ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ތިން ގެއަކަށް ފެންވަދެގެން އެހީތެރިކަން ފޯރުކޮށްދެނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން: ތިން ގެއަކަށް ފެންވަދެގެން އެހީތެރިކަން ފޯރުކޮށްދެނީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހދ. ނޮޅިވަރަމަށް ބޯކޮށް ވާރޭވެހި ރަށުތެރޭގައި ފެންބޮޑުވުމުގެ ސަބަބުން، ތިން ގެއަކަށް ފެންވަދެގެން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، މިއަދު ހެނދުނު 11:30 އިން ފެށިގެން އެ ރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ވަނީ ފެންބޮޑުވެފައެވެ. ނޮޅިވަރަމް ކައުންސިލްގެ ރައީސް އަހުމަދު އާމިރު ވިދާޅުވީ، މި ވިއްސާރައިގައި މިހާތަނަށް ރިޕޯޓުކޮށްފައިވަނީ އެންމެ 3 ގެއަކަށް ފެންވަދެގެން ކަމަށާއި، އިތުރު އެއްވެސް ގެއަކަށް ގެއްލުންވެގެން ރިޕޯޓުކޮށްފައި ނުވާ ކަމަށެވެ.

ފެންބޮޑުވުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމަށް ދެ ޕަންޕު ބޭނުންކޮށްގެން މަސައްކަތް ކުރަމުން އަންނައިރު، ގެތަކަށް އިތުރަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ހަވީރު 4:00 އިން ފެށިގެން ރަށުގެ ބައެއް ސަރަހައްދުތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މެންދުރު 11:30 އިން 12:30 އާ ދެމެދު ވަރަށް ބޯކޮށް ވާރޭވެހުނު ނަމަވެސް، މިހާރު އެ ރަށަށް ވެހެމުންދަނީ ތުނިކޮށެވެ. އަދި ކަމާބެހޭ އިދާރާތަކާއި ރަށު ކައުންސިލް ގުޅިގެން ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

މިއަދު އޮންލައިން