ޙައްޖުގެ އަޅުކަން މިހާރަށްވުރެ ފަސޭހަކުރުމަށް ޙައްޖުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާނެކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ޝަކީލް ވިދާޅުވީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގެތެރޭގައި ޙައްޖުވެރިންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ މިނާގެ ފޭލިގެތަކުގެ ޖާގަ ކުޑަވެ ތޮއްޖެހިގެން ތިބެން ޖެހުން ކަމަށާއި ޙައްޖުގެ އަޅުކަން މިހާރަށްވުރެ ފަސޭހައިން ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށެވެ.

މިނާގެ ފޭލިގެތަކުގެ ޖާގަ ތަނަވަސްކުރުމަށްޓަކައި އިތުރު ޚަރަދުތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ޙައްޖުވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދާ ކަންބޮޑުވުންތައް ދެނެގަނެ ކުރިއަށް އޮތްތަނުގައި އެކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ޙައްޖުގެ އޮޕަރޭޝަނަކީ ބޮޑު އޮޕަރޭޝަނެއްކަމަށާއި 1149 ޙައްޖުވެރިން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ބޮޑު މަސައްކަތެއްކަން ފާހަގަކުރައްވާ ޝަކީލް ވިދާޅުވީ ޙައްޖު ކޯޕަރޭޝަނުން އަބަދުވެސް އިސްކަންދޭނީ ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް ކަމަށެވެ.