ވީރާނާވަމުންދިޔަ އިމާރާތެއް ހޮޓަލަކަށް ބަދަލުވީ ރައީސްގެ ހަރުދަނާ ނިންމެވުމުން: އެމްޑީ ނަޢީމް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ވީރާނާވަމުންދިޔަ އިމާރާތެއް ހޮޓަލަކަށް ބަދަލުވީ ރައީސްގެ ހަރުދަނާ ނިންމެވުމުން: އެމްޑީ ނަޢީމް

އެތައް އަހަރެއް ވަންދެން މަސައްކަތް ހުއްޓި، ވީރާނާވާން ދޫކޮށްލާފައި ހުރި އިމާރާތެއް ޒަމާނީ ފެންވަރުގެ ހޮޓަލަކަށް ބަދަލުވެގެންދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމާ މެދު ގެންގުޅުއްވާ ހަރުދަނާ ތަސައްވުރާއި ނިންމެވި ހަލުވި ނިންމެވުންތަކުގެ ސަބަބުން ކަމަށް މަންހަޓަން ގްރޭންޑް ހޮޓަލުގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ނަޢީމް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރަސްމީކޮށް ހުޅުވި މަންހަޓަން ގްރޭންޑް ހޮޓަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޢީމް ވިދާޅުވީ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ފަށައި މަސައްކަތް ހުއްޓިފައި އޮތުމުން، އެތަން ނިންމުމަށް ވަރަށް ބޮޑަށް ބޭނުންފުޅުވި ކަމަށެވެ. އަދި އެ މަޝްރޫއު ވޯލްޑް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޢީމް ފާހަގަކުރެއްވި ގޮތުގައި އެ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ވަގުތުން އީޖާބީ ޖަވާބެއް ދެއްވައި، މަސައްކަތް ކުރިއަށް ގެންދެވޭނެކަމުގެ ފުރިހަމަ އުއްމީދު ދެއްވިއެވެ.

"އަޅުގަނޑު ވަރަށް އުފާވި އަޅުގަނޑު ނުދަންނަ ބޭފުޅެއް. އަޅުގަނޑު އެއްގޮތަކަށްވެސް އެޕްރޯޗު ނުކުރާ ބޭފުޅެއް މިކަހަލަ މުހިންމު ނިންމުމެއް ނިންމެވީމަ އަޅުގަނޑަށް ގަބޫލުކުރެވިއްޖެ ޤައުމުދެކެ ލޯބިވާ ވެރިޔެކޭ އެއީ،" ޤައުމީ ތަރައްގީއަށް ރައީސް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވަމުން ނަޢީމް ވިދާޅުވިއެވެ.

މި މަޝްރޫއާ ހަވާލުވިއިރު އެ އިމާރާތް ހުރީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައި ކަމަށާއި، ބޮޑެތި މަރާމާތުތަކެއް ކުރަންޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޤައުމަށާއި ރައްޔިތުންނަށް އެތަނުން ފައިދާތަކެއް ހޯދައިދިނުމުގެ މަގުސަދުގައި އެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ.

މިއަދު އޮންލައިން