ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ، އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް: މެޑަމް ސާޖިދާ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 28ސ
ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ، އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް: މެޑަމް ސާޖިދާ

އެއްވެސް އިންސާނަކީ އޭނާއާމެދު ތަޤުދީރު ނިޔާކޮށްފައިވާ ގޮތުން މުޖުތަމަޢުން އެކަހެރި ކުރެވިގެންވާނެ މީހެއް ނޫން ކަމަށާއި، ބިނާކުރަންވީ އެކަކުވެސް ބާކީނުކޮށް، އެންމެން ބައިވެރިވާ އަދި އެންމެންނަށް ޤަދަރުކުރާ މުޖުތަމަޢެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، އެކިއެކި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިރޭ ބާސެލޯ ނަސަންދުރާގައި ބޭއްވި "ރިވެލި އެވޯޑް" ދިނުމުގެ ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފުލާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގެންނެވުމުން، އެކަމަނާއަށް މަރުޙަބާ ދެންނެވީ، ޞިއްޙަތާއި ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީއެވެ.

މިރޭގެ ޙަފުލާގައި ރިވެލި އެވޯޑު2026 ޙާސިލުކުރި އަށް ފަރާތަކަށް، އެކަމަނާ އެވޯޑު ޙަވާލު ކޮށްދެއްވިއެވެ.އެއަށްފަހު ، އެވޯޑު ޙާޞިލުކުރެއްވި ފަރާތްތަކާ މުޚާޠަބު ކުރައްވައި އެކަމަނާ ވިދާޅުވީ، އެ ބޭފުޅުންނަކީ، އާދަޔާ ޚިލާފު ކުޅެދުންތެރިކަމަކާއި ފަންނުވެރިކަމެއް ދައްކުވައިދިން، މުޖުތަމަޢުގެ ވަރަށް އަގުހުރި މޭސްތިރިންތަކެއް ކަމަށާއި، އެފަރާތްތަކާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމުގައެވެ. އަދި މުޖުތަމަޢުގެ ނިޒާމުތައް ބައްޓަންވާންވާނީ، ކުލުނާއި ކަމޭހިތުމަށް ދިރުންލިބި، އެންމެންގެ ހިތްހަމަޖެހުމާއި އުފާވެރިކަން ޔަޤީންވާ ގޮތަށް ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ. ހަމަ މިޔާއެކު،އެ ފަރާތްތައް އެ ދައްކުވައިދެއްވަނީ ޢަޒުމާ ސާބިތުކަމުގެ މުހިންމުކަންކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވަނީ ކީރިތި ޤުރްއާނުގެ ޢަބަސަ ސޫރަތުގައި ބަޔާންވެގެންވާ ޙާދިސާއަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެކިއެކި އުނިކަން ހުންނަ ފަރާތްތަކުގެ އިޙްސާސްތަކަށް އިޙްތިރާމުކުރުމާއި، އެ ފަރާތްތަކުގެ އަގުވަޒަންކުރުމަކީ އިސްލާމްދީން ބާރުއަޅާ، އަދި މާތް ﷲ ލޯބިވެ ވޮޑިގަންނަވާ ކަމެއްކަން އެ ޙާދިސާއިން ސާފުވާކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު މާޒީގައި ތަފާތުކުރުންތައް ގެންގުޅެވިފައިވީ ނަމަވެސް، މިއަދު ދިވެހި މުޖުތަމަޢުގެ ވިސްނުމަށް ހެޔޮ ބަދަލުތަކެއް އައިސް ހޭލުންތެރިކަން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން މިފަދަ ފަރާތްތަކުގެ އަގުވަޒަންކުރުމާއި، އެ ފަރާތްތަކުގެ ހުނަރުތައް ކުރިއެރުވުމަށް ދައުލަތުގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އެގޮތުން އެފަރާތްތަކަށް ޢިލްމީ ހޭލުންތެރިކަމާއި ފަރުވާގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން އަންނަކަމަށާ، އެފަރާތްތަކުގެ ކިބައިގައި ހުރި ހުނަރުތައް ޢާންމުކުރުމަށް ހިތްވަރުދީ، އެކަމަށް މަރުޙަބާ ކިޔައި ޖަމަޢީ ގޮތެއްގައި ވާގިވެރިވަމުން އައިސްފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން މި ޙަފުލާގައި 'ރިވެލި އެވޯޑު 2026 ޙާސިލުކުރެއްވި އަށް ބޭފުޅުންނާއި، އަދި 'ސްޕެޝަލް ރިކޮގްނިޝަން ޓޯކަން' ޙާސިލު ކުރެއްވި ފަރާތާއެކު ވަކިވަކިން ނެގި ދެ ފޮޓޯގައިވެސް އެކަމަނާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދު އޮންލައިން