ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އާދަމް އަޠުހަރުގެ މަރުގެ މައްސަލަ ބަލަން ފަށައިފިއެވެ. މިކަން އެނގުނީ އިއްޔެ އެ ކޮމިޝަނުން ނެރުނު ބަޔާނަކުންނެވެ.
މިކަމާގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، މިދިޔަ އޯގަސްޓް 29 ވަނަ ދުވަހު އާދަމް އަޠުހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި ފުލުހުން ޢަމަލުކޮށްފައިވާ ގޮތާއި، އަދި އޭގެ ފަހުން ހައްޔަރުގައި ހުއްޓާ އޭނާ މަރުވުމާ ހަމައަށް ކަން ހިނގައިދިޔަ ގޮތް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ކޮމިޝަނުން ބަލާ ކަންކަމުގެ ތެރޭގައި ހިމެނެނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބާރުގެ ބޭނުންކޮށްފައިވާ ގޮތާއި، އަޠުހަރަށް ލިބުނު އަނިޔާތަކަށް ފަރުވާދޭން ފުލުހުން ޢަމަލުކުރިގޮތުގެ އިތުރުން، އޭގެ ފަހުން އޭނާއަށް ސިއްޚީ ފަރުވާ ފޯރުކޮށްދިނުމުގައި ޢަމަލުކޮށްފައިވާ ގޮތެވެ.
އެޗްއާރްސީއެމްއިން އިތުރަށް ވިދާޅުވެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އަޠުހަރު ހުއްޓައި ސެޕްޓެމްބަރު 1 ގައި ދިމާވި ހާދިސާ ހިނގި ވަގުތުން ފެށިގެން އެކަން އެ ކޮމިޝަނުގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނުގެ ރެޕިޑް ރެސްޕޮންސް ޓީމުން ކަމާ ގުޅުންހުރި މަޢުލޫމާތުތައް އެއްކޮށް، ޖަލުގައި ހިނގި ކަންކަންވެސް ބަލަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަޠުހަރު މަރުވުމާ ގުޅިގެން އެ މައްސަލަވެސް ބަލާނެ ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.