ޙައްޖު ކޯޕޮރޭޝަން މެދުވެރިކޮށް ޙައްޖަށްދާން ފައިސާ ދެއްކިނަމަވެސް ނުދެވި 7000 ވަރަކަށް މީހުން އެބަތިބި ކަމަށާއި ކިޔޫ ދިގުލައިގެން ދިއައީ ކޮވިޑާއި ގުޅިގެން 3 އަހަރު މީހުން ނުފޮނުވުމުން ކަމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ޙައްޖަށް ފުރި 150 މީހުންގެ ގްރޫޕާއިއެކު ޙައްޖަށް ފުރާވަޑައިގަންނަވަން އެއާޕޯޓުގައި ހުންނަވައިގެން ޑރ. ޝަހީމް ވިދާޅުވީ ކޮވިޑާއި ގުޅިގެން 2020 އަދި 2021 އަހަރު ހަމައެކަކުވެސް ޙައްޖަށް ނުފޮނުވޭ ކަމަށާއި 2022 ވަނަ އަހަރު ޙައްޖަށް ފޮނުވުނީ 400 ވަރަކަށް މީހުންނަކަށެވެ. ކިޔޫ މިހާރު މިހައި ދިގުވެފައި މިއޮތީ އެކަމުގެ ސަބަބުން ކަމަށެވެ.
ސަޢުދީ ސަރުކާރުން މިއަހަރު ދީފައިވަނީ އިތުރު 150 އާއިއެކު 1150 ކޯޓާއެވެ. އެއިގެ ތެރެއިން 1100 މީހުން ޙައްޖަށް ގެންގޮސްފައިވަނީ ޙައްޖުކޯޕޮރޭޝަނަށް ފައިށާ ދައްކާފައިވާ މީހުންގެ ތެރެއިންނެވެ. 50 ކޯޓާ ބޭނުންކޮށްފައިވަނީ ފަޤީރުން ފޮނުވުމަށެވެ. އެހެން އަހަރުތަކުގައި ޙައްޖު ކޯޕޮރޭޝަނަށް ދެނީ 400 ކޯޓާއެވެ. އެހެންކަމުން މިއަހަރު އެވަނި އިތުރު 700 މީހުންގެ ކޯޓާ ޙައްޖު ކޯޕޮރޭޝަނަށް ދެވިފައެވެ.
ސަރުކާރުގެ ފަރާތުން ޙައްޖަށް ފޮނުވި އިސްބޭފުޅުން ޙައްޖަށްވަޑައިގެންފައިވަނީ ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީން ދީފައިވާ ކޯޓާގައެވެ.
ޑރ. ޝަހީމް ވިދާޅުވީ ރާއްޖެއިން މިހައިތަނަށް އެންމެ ގިނަ މީހުން ޙައްޖަށް ފޮނުވިފައިވަނީ 2015 ވަނަ އަހަރާއި މިއަހަރު ކަމަށެވެ. 2015 ވަނަ އަހަރު އިތުރުކޯޓާތައް ލިބިގެންދިއައީވެސް ޑރ. ޝަހީމް އިސްލާމީ ވަޒީރަކަށް ހުންނަވަނިކޮށްކަން ފާހަގަކުރެވެއެވެ.