އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް، މިރޭ އިނާމުތައް ހާސިލުކުރެއްވި ބޭފުޅުންނަށް މަރުޙަބާ ދަންނަވަން. ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ތަޢުލީމަށް ގިނަގުނަ، އަގުނުކުރެވޭވަރުގެ އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ކަމަށްޓަކައި، ތަޢުލީމަށް ޚިދުމަތްކުރުމުގެ އެންމެމަތީ ޝަރަފް ހޯއްދެވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އާދެ، އަޅުގަނޑުމެންގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.
އާދެ، ހަމައެއާއެކީގައި، ވަރަށްގިނަ ބޭފުޅުންނަށް ދައުލަތުގެ އިނާމު އަދި ޤައުމަށް ރީތިނަން ހޯދައިދިނުމުގެ މަތީ ޝަރަފުގެ އިނާމު، އެކިއެކި އިނާމުތައް، 90 އަށްވުރެ ގިނަ ބޭފުޅުންނަށް ލިބިވަޑައިގަންނަވައިފި. މި ހުރިހާ ބޭފުޅުން ތިޔަ ކުރެއްވީ، ވަރަށްބުރަ މަސައްކަތްތަކެއް. ތަޢުލީމުގެ ދާއިރާއިން، ތަޢުލީމު ހާސިލުކުރެއްވުމުގައި. އަދި ދައުލަތަށް ޚިދުމަތްކުރެއްވުމުގައި. އެހެންކަމުން، އެކަމަށްޓަކައި ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރާއި މަރުޙަބާ ދަންނަވަން. މަރުޙަބާ.
އާދެ، މިއަދަކީ ޖުމްހޫރީ ދުވަސް. އާދެ، ޤައުމުގައި، ޤައުމީ ފެންވަރެއްގައި ކުރިން، އަޅުގަނޑުމެންގެ މިނިސްޓަރުވެސް ފާހަގަކުރެއްވި ފަދައިން، ފާހަގަކުރެވޭ ގިނަ ދުވަސްތަކެއް އާދޭ. އެކިއެކި މަޤްޞަދުތަކުގައި އެކި ދުވަސްތައް ފާހަގަކުރެވެނީ. ޤައުމީ ދުވަސް، މިނިވަންދުވަސް، ޝަހީދުންގެ ދުވަސް، އިހަކަށްދުވަހު ނަޞްރުގެ ދުވަސް. އެއީ، އެ ދުވަހަކާ ގުޅިފައިވާ އެކި ސަބަބުތައް ހުރީމާ، އެ ސަބަބުތަކުގެ ސަބަބުން އެ ދުވަސްތައް ފާހަގަކުރުމަކީ، މުހިންމު ކަމެއް ކަމުގައިވާތީ، ފާހަގަކުރާ ދުވަސްތައް.
މިގޮތުން ބަލާއިރު، މާދަމާ ނޮވެންބަރު 11 އަކީ، ޖުމްހޫރީ ދުވަސް. އަޅުގަނޑުމެންނަށް ވީޑިއޯއިންވެސް ފެނިގެންދިޔަ، މި ދުވަހާ ގުޅޭގޮތުން ވަރަށްގިނަ މަޢުލޫމާތު. މި ދުވަހަކީ ކޮން ދުވަހެއްކަން. ކުރިން ދެންނެވި ދުވަސްތަކާ ޚިލާފަށް، އަޅުގަނޑު ދަންނަވާހިތްވަނީ، ޖުމްހޫރީ ދުވަހަކީ، ރައްޔިތުންގެ ދުވަހެކޭ. ރައްޔިތުންގެ ކަންކަން ނިންމުމަށްޓަކައި، ރައްޔިތުންނަށްޓަކައި ކަންތައްތައް ކޮށްދިނުމަށްޓަކައި، ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ހޮވައި، ވެރިކަން ކުރުމުގެ ބާރު، އެ މީހަކާ ހަވާލުކޮށްގެން، ވެރިކަން ކުރުމުގެ މަސްއޫލިއްޔަތު އެ މީހަކާ ހަވާލުކޮށްގެން، އެކުރާ މަސައްކަތާ ގުޅޭ، ޒިންމާތަކާ ގުޅޭ ދުވަހެއް. އެހެންކަމުން، ޖުމްހޫރީ ދުވަހަކީ، މި ދެންނެވި އެހެން ދުވަސްތަކާ ޚިލާފަށް، ތަފާތު ދުވަހެއް.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވެރިކަމަކީ އެއްވެސް ހާލެއްގައި ލިބޭ މާބޮޑު މޮޅެއް ނޫނޭ. އެއީކީ، ވެރިކަން ކުރާ މީހާއަށް ލިބޭ މުދާގަނޑެއްވެސް ނޫނޭ. އެއާ ޚިލާފަށް، ވެރިކަމަކީ ވަރުގަދަ ޒިންމާއެކޭ. ވަރުގަދަ މަސްއޫލިއްޔަތެކޭ. ވަރަށްބޮޑު އަމާނާތެކޭ. އާދެ، އިސްލާމީ ދައުލަތެއް ޤާއިމުވެ، އެ ދައުލަތުގެ ވެރިކަން ފެތުރި ތަނަވަސްވެގެންދިޔުމާއެކު، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم އަށްފަހު، އެ ދައުލަތުގެ އިސް މަސްއޫލިއްޔަތު އުފުއްލެވި ޚުލަފާއުއްރާޝިދޫންގެ އެންމެހައި ޚަލީފާއިންވެސް ދެކެވަޑައިގެންނެވި، ހިންގެވި މަގަކީ، ސުރުޚީގައި ދަންނަވާފައިވާ ފުރިހަމަ މާނައިގެ މަގު. އެއީ، ވަރަށްބުރަ މަސްއޫލިއްޔަތެއްކަމާއި، ވަރަށްބޮޑު އަމާނާތެއްކަމާއި، ވަރަށްވެސް ޚުޠޫރަތްތެރި ޒިންމާއެއްކަން ދެނެވަޑައިގެން، އެގޮތުގެ މަތިން، ކަން ހިންގެވި ސީދާ މަގު. އެއްވެސް ހާލެއްގައި އެއީ، ލިބިވަޑައިގެން މޮޅަކާއި ޝަރަފެއް ނޫންކަމާއި، ލެއްގި މުދާގަނޑެއް ނޫންކަން ދެނެވަޑައިގަތުމުގެ މަގުމެ. ޚުލަފާއުއްރާޝިދޫންގެ ބޭކަލުންނަށްފަހު، ވަރަށްމަދު ވެރިޔަކަށް މެނުވީ، މި ސީދާ މަގުން ހިންގެވިފައި ނުވާކަން ތާރީޚުން އެނގޭ.
އާދެ، އަޅުގަނޑު ދެންމެ، މި ކިޔާލީ މި ފޮތް. އާދެ، "ދައުލަތާއި ވެރިންނާއި މަސްއޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފްހޫމް." އަޅުގަނޑުގެ ލޮބުވެތި ބައްޕަ އަލްމަރްޙޫމް ފަޟީލަތުއްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ ފޮތް. މި ފޮތުގެ 157 ވަނަ ޞަފްޙާ.
އާދެ، އަޅުގަނޑުގެ ބައްޕަ މި ފޮތް ލިޔުއްވީމައެއް ނޫން. އެހެން ނަމަވެސް، މި ފޮތް ބައްލަވާފައިވާ، ވިދާޅުވެފައިވާ ކޮންމެ ބޭފުޅަކުވެސް ގަބޫލުފުޅުކުރައްވާނެ، މި ފޮތަކީ، ވެރިކަމާ ގުޅޭގޮތުން، ރައްޔިތުންނާއި ވެރިންނާ އޮތް ގުޅުމާ ބެހޭގޮތުން، ވެރިން މަސްއޫލިއްޔަތު އަދާކުރަންޖެހޭގޮތާ ބެހޭގޮތުން ޢިލްމީ ނަޒަރަކުން، ދީނީ ނަޒަރަކުން، އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ޤާނޫނާއި، ޤާނޫނުއަސާސީއަށް ރިޢާޔަތްކޮށް ވަރަށް ޢިލްމީ ގޮތެއްގައި، ވަރަށް ވަށާޖެހޭ ގޮތެއްގައި ލިޔުއްވާފައިވާ ފޮތެއް. މި ފޮތުގެ ފިހުރިސްތުގައި، ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރުގައިވެސް، މި ފޮތަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް، ތިމަންމެންގެ ވެރިޔަކަށް މީހަކު ހޮވައިގެން، އެ ހަވާލުކުރާ ޒިންމާ އަދާކުރަނީ ރަނގަޅަށްތޯ ބެލުމުގައި، ބަލަންވީ ހުރިހާ ކަމެއްހެން ގާތްގަނޑަކަށް ބަޔާންކޮށްފައިވާ ފޮތެއް. އިސްލާމީ ނަޒަރަކުން ދައުލަތުގެ އިސްވެރިޔާ، ވެރިޔާގެ ޒިންމާތައް، ދައުލަތުގެ ބާރުތައް. މީގެތެރެއިންވެސް އެކިއެކި ބާރުތައް. ޤާނޫނު ހެދުމުގެ ބާރު، ޢަދުލު އިންޞާފުގެ ބާރު، ނޫސްވެރިކަމުގެ ބާރު. ނޫސްވެރިކަމުގެ ބާރާ ބެހޭގޮތުންވެސް 35 ޞަފްޙާއަށްވުރެ ގިނަ ޞަފްޙާގައި ތަފްޞީލުކޮށް ލިޔުއްވާފައިވޭ. ވެރިންގެ ޒިންމާތައް. މިހެންގޮސް ވަރަށްގިނަ ކަންތައްތައް.
އާދެ، އަޅުގަނޑުގެ ގައިޑަކީ، ގައިޑް ބުކަކީ މި ފޮތް. އަޅުގަނޑު މިއަދާ ހަމަޔަށްވެސް ބަލަމުންއައީ މި ފޮތް. އެއީ، މީގައި ކީރިތި ޤުރްއާނުގެ އަލީގައި، ކީރިތި ރަސޫލާ صـلّى الله علـيـه وسـلّمގެ މާތްވެގެންވާ ސުންނަތުގެ އަލީގައި، ދެންމެ ދެންނެވި ފަދައިން، އިސްލާމީ ތާރީޚުގެ އަލީގައި އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި، ޤާނޫނުތަކަށް ރިޢާޔަތްކޮށް، ރާއްޖޭގެ ކޮންޓެކްސްޓްގައި ވަރަށް ވަށާޖެހޭ ގޮތެއްގައި ބައްލަވައިލައްވާފައިވާތީ، އަޅުގަނޑަށް މި ފޮތުން ވަރަށްގިނަ ކަންތައްތައް އެނގި ހާމަވެގެންދޭ.
އާދެ، އެގޮތުން ވާހަކަ ކުރިއަށް ގެންދިޔުމުގައި، އަޅުގަނޑު ބަލައިލަން ބޭނުން، އެންމެ ފުރަތަމަވެސް 291 ވަނަ ޞަފްޙާއަށް.
އާދެ، އަޅުގަނޑު ހަމަ ޤަޞްދުގައި މިގޮތަށް މިރޭ މި ވާހަކަ މި ގެންދަނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިއީ ވަރަށް ސީރިއަސް މައުޟޫޢެއްވީމަ. ޝައްކެއްނެތް، އިސްލާމްދީނުގެ މަސްދަރުތަކުންނާއި، ދުސްތޫރީ ނައްސުތަކުންނާއި، ޤާނޫނީ މުމާރަސާތަކުން ނުވަތަ ޤާނޫނީ ޢުރުފާތު، އާދަކާދައިގެ މަތިން ޢަމަލީގޮތުން ކުރަންޖެހޭ ކަންތައްތަކުން، އަދި ބުއްދިއާއި މަންޠިޤީ ހަމަތަކުގެ މަތިންވެސް ކަނޑައެޅި ސާފުކޮށް އެނގޭގޮތުގައި، ޤައުމުގެ ޙަޤީޤީ ވެރިފަރާތަކީ، އަދި ދައުލަތުގެ އެންމެހައި ބާރުތަކުގެ މަސްދަރަކީ ރައްޔިތުންނޭ. ދައުލަތުގެ ސިޔާދަތު އޮތީ ރައްޔިތުންނަށޭ. ވީމާ، އިސްލާމީ ބައެއް ޤައުމުތަކުގެ ދުސްތޫރުގައިވެސް ވާފަދައިން، ރައްޔިތުން އެ ސިޔާދަތާ އެއްގޮތަށް ޢަމަލުކުރަންޖެހޭނެ. އަދި އެ ސިޔާދަތު ޙިމާޔަތްކުރަންޖެހޭނެމެ.
ވީމާ، ޤައުމުގައި ޙަޤީޤަތުގައި އެންމެ ހައިބަތު ބޮޑު، ޤަދަރު އުފުލިގެންވާ ފަރާތަކީ، ރައްޔިތުންކަމާމެދަކު ޝައްކެއްނެތޭ. ވަލިއްޔުލްއަމުރު ނުވަތަ ރައީސުއްދައުލާއަކީ، ވަކި މުއްދަތަކަށް، ރައްޔިތުން، އެބައިމީހުންގެ މަޞްލަޙަތުތައް ބަލަހައްޓައި ހިންގުމަށް ހަވާލުކޮށްފައިވާ ހަވާލުދާރެކޭ، ވަކީލެކޭ، އަދި ޚާދިމެއްމެއޭ. ވީމާ، އޭނާގެ ހުރިހާ ޢަމަލަކާއި، މުޢާމަލާތަކުން އެކަން ފެންނަންވާނެއޭ. އަދި އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައި، ކޮންމެހެން ހުންނަންޖެހޭ ކަންތައްތައް ފިޔަވައި، އެއްވެސް ހާލެއްގައި ރައްޔިތުންގެ މައްޗަށް އޭނާގެ ނަފްސު އުފުލައި، ހައިބަތާއި ޖާހުގެ ބޮޑުކަން، އެކިއެކި މަޒާހިރުތަކުން ދައްކައި، އެ މީހުން ނިކަމެތިކޮށް، އަޅުދާސްކޮށްގެން ނުވާނެއޭ. އެއީ، ކުރުން ހެޔޮނުވާނެ ކަމެކޭ. އަދި ޤައުމުގެ ސިޔާދަތު ލިބިގެންވާ ޙަޤީޤީ ވެރިފަރާތް ކަމުގައިވާ ރައްޔިތުން އެކަމަށް ރުހިތިބެގެންވެސް ނުވާނެމެއޭ.
އާދެ، މިއީ އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ. އާދެ، އަޅުގަނޑު ގަބޫލުކުރަނީ އެގޮތް. އެގޮތުގެ މަތިން މަސައްކަތް ކުރެވޭތޯ، އަޅުގަނޑު މިދިޔަ އަހަރެއްހާ ދުވަހު މަސައްކަތް މިކުރީ. އަޅުގަނޑު މިދިޔަ 51 ހަފްތާއާއި 2 ދުވަހު މަސައްކަތް މިކުރީ، ރައްޔިތުންގެ ފަޅީގައި ހުރެގެން، މި ދެންނެވި ސަބަބަށްޓަކައި. ރައްޔިތުންގެ އަތުގައި އޮތް ބާރާއެކު، ރައްޔިތުންނަށްޓަކައި ކަންތައްތަކެއް ކޮށްދިނުމަށްޓަކައި، ރައްޔިތުންގެ އަޑުއަހައިގެން، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށްޓަކައި، ރައްޔިތުން އެދޭ އަމާޒަށް ދިޔުމަށްޓަކައި. ރައްޔިތުން ހަވާލުކުރި އަމާނަތަކާއި މަސްއޫލިއްޔަތެއް އަދާކުރުން އެއީ، އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރެވޭތޯ މި ބަލަނީ. ރައްޔިތުންގެ ފަޅީގައި ހުރެގެން ވެރިކަން ކުރުން.
-- ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން