ދިވެހި އަސްކަރިއްޔާއަށް 4000، ފުލުހުންގެ ތެރެއަށް 1000 ޒުވާނުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށަނީ! މަތީ ތަޢުލީމަށް ނުދެވޭ ކުދިންނަށް ރަނުގެ ފުރުޞަތެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 23ސ
ދިވެހި އަސްކަރިއްޔާއަށް 4000، ފުލުހުންގެ ތެރެއަށް 1000 ޒުވާނުން އިތުރުކުރުމުގެ ޕްރޮގްރާމެއް ފަށަނީ! މަތީ ތަޢުލީމަށް ނުދެވޭ ކުދިންނަށް ރަނުގެ ފުރުޞަތެއް!

އާދެ، އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ފަދައިން، މި މުހިންމު ދުވަހު އަޅުގަނޑުމެންގެ ޤައުމު ސަލާމަތާ އެކީގައި، މިނިވަންކަމާ އެކީގައި ކުރިއަށް އޮތް ތަނަށް ފޯރުކޮށްދޭ ކަމުގައިވާނަމަ، ކުރަންޖެހޭ އަދިވެސް ވަރަށްގިނަ ކަންތައްތައް އެބަހުއްޓޭ. 

އެގޮތުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިވަގުތު އެމް.އެން.ޑީ.އެފް.ގެ މަސައްކަތަށް ބޭނުންވާ ޢަދަދަށް މީހުން ހޯދުމަށްޓަކައި އެކަށީގެންވާ މަސައްކަތެއް އަދި ނުކުރެވެއޭ. އަޅުގަނޑުމެންގެ ޤައުމުގައި، ވަރަށްގިނަ ޒުވާނުން ކޮންމެ އަހަރަކު ކިޔަވައި އެބަ ނިމޭ. އޯ ލެވެލް ނިމި، އޭ ލެވެލްއަށް ނުދެވި ތިބޭކަން، ކޮންމެ އަހަރަކުވެސް ހިސާބުތަކުން އެބަ ދައްކާ، ދެހާހާ، ތިންހާހާ ދޭތެރޭގެ ޢަދަދެއްގެ ކުދިން އެބައުޅޭ. އޯ ލެވެލްއިން އެކަށީގެންވާ ވަރަކަށް ފާސްނުވެ އޭ ލެވެލްއަށް ނުދެވޭ. ވަޒީފާވެސް ނުލިބޭ މީގެ ގިނަ ކުދިންނަށް. އަދި ހަމައެއާއެކީގައި، އޭ ލެވެލް ނިންމާފައި، ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަށް ކޮންމެ އަހަރަކުވެސް ފައްސަތޭކައެއްހާ ކުދިން، ފައްސަތޭކައާއި އެއްހާހާ ދޭތެރޭގައި. މަދުވެގެން ފައްސަތޭކަ ކުދިން އެބަތިބި ކަމަށް، މި ވޭތުވެދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ. 

ޤާނޫނު އޮތްގޮތުން، ރާއްޖޭގެ ޤާނޫނުތައް ހުރިގޮތުން އަދި ސިފައިންގެ ޚިދުމަތަކަށް 16 އަހަރު ވެގެންނެއް ނުއެއްނެގޭނެ. 18 އަހަރު ހަމަވާންޖެހޭ. ހަމައެފަދައިން، ފުލުހުންގެ ޚިދުމަތަށްވެސް. އަޅުގަނޑުމެންގެ ޤައުމުގައި މި ދެންނެވިހެން، އެކަށީގެންވާ ތަޢުލީމެއް ނެތުމުގެ ސަބަބުން، ވަޒީފާގެ ފުރުޞަތުވެސް ނެތިފައި، ޑްރަގާއި، އެކިކަހަލަ ނުބައި ޢަމަލުތަކުގެ ތެރެއަށް ވިއްސިވިހާލިވަމުންދާ އެތައް ސަތޭކަ، އެތައްހާސް ޒުވާނުންނެއް މިދަނީ އިތުރުވަމުން. އޭގެ ސަބަބުން ސަރުކާރުން އުފުލަންޖެހޭ ބުރަވެސް، މުޖުތަމަޢުން އުފުލަންޖެހޭ ބުރަވެސް، އެ ކުދިންގެ ޢާއިލާތަކުންވެސް، އެ ކުދިންވެސް އުފުލަންޖެހޭ ބުރަ ވަރަށްބޮޑު. އޭގެ ސަބަބުން އިޤްތިޞާދަށްވެސް ނުރަނގަޅު އަސަރު ކުރަމުންދަނީ. އެހެންނަމަވެސް، އެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއްދެވި، މިލިޓްރީ ތަމްރީނުދެވި، ރަނގަޅު ބަޔަކަށްހެދި، ވަޒީފާ ލިބިފައި ތިބޭ ބަޔަކަށް ހެދިއްޖިއްޔާ، އެއީ، އެ ކުދިންނަށްވެސް، ޢާއިލާތަކަށްވެސް، ޤައުމަށްވެސް، ސިފައިންނަށްވެސް ކޮށްދެވޭނެ ވަރަށްބޮޑު ކަމަށްވާނެ. އަދި ސިފައިންގެ ޚިދުމަތަށްވެސް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށް ވާނެ. 

އާދެ، ސިފައިންގެ ޚިދުމަތަށް އަޅުގަނޑުމެން މި ބޭނުންވާ ސްކޭލްގައި، ކުރިއަށް އޮތް ހަތަރު އަހަރަށް ބޮޑުކުރަން ބޭނުންވާނަމަ، ކޮންމެ އަހަރަކު އިތުރު އެއްހާސް ކުދިން ރެކްރޫޓް ކުރުމަކީ ކުރަންޖެހޭ ކަމެއް. އަޅުގަނޑު މި ބޭނުންވާ ހިސާބަށް ސިފައިން ފުޅާކުރަން ބޭނުންވާނަމަ. ހަމައެފަދައިން، ފުލުހުންގެ ޚިދުމަތްވެސް ފުޅާކުރަންޏާ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، އެއްހާސް ފުލުހުން އިތުރުކުރަންޖެހޭނެ. އެހެންވީމާ، ޖުމްލަ ފަސްހާހެއްހާ ޒުވާނުން، މި ދެންނެވި ގޮތަށް ވަޒީފާއެއް ހޯދުމުގެ ފުރުޞަތު ނެތިފައި، އެކަށީގެންވާވަރަކަށް ތަޢުލީމު ނުލިބި، މަގުމައްޗަށް ގިނަވާ ކުދިންނަށް މި ފުރުޞަތު ހޯދައިދެވި، ރަނގަޅު ބަޔަކަށް ހެދިއްޖިއްޔާ، ވަޒީފާގެ ފުރުޞަތުވެސް ދެވިގެން އެދަނީ. މި ދެންނެވި ފަދައިން، ސިފައިންގެ މަސައްކަތަށްވެސް ގިނަ ބަޔަކު ލިބިގެން އެބަދޭ. 

އާދެ، އެހެންކަމުން، އިރާދަކުރެއްވީތީ ރާއްޖޭގައި ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމްގެ ގޮތުގައި، ނޭޝަނަލް ސަރވިސްގެ ގޮތުގައި، މި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ޤައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. މި ޕްރޮގްރާމް ވެގެންދާނީ، މި ނޭޝަނަލް ސަރވިސްއަކީ، ޤާނޫނެއް ހެދިގެން، އެ ޤާނޫނުން ބާރު ލިބިގެން، އުމުރުން 16އަހަރު ވުމަށްފަހު، އެ 16 އަހަރު ވެގެން އޯ ލެވެލް ނިންމާފައި، ނޫނީވިއްޔާ ތަޢުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުޞަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއްވެސް ނުލިބޭ ކުއްޖަކުވިއްޔާ، މި ޕްރޮގްރާމްގައި ބައިވެރިވާންޖެހޭނެ. ބައިވެރިވެގެން މިލިޓްރީ ތަމްރީނު ހޯދަންޖެހޭނެ. ހޯދައިގެން ރެކްރޫޓްމަންޓް ޕްރޮގްރާމް ނިންމައި، ފުލް އޮފިސަރަކަށް، ސިފައިންގޭގެ މީހަކަށް ބަދަލުވާނެ. އަދި ފުލުހުންގެ ޚިދުމަތަށް ދާ ކަމަށްވަންޏާ، ފުލުހުންގެ މީހަކަށް ބަދަލުވާނެ. 

އެހެންވީމާ، މި ޕްރޮގްރާމް އިރާދަކުރެއްވިއްޔާ ލޯންޗްކުރަން އަޅުގަނޑު ގަސްދުކުރާ ވާހަކަ އިޢުލާނު ކުރަން. މީގެ ނަތީޖާއަކަށްވާނީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރުހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރުވެގެންދިޔުން. 

2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް، އެން.ޕީ.އައި.ގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ މިކަމަށް ޚާއްޞަ ކުރެވިގެންދާނެ. އަދި ކޮންމެ އަހަރަކު، އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވިގެންދާނެ. މި އަހަރު ހުށަހަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، އެން.ޕީ.އައި.ގެ ތެރޭގައި، 3.8 ބިލިއަން ރުފިޔާ ހިމެނޭނެ. މި 3.8 ބިލިއަންގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކަނޑައަޅާނީ، މި ދެންނެވި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިންގަން. އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވޭނެ. މިއީ، ހިސާބުޖަހައި، ކަމާބެހޭ ވުޒާރާތަކުގެ ހިސާބުތައް އަޅުގަނޑު ހޯދައި، ހުރިހާ ކަމެއް ކަލްކިއުލޭޓްކޮށް، ފައިނަލް ކުރެވިފައި ހުރި ޢަދަދުތަކެއް. މި ޢަދަދުން ހަތަރުސަތޭކަ މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ސިފައިންގެއަށް އެއްހާސް ކުދިން، ފުލުހުންނަށް ދުއިސައްތަ ފަންސާސް ކުދިން ވެއްދޭނެ. ޖުމްލަ ފަސްހާސް ކުދިން. ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، މަގުމަތީގައި ބާކީވެފައި ތިބުމުގެ ބަދަލުގައި، ފުލުހުންގެ ތަމްރީނު، ސިފައިންގެ ތަމްރީނު ލިބިފައި ތިބި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި، މުޖުތަމަޢަށް ފައިދާހުރި ބައެއް ގޮތުގައި އިރާދަކުރެއްވިއްޔާ ވެގެންދާނެ.

 

- ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން

 

މިއަދު އޮންލައިން