ތިމާ އާއި މަރުވެފައިވާ މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާ ބައްޔަކުން ޝިފާ ދެއްވެވުން އެދިގެންވެސް އުލްޙިޔާ ކަތިލެވިދާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 6މ 6ސ
ތިމާ އާއި މަރުވެފައިވާ މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާ ބައްޔަކުން ޝިފާ ދެއްވެވުން އެދިގެންވެސް އުލްޙިޔާ ކަތިލެވިދާނެ!

ތިމާ އާއި މަރުވެފައިވާ މައިންބަފައިންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދިގެންނާ ބައްޔަކުން ޝިފާ ދެއްވެވުން އެދިގެންވެސް އުލްޙިޔާ ކަތިލެވިދާނެއެވެ، 

ތިރީގައި މިގެނެސްދޭ ލިޔުންތައް ވިދާޅުވެލައްވާށެވެ!

މަރުވެފައިވާ މީހުންނަށް ދަރުމަހުރި ގޮތުގަ އުޟްޙިޔާ ކަތިލެވޭނެ ޙާލަލަތުތައް- 

މަރުވެފައިވާ މައިންބަފައިންގެ މަތިން އުޟްޙިޔާ ކަތިލެވިދާނެތޯ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާ ކަތިލުން މަޝްރޫޢު ވެގެންވަނީ ހަމައެކަނި ދިރިތިބި މީހުންގެ މައްޗަށެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ފަދައިން މަރުވެފައި ތިބޭ މީހުންގެ މަތިން އުޟްހިޔާ ކަތިލުމެއް ނެތެވެ. 

މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުން ތިންބަޔަކަށް ބެހިގެންވެއެވެ. 

1.    ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންވެސް ހިމަނައިގެން، މީހަކު އޭނާގެ ގޭގެ ހުރިހާ އަހްލުވެރިންގެ މަތިން އުޟްޙިޔާ ކަތިލުމަށް ނިޔަތް ގަތުން. މިއީ ހުއްދަ ކަމެކެވެ. މީގެ ދަލީލަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަމިއްލަ ނަފްސުގެ މަތިންނާއި އަހްލު ބައިތުންގެ މަތިން އުޟްޙިޔާ ކަތިލެއްވުން. އޭގެ ތެރޭގައި މަރުވެ ގޮސްފައިވާ މީހުންވެސް ހިމެނިގެންވެއެވެ. 

2.    މަރުވެފައިވާ މީހެއްގެ ވަޞިއްޔަތް ފުރިހަމަ ކުރުމަށް ޓަކައި އޭނާގެ މަތިން އުޟްޙިޔާ ކަތިލުން.  

މި ޙާލަތުގައި ކުޅަދާނަކަން ހުރެއްޖެނަމަ އެމައްޔިތާގެ މަތިން އުޟްޙިޔާ ކަތިލުން ވާޖިބު ވެގެންވެއެވެ. ދަލީލަކީ: ސޫރަތުލް ބަގަރާގެ 181 ވަނަ އާޔަތެވެ.  (فَمَن بَدَّلَهُ بَعْدَ مَا سَمِعَهُ فَإِنَّمَا إِثْمُهُ عَلَى الَّذِينَ يُبَدِّلُونَهُ ۚ إِنَّ اللَّـهَ سَمِيعٌ عَلِيمٌ) މާނައަކީ: " ފަހެ، އެ وصية އިވުމަށްފަހު، އެ وصية ބަދަލުކުޅަ މީހާ (ދަންނާށެވެ! ހަމަކަށަވަރުން، އެކަމުގެ ފާފަ އޮތީ، އެކަން ބަދަލުކުރާ މީހުންގެ މައްޗަށެވެ. ހަމަކަށަވަރުން، اللَّه އީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

3.    މަރުވެފައިވާ މީހުންގެ ފަރާތުން ޞަދަގާތެއްގެ ގޮތުގައި އުޟްޙިޔާ ކަތިލުން. މިއީ ހުއްދަ ގޮތެއް ކަމަށް ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވެއެވެ. މައްޔިތާގެ މަތިން ޞަދަގާތް ކުރުމުން އޭގެ ޘަވާބު މައްޔިތާ އަށް ލިބޭފަދައިން އުޟްޙިޔާގެ ޘަވާބުވެސް ލިބޭނެ ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. އެހެންނަމަވެސް އެހެން ޢިލްމުވެރިން ދެކިލައްވާ ގޮތުގައި މަރުވެފައިވާ މީހުންގެ މަތިން އުޟްޙިޔާ ކަތިލުމެއް ނެތެވެ. ސަބަބަކި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްވެސް މަރުވެފައިވާ މީހެއްގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. އެކަލޭގެފާނުގެ އެންމެ ގާތް ބޮޑުބޭބޭފުޅު ޙަމްޒަތުގެ ފާނުގެ މަތިންނާއި، އެކަލޭގެފާނުގެ ޙަޔާތުގައި ދުނިޔެ ދޫކޮށްގޮސްފައިވާ ދަރިކަލުންނާއި ދަރިކަނބަލުންގެ މަތިންނާއި، އަނބިކަނބަލުން ޚދީޖަތުގެފާނުގެ މަތިންވެސް އުޟްޙިޔާ ކަތިލައްވާފައި ނުވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަހުން އެކަލޭގެފާނުގެ އެއްވެސް ޞަޙާބީ އަކުވެސް މަރުވެފައިވާ ގާތް ތިމާގެ މީހުންގެ މަތިން އުޟްޙިޔާ ކަތިލައްވާފައި ނުވާތީވެއެވެ. والله أعلم. 

ބައްޔަކުން ޝިފާ ލިބުން އެދި އުޟްޙިޔާ ކަތިލެވިދާނެ!: ޑރ. އިޔާޟް 

އަޅުގަޑުގެ ދެބެންގެ ދެދަރި ކުއްޖަކު އެކްސިޑެންޓެއްވެ، އޮތީ ވަރަށް ބަލި ޙާލުގައެވެ. ޑރ އިން ވިދާޅުވަނީ އޭނާ ދިރޭނެ ކަމުގެ އޮތީ 50% ގެ ފުރުޞަތެއް ކަމަށެވެ. މީހަކު އަޅުގަޑުމެން ގާތުގައި ބުނީ އޭނާ އަށް ޝިފާ ދެއްވުން އެދި އުޟްޙިޔާ ކަތިލުމަށެވެ. މިކަމާއި މެދުގައި ދީނީ ގޮތުން އޮންނަ ގޮތް ބުނެދެއްވަފާނަންތޯ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

ﷲ އަށް ކުއްތަންވުމުގެ ގޮތުން، އަދި ކަތިލެވޭ އެއްޗަކުން ފަގީރުންނާއި މިސްކީނުންނަށް ޞަދަގާތް ކުރުމުގެ ނިޔަތުގައި ކަތިލައިފިނަމަ މައްސަލަ އެއް ނެތެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (الصدقة تطفئ الخطيئة كما يطفئ الماء النار) رواه أحمد (3/399) 

މާނައަކީ: "ފެނުން އަލިފާން ނިވާލާފަދައިން ޞަދަގާތުން ނުބައިކަންތައް ފޮހެލައެވެ." ބައެއް ބައްޔަކީ ކުރެވިފައިވާ ކޮންމެވެސް ފާފައެއްގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ޞަދަގާތް ކުރުމުން އެފާފަ އެއް ފޮހެވި، ބަލިން ޝިފާ ލިބުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ޞަދަގާތުގެ ސަބަބުން އެމީހެއްގެ ދަރަޖަމަތިވެރި ވެގެންދެއެވެ.  والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ކަތިލުމަށް ހޭދަވާ ފައިސާކޮޅު ގާތްތިމާގެ ފަގީރެއްގެ ބޭހަކަށް ޚަރަދުކޮށްލުންތޯ؟: ޑޜ. އިޔާޟް  

އުޟްޙިޔާ ކަތިލުމުގެ ބަދަލުގައި ގާތްތިމާގެ ފަގީރު މީހެއްގެ ބޭހަށް އެފައިސާކޮޅު ޚަރަދުކޮށްލުމަކީ ކޮންކަހަލަ ކަމެއްތޯ؟ އޭނާގެ ފަގީރު ކަމުން ބޭސްކުރުމަށް ޒަކާތުގެ ފައިސާއިންވެސް މިންވަރެއް ދީފީމެވެ. ނަމަވެސް އެވަރުންވެސް ނުފުދެއެވެ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

އަޞްލަކީ އުޟްޙިޔާގެ އަގުން ޞަދަގާތް ކުރުމަށްވުރެ އުޟްޙިޔާ ކަތިލުން އައުލާކަން ބޮޑެވެ. އޭގެ ސަބަބުން ﷲ އަށް ކުއްތަންވުމުގެ ގޮތުން އެއްޗެއް ކަތިލެވެނީއެވެ. އަދި އެއިން ބައެއް ޞަދަގާތްވެސް ކުރެވެއެވެ. އަދި މިޝިޢާރު ތިމާގެ އަނބިދަރިންގެ ތެރޭގައި ފާޅުކޮށް އެކަން އިޙްޔާކޮށް ދިރުވެއެވެ.

ނަމަވެސް ގާތްތިމާގެ މީހެއްގެ ބަލިބޮޑުވެ އެނޫންގޮތެއް ނެތިއްޖެ ޙާލަތެއްގައި އުޟްޙިޔާ ކަތިލުމަށް ފޮރުވާފައި ހުރި ލާރިކޮޅުން ބަލިމީހާގެ ބޭހަށް ޚަރަދުކުރުމަކީ އެންމެ ރަގަޅު ކަމެކެވެ.  والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން