އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) މިއަދު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މި ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ 402 އިލްމީ ބޭފުޅުން ބައިވެރިވެ، ޖުމްލަ 113 ދިރާސާ ކަރުދާސް ތިން ބަހަކުން ހުށަހަޅާފައިވެއެވެ. މީގެ ތެރޭގައި އިނގިރޭސި ބަހުން 83 ކަރުދާހާއި، ދިވެހި ބަހުން 12 ކަރުދާހާއި، އަރަބި ބަހުން 18 ކަރުދާސް ހިމެނެއެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގެ ފުރަތަމަ ދެ ދުވަހު ބޭއްވީ 12 ޕްރީ-ކޮންފަރެންސް ވޯކްޝޮޕެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޕްރީ-ކޮންފަރެންސް ވޯކްޝޮޕް ބޭއްވުނު އެއް ކޮންފަރެންސް ކަމަށް ބެލެވެއެވެ.
ކޮންފަރެންސްގެ ރަސްމީ ބައިތައް ކުރިއަށް ގެންދިޔައީ އިއްޔެ އާއި މިއަދުއެވެ. ކޮންފަރެންސްގެ 402 ބައިވެރިންގެ ތެރެއިން 59 ބައިވެރިންނަކީ ރާއްޖޭން ބޭރުގެ ފަރާތްތަކެވެ. މީގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ އަދި އިންޑޮނޭޝިއާގެ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުންނާއި ލެކްޗަރާއިން ހިމެނެއެވެ.
މި އަހަރުގެ ކޮންފަރެންސްގައި ތަފާތު ތިން ދާއިރާއަކުން، ދުނިޔޭގައި ފާހަގަކޮށްލެވޭ ތިން އިލްމުވެރިއަކު ކީނޯޓް ތަޤްރީރު ދެއްވިއެވެ. އެއީ މެލޭޝިއާގެ މާސްޒްލީ މަލިކް، އެމެރިކާގެ ފިލިޕް ހެލިންޖާ، އަދި ދެކުނު އެފްރިކާގެ ޓެކާނޯ މެޓްރެޑްރޯއެވެ.
އައިސީއައިއޭ އަކީ 2016 ވަނަ އަހަރުން ފެށިގެން އައިޔޫއެމްއިން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މި ކޮންފަރެންސް އިއްޔެ ފަށްޓަވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.