އޭސީތަކުންނާއި ގަސްތަކަށް ފެންދިނުމުން މަގުމައްޗަށް ނަޖިސް ފެންފައިބާ ތިންސަތޭކައަށްވުރެ ގިނަ ތަންތަން މާލޭގައި އެބަހުރިކަން މޭޔަރ އާދަމް ޢާޒިމް ފާހަގަކުރައްވައިފިއެވެ.
ރާއްޖެ މިއަދު ޕްރޮގްރާމްގައި މިކަން ފާހަގަކުރައްވައި ޢާޒިމް ވިދާޅުވެފައިވަނީ ގޭގެ ވެރިފަރާތާއި ގުޅައިގެން މިމައްސަލަ ޙައްލުކުރަން މަސައްކަތްކުރެވެމުން އަންނަ ކަމަށެވެ.
މަތިން ނަޖިސްފެން ފައިބާތީ އެފެނުގައި ނުޖެހި ގެއިން ވުޟޫކޮށްގެން ސާފުތާހިރުކަންމަތީގައި މިސްކިތަށް ދެވެން ނެތް ކިތަންމެ މަގުތަކެއް މާލޭގައި އެބަހުރިކަން މިއަދުނޫހުން ވާނީ ފާހަގަކޮށްފައެވެ.
މާލޭގެ 4 އަވަށުގައި 4 އަވަށު އޮފީސްހުރެ އެއިން އޮފީހެއްގައި 2،3 ސަރުދާރުން ތިބެގެން މާލެ ބެލެހެއްޓިއިރަށްވުރެ މިއަދު މާލޭގެ ޙާލަތު މިވަނީ ބޮޑުވެފައެވެ. މާލެ ތެރެ ބަލަހައްޓަން އެކި ނަންނަމުގައި ވަޒިފާދީފައި ތިބި މީހުންގެ ޢަދަދު އިންތިހާއަށް ގިނަވެފައިވީނަމަވެސް މާލޭގެ ބަލަހައްޓަންޖެހޭ ސަރަޙައްދު ބޮޑުވެފައެއް ނެތެވެ. އެހެންކަމުން މަސްއޫލިއްޔަތު އުފުލާ މީހުން ކުރާ މަސައްކަތާއިބެހޭގޮތުން މިވަނީ ސުވާލު އުފެދިފައެވެ.