޭރުން.
އާދެ، އަނެއްކާވެސް އަޅުގަނޑު، އަޅުގަނޑުގެ ބައްޕަގެ ފޮތަށް އެނބުރި ގޮސްލަން ޤަޞްދުކުރަން. މިފަހަރު 349 ވަނަ ޞަފްޙާއަށް. މިއީ މިކަމާ ގުޅޭގޮތުން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. އަޅުގަނޑު ކިޔާލާނަން.
349ވަނަ ޞަފްޙާގައި މިއޮތީ، ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ، ރައްޔިތުންގެ މަޞްލަޙަތުތައް ރަނގަޅަށް ބަލަހައްޓައި، ޤާނޫނީގޮތުންނާއި، އިންސާނިއްޔަތުގެ ގޮތުން ފުރިހަމައަށް ޒިންމާ އުފުލައި، ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ، ރައްޔިތުންގެ ވެރިކަމެކޭ. ޤާނޫނުގެ ވެރިކަމެކޭ. އެއީ، ހަމަހަމަގޮތެއްގައި ރައްޔިތުންނާމެދު މުޢާމަލާތްކޮށް، އެބައިމީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ދޭންޖެހޭ ޚިދުމަތްތައް، ވީ އެންމެ ރަނގަޅަކަށް ފޯރުކޮށްދިނުމަށާއި، މިނިވަންކަމާއި އަމާންކަމާއެކު، އަފްރާދުންނަށް ދިރިއުޅެވޭނޭ ހިތްހަމަޖެހޭ ހިޔާވަހިކަމާއި، މާޙައުލެއް ތަނަވަސްކޮށްދިނުމާއި، ކަންދެއްކުމެއްނެތި، އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ވެރިކަމެކޭ. އަދި ދައުލަތުގެ އެންމެ އިސް މަސްއޫލުވެރިން، އެ ވެރިންގެ މަސްއޫލިއްޔަތު އަދާކުރަން ފެށުމުގެ ކުރިން ކުރަންޖެހޭ ޤާނޫނީ ހުވަޔާ އެއްގޮތްވާ ގޮތުގެ މަތިން، ހުރިހާ ކަމެއްވެސް ކުރަމުންދާ ވެރިކަމެކޭ. އަދި އެ ވެރިބަޔަކު ވާންޖެހޭނީ،
އެ ވެރިންނާ ހަވާލުކުރެވުނު އަމާނާތް، އެ މުއްދަތުގެ ތެރޭގައި ފުރިހަމައަށް އަދާކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއެކު، ސާފު ހިތަކާއިގެން އެނބުރިދިޔުމުގެ ޤަޞްދު އޮތް ބައެއް ކަމުގައޭ. ފުރުޞަތުގެ ބޭނުން، ނަހަމަގޮތުގައި ކޮށް، އެކަމުގައި ޚުދުމުޚުތާރުކަމާއެކު، އަމިއްލަ މިލްކެއްގެ ގޮތުގައި ތާއަބަދަށް ދެމިތިބުމަށްޓަކައި ސިއްރު ރޭވުންތައް ރާވައި، ރައްޔިތުން ވާވައްދާ ބަޔަކު ކަމުގައެއް ނޫނޭ.
އެހެންވީމާ، އަޅުގަނޑު މި ބަލަނީ، އަޅުގަނޑު މި މަސައްކަތް ކުރަނީ، އިރާދަކުރެއްވީތީ، މި ދެންނެވި ގޮތަށް ރައްޔިތުންގެ ފަޅީގައި ހުރެގެން، ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ހެޔޮވެރިކަމެއް ކޮށްދެވޭތޯ.
- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން