އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށް ރައިސް ކަނޑައަޅުއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ 7 ރަށް ރައިސް ކަނޑައަޅުއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގެ 7 ރަށެއް އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް ނިންމަވާފައެވެ. މިއީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި އަރބަން ސެންޓަރެއް ގާއިމުކުރުމުގެ ވައުދުގެ ދަށުން ކުރެވޭ މަސައްކަތެކެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްތަކަކީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުން ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ. މިކަމަށްޓަކައި އަރބަން ޑިވެލޮޕްމަންޓްގެ ބިލެއް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި މި 7 އަރބަން ސެންޓަރުން ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްޔިތުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ލިބޭނެއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މި އަރބަން ސެންޓަރުތަކުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވޭނެއެވެ. މީގެ ތެރޭގައި އެކި ބާވަތުގެ ތެރަޕީތައްވެސް ހިމެނެއެވެ.

މީގެ އިތުރުން، ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި މި އަރބަން ސެންޓަރުތަކުގައި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރެވޭނެއެވެ. އަދި މަގުތައް އެންމެ ރަނގަޅު ފެންވަރުގައި ހެދުމާއެކު، އެހެނިހެން އަސާސީ ޚިދުމަތްތައްވެސް އެންމެ ފުރިހަމަ ގޮތުގައި ޤާއިމުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި ޒަމާނީ އަދި ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މި މަޝްރޫޢު ކުރިއަށްދާ ގޮތާއި އިތުރު ތަފްސީލުތައް ސަރުކާރުން އާންމުކުރަމުން ގެންދާނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން