އުލްޙިޔާ ކަތިލުމާއިބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

މިއަދު
ކިޔުމަށް ހޭދަވާނީ 21މ 12ސ
އުލްޙިޔާ ކަތިލުމާއިބެހޭގޮތުން އެނގުން މުހިންމު ބައެއް މަޢުލޫމާތު-

އުޟްޙިޔާ އަށާއި ޢަގީގާ އަށް ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ސުންނަތް އަދާ ކުރެވޭނެތޯ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

މި މައްސަލާގައި ޢިލްމުވެރިންގެ މެދުގައި ދެރައުޔެއްވެއެވެ. 

ފުރަތަމަ ރައުޔު: 

އުޟްޙިޔާ އާއި ޢަގީގާ އެއްނުކުރެވުން. މިއީ އިމާމް މާލިކް، ޝާފިޢީ އަދި އިމާމް އަޙމްދު- ރަޙިމަހުމުﷲ- ގެ ފަރާތްޕުޅުން ރިވާވެގެންވާ އެއް ރިވާޔަތެވެ. 

މިބޭފުޅުންގެ ދަލީލަކީ އުޟްޙިޔާ އާއި ޢަގީގާ އަކީ މުޅިން ދެއެއްޗެކެވެ. އެހެންކަމުން، ދެކަންތަކަށް ނިޔަތްގަނެ އެކަތި ކަތިލުމުން ސުންނަތް އަދާވީ ކަމަކަށް ނުވާނެއެވެ. އަނެއްކޮޅުން ދެއެތި ކަތިލެވެނީވެސް މުޅިން ދެސަބަބަކާ ހުރެއެވެ. އެހެންކަމުން، ތަމައްތުޢުގެ ކަތިލުމާއި ފިދްޔާގެ ކަތިލުން އެއް ނުކުރެވޭ ފަދައިން ޢަގީގާ އާއި އުޟްޙިޔާގެ ކަތިލުން އެއް ނުކުރެވޭނެއެވެ. 

(ތަމައްތުޢްގެ ކަތިލުމަކީ: ތަމައްތުޢްކޮށް ޙައްޖުކުރުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ. އަދި ފިދްޔައިގެ ކަތިލުމަކީ ޙައްޖުގެ ވާޖިބެއް ދޫކޮށްލެވުމުގެ ސަބަބުން ކަތިލަން ޖެހޭ ކަތިލުމެވެ.) 

ދެވަނަ ރައުޔު: 

އުޟްޙިޔާ އާއި ޢަގީގާ އަށް އެކީގައި ނިޔަތްގަނެ އެއް ޖަނަވާރެއް ކަތިލުމުން ފުދޭނެއެވެ. މިއީ އިމާމް އަޙްމަދުގެ ފަރާތްޕުޅުން ވާރިދުވެފައިވާ އެއްރިވާޔަތެވެ. އަދި މިއީ އިމާމް އަބޫ ޙަނީފާގެ މަޛްހަބެވެ. މިފަދައިން އިމާމް ޙަސަނުން ބަޞަރީ އަދި އިމާމް އިބްނު ސީރީން އަދި ގަތާދާ- ރަޙިމަހުމުﷲ- ވިދާޅުވެފައިވެއެވެ.

މިބޭފުޅުންގެ ޙުއްޖަތަކީ: މިދެކަންތަކުގެވެސް މަގްޞަދަކީ (އުޟްޙިޔާ އާއި ޢަގީގާގެ ވެސް މަގްޞަދަކީ) އެއްޗެއް ކަތިލުމުން ﷲ އާއި ކުއްތަން ވުމެވެ. މިސްކިތަށްވަދެ ފަރްޟު ނަމާދެއް ކުރުމުން ތަޙިއްޔަތުލް މަސްޖިދަށް ފުދޭ ގޮތަށް އުޟްޙިޔާ ކަތިލުމުން ޢަގީގާ އަށް ވެސް ފުދޭނެއެވެ. 

މިމައްސަލާގައި ސަޢޫދީގެ ކުރީގެ މުފްތީ ފަޟީލަތުއް ޝައިޚް މުޙައްމަދު އިބްރާޙީމް- ރަޙިމަހުﷲ- ރާޖިޙް ކުރައްވާފައިވާ ގޮތަކީ އުޟްޙިޔާ އާއި ޢަގީގާ އަށް ނިޔަތްގަނެއް އެއް ޖަނަވާރެއް ކަތިލުމުން ދެކަންތަކަށް ފުދިގެން ދިޔުމެވެ. والله أعلم.

 -ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މުސްލިމުންނާ ހަނގުރާމަ ނުކުރަ ކާފަރުންނަށްވެސް އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ މަސް ހަދިޔާ ކުރުމަކީ އެންމެ ރަނގަޅު ކަމެއް! 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

މުސްލިމުންނާއި ހަނގުރާމަ ކުރާ ކާފަރެއް ނޫންނަމަ، އުޟްޙިޔާގެ ގޮތުގައި ކަތިލެވޭ ތަކެތީގެ މަސް ހަދިޔާ ކުރުމަކީ އެންމެ ރަގަޅު ކަމެކެވެ. ނަމަވެސް މުސްލިމުންނާއި ހަނގުރާމަ ކުރާ ކާފަރަކަށް ހަދިޔާ ކުރުމެއް ނެތެވެ.  

ސޫރަތުލް މުމްތަޙިނާގެ 8-9 ގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  

(لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِ‌جُوكُم مِّن دِيَارِ‌كُمْ أَن تَبَرُّ‌وهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٨ إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَ‌جُوكُم مِّن دِيَارِ‌كُمْ وَظَاهَرُ‌وا عَلَىٰ إِخْرَ‌اجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ)  

މާނައަކީ: " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.

والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އުޟްޙިޔާގެ ގޮތުގައި ކަތިލެވުނު ޖަނަވާރުގެ އެއްވެސް އެއްޗެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެވިގެން ނުވާނެ! 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

އުޟްޙިޔާގެ ގޮތުގައި ކަތިލެވުނު ޖަނަވާރުގެ އެއްވެސް އެއްޗެއް ވިޔަފާރީގެ ގޮތުގައި ބޭނުން ކުރެވިގެން ނުވާނެއެވެ. ސަބަބަކީ އެޖަނަވާރު ކަތިލެވިފައިވަނީ ﷲ ގެ ވަޖްހުފުޅަށް ޓަކައެވެ. އެހެންކަމުން، އެއިން އެއްވެސް ބަދަލެއް ހޯދައިގެން ނުވާނެއެވެ.  

روى البخاري (1717) ومسلم (1317) واللفظ له عَنْ عَلِيٍّ رضي الله عنه قَالَ : أَمَرَنِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ أَقُومَ عَلَى بُدْنِهِ وَأَنْ أَتَصَدَّقَ بِلَحْمِهَا وَجُلُودِهَا وَأَجِلَّتِهَا وَأَنْ لَا أُعْطِيَ الْجَزَّارَ مِنْهَا . قَالَ : نَحْنُ نُعْطِيهِ مِنْ عِنْدِنَا )  

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަލީގެ ކިބައިން އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ރިވާޔަތެއްގައިވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުޟްޙިޔާގެ ކަންތައްތައް ބެލެހެއްޓުމަށް ތިމަން ކަލޭގެފާނަށް އަށް އަމުރު ކުރެއްވިއެވެ. އަދި އޭގެ މަހާއި ހަންގަނޑު  ޞަދަގާތް ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ކަތިލާ މީހާ އަށް އެއިން ބައެއް ނުދިނުމަށްވެސް އަމުރު ކުރެއްވިއެވެ. ޢަލީގެފާނު ވިދާޅުވިއެވެ. ކަތިލާމީހާ އަށް އެއްޗެއް ދީ އުޅެނީ ތިމަންމެން އަމިއްލަ އަށެވެ." އެބަހީ އުޟްޙިޔާ އިން ބޭރުންނެވެ. والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

ވީމާ އެނގިގެން މިދަނީ އުޟްޙިޔާއަށް ކަތިލެވޭ އެއްޗެއްގެ މަސްވެސް ހަންވެސް އަދި އެހެން ގުނަވަނެއް ނަމަވެސް ވިއްކުން ހުއްދަ ނުވާނެ ކަމެވެ. އަދި ކަތިލާ މީހާއަށް އުޖޫރައިގެ ގޮތުގައި ވެސް ކަތިލެވުނު ޖަނަވާރުން ނުދެވޭނެ ކަމެވެ.

 

 އުޟްޙިޔާ ކަތިލާ ވަގުތުގައި ކިޔާ ދުޢާ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

އުޟްޙިޔާ ކަތިލުމުގެ ކުރިން އަންނަނިވި ދުޢާ ކިޔަންވާނެއެވެ. "ބިސްމިﷲ، ވަﷲ އަކްބަރު". މިއީ ވާޖިބު މިންވަރެވެ. މީގެ އިތުރުން އަމިއްލަ ނަފްސަށް ކަތިލާ އުޟްޙިޔާ އެއް ނަމަ "އައްލާހުންމަ ތަގައްބަލް މިންނީ" މިފަދައިން ކިޔުން ސުންނަތް ވެގެންވެއެވެ. އަދި އެހެން މީހަކަށް ކަތިލާދޭނަމަ "އައްލާހުންމަ ތަގައްބަލް މިން...." މިހިސަބަށް ކިޔުމަށް ފަހު އެމީހެއްގެ ނަން ލާނީއެވެ. މިއީ އެދެވިގެންވާ މިންވަރެވެ. "ބިސްމިﷲ ވަﷲ އަކްބަރު" ކިޔާފައި ކަތިލުމުން ވާޖިބު މިންވަރު އަދާވީއެވެ.   

روى البخاري (5565) ومسلم (1966) عَنْ أَنَسٍ قَالَ : (ضَحَّى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ أَقْرَنَيْنِ ذَبَحَهُمَا بِيَدِهِ وَسَمَّى وَكَبَّرَ وَوَضَعَ رِجْلَهُ عَلَى صِفَاحِهِمَا)  

މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން އިމާމް ބުޚާރީ އާއި މުސްލިމް ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޟްޙިޔާ ގެ ގޮތުގައި ދެދަޅު ފަޅާފައިވާ ދެކަންބަޅި ބަކަރި ކަތިލެއްވިއެވެ. އެކަލޭގެފާނުގެ ފައިންޕުޅު ބަކަރީގެ ކަރު ކައިރީގައި ބެހެއްޓެވުމަށްފަހު، ބިސްމިﷲ ވަﷲ އަކްބަރު އޭ ވިދާޅުވެފައި، އެކަލޭގެފާނުގެ އަތްޕުޅުން ކަތިލެއްވިއެވެ."

روى مسلم (1967) عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَمَرَ بِكَبْشٍ أَقْرَنَ فَأُتِيَ بِهِ لِيُضَحِّيَ بِهِ فَقَالَ لَهَا يَا عَائِشَةُ هَلُمِّي الْمُدْيَةَ (يعني السكين) ثُمَّ قَالَ اشْحَذِيهَا بِحَجَرٍ فَفَعَلَتْ ثُمَّ أَخَذَهَا وَأَخَذَ الْكَبْشَ فَأَضْجَعَهُ ثُمَّ ذَبَحَهُ ثُمَّ قَالَ بِاسْمِ اللَّهِ اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ وَآلِ مُحَمَّدٍ وَمِنْ أُمَّةِ مُحَمَّدٍ ثُمَّ ضَحَّى بِهِ) 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން އިމާމް މުސްލިމް ރިވާ ކުރެއްވިއެވެ.  

"އުޟްޙިޔާ ކަތިލުމަށް ޓަކައި ދަޅުފަޅާފައި ހުރި ކަންބަޅި އެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އެކަލޭގެފާނުގެ އަރިހަށް އެކަންބަޅި ގެނެވުމުން ވަޅިގެންނެވުމަށް ޢާއިޝާ އަށް އަމުރު ކުރެއްވިއެވެ. އަދި އެކަމަނާ ވަޅި ގެންނެވުމުން ހިލަގަނޑެއްގައި ކާއްތާ ވަޅި ތޫނު ކުރުމަށް އަމުރު ކުރެއްވިއެވެ. ޢާއިޝާ އެގޮތަށް އެކަންތައް ކުރެއްވުމުން ކަންބަޅި ބިންމަތީގައި ބޭއްވެވިއެވެ.  

އަދި ވިދާޅުވިއެވެ. (بِاسْمِ اللَّهِ اللَّهُمَّ تَقَبَّلْ مِنْ مُحَمَّدٍ وَآلِ مُحَمَّدٍ وَمِنْ أُمَّةِ مُحَمَّدٍ)މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ.ހއްދަވާގެންގުޅުއްވާ އިލާހެވެ. މުޙައްމަދުގެ ފާނާއި އެކަލޭގެފާނުގެ އާލުންނާއި ، އެކަލޭގެފާނުގެ އުއްމަތުގެ ކިބައިން ގަބޫލު ކުރައްވާފާންދޭވެ". މިހެން ވިދަޅުވުމަށްފަހު ޛަބަޙަ ކުރެއްވިއެވެ." 

روى الترمذي (1521) عَنْ جَابِرِ بْنِ عَبْدِ اللَّهِ قَالَ : شَهِدْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الأَضْحَى بِالْمُصَلَّى فَلَمَّا قَضَى خُطْبَتَهُ نَزَلَ عَنْ مِنْبَرِهِ فَأُتِيَ بِكَبْشٍ فَذَبَحَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِيَدِهِ وَقَالَ بِسْمِ اللَّهِ وَاللَّهُ أَكْبَرُ هَذَا عَنِّي وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي .

މަނައަކީ: މާތަ ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲ ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ޢީދު ދުވަހު މިސްކިތުގައި ބައިވެރިވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢީދު ދުވަހުގެ ޚުޠުބާ ނިންމެވުމަށްފަހު، މެމްބަރުން ފައިބާ ވަޑައިގެން ކަންބަޅި އެއް ގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން އެކަންބަޅި ޛަބަޙަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. (بِسْمِ اللَّهِ وَاللَّهُ أَكْبَرُ هَذَا عَنِّي وَعَمَّنْ لَمْ يُضَحِّ مِنْ أُمَّتِي) މާނައަކީ: "ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﷲ މާ ބޮޑެވެ. މިއީ ތިމަންކަލޭގެފާނުގެ ފަރާތުންނާއި، ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން އުޟްޙިޔާ ކަތިނުލާ މީހުންގެ ފަރާތުން ކަތިލެވޭ އެއްޗެކެވެ." والله أعلم.

--ޑޜ. މުޙަމަދު އިޔާޟް ޢަބްދުއްލަޠީފް

އުޟްޙިޔާ ކަތިލަން ޤަޞްދުކުރާ މީހުންނަށް ހަނދާންކޮށްދިނުމެއް! 

މާތް ﷲ ގެ ވާގިފުޅާއިއެކު މިއަހަރުވެސް ގިނަ ބައަކު އުޟްޙިޔާ ކަތިލާނެއެވެ. ރާއްޖޭގައި ބަކަރީގެ އަގުބޮޑުކަމުން ގިނަ ބައަކު މިހާރު އުލްޙިޔާ ކަތިލަނީ ރާއްޖެއިން ބޭރުގައެވެ. އިތުބާރުކުރެވޭ ފަރާތްތަކަށް ފައިސާ ފޮނުވައިގެންނެވެ.  

ރާއްޖޭގައި ކަތިލި ނަމަވެސް ރާއްޖެއިން ބޭރުގައި ކަތިލި ނަމަވެސް އުލްޙިޔާ ކަތިލަން އެދޭ މީހާއަށް އޮތީ ކަތިލެވި ނިމެންދެން ގައި އިސްތަށްޓާއި ނިޔަފަތި ނުކަނޑާ ހުރުމެވެ. އެހެނީ ޙަދީޘްފުޅުގައި އޮތީ "އެމީހާގެ އަތުގައި އުލްޙިޔާ ކަތިލާނެ އެއްޗެއް އޮތް މީހާ ކަތިލުމާއި ހަމައަށް އެމީހެއްގެ ގައިން އިސްތަށްޓެއް ނުވަތަ ނިޔަފަތްޗެއް ވަކިނުކުރުމަށެވެ."  

ތިރީގައި މިވަނީ ޑރ. މުޙައމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ބަސްފުޅެކެވެ.

 

އުޟްޙިޔާ ކަތިލަން ގަޞްދުކޮށްފި މީހާ ދުރުހެލިވާންވީ ކަންތައްތައް! 

އުޟްޙިޔާ ކަތިލަން ގަޞްދުކޮށްފައިވާ ދުރުހެލިވާންވީ ކަންތައްތައް ބަޔާންކޮށް ދެވަފާނަންތޯ؟

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد: 

ޛުލްޙިއްޖާ މަހަށް ހަނދު ބެލުމާއި އެކު އުޟްޙިޔާ ކަތިލުމަށް ގަޞްދުކޮށްފައިވާ މީހާ، އެކަން ނިމުމުގެ ކުރިން ހަށިގަނޑުގެ އެއްވެސް ތަނަކުން އިސްތައްޓެއް، ހަންކޮޅެއް، ކަނޑައިގެން ނުވާނެއެވެ. އަދި އެއްވެސް ނިޔަފައްޗެއްވެސް، އަދި ކަނޑައިގެން ނުވާނެއެވެ. މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން އިމާމް މުސްލިމް- ރަޙިމަހުﷲ- ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. (إِذَا رَأَيْتُمْ هِلالَ ذِي الْحِجَّةِ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ) މާނައަކީ: "ޛުލްޙިއްޖާ މަހުގެ ހަނދު ފެނުމާއި އެކު އުޟްޙިޔާ ކަތިލުމަށް ގަޞްދު ކުރާ މިހާ އިސްތަށްޓެއް ނިޔަފައްޗެއް ނުކަނޑާ ހުށިކަމެވެ." 

އެހެން ރިވާޔަތެއްގައިވެއެވެ. (إِذَا دَخَلَتْ الْعَشْرُ وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ فَلا يَمَسَّ مِنْ شَعَرِهِ وَبَشَرِهِ شَيْئًا) މާނައަކީ: "އުޟްޙިޔާ ކަތިލުމަށް ގަޞްދުކުރާ މީހާ، ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހުގެ ތެރޭގައި އިސްތަށްޓެއް، ހަންކޮޅެއް ނުކަނޑާ ހުށިކަމެވެ."  

އުޟްޙިޔާ ކަތިލުމުގެ ގަޞްދެއް ނެތް މީހާ މިކަންތައް ތަކުން ދުރުހެލިވާކަށް ނުޖެހޭނެއެވެ. والله أعلم.

 

އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލުން 

އުޟްޙިޔާގެ ގޮތުގައި ކުކުޅެއް ކަތިލެވިދާނެތޯ؟ 

الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:

އުޟްޙިޔާގެ ގޮތުގައި ކަތިލެވޭނީ ހަމައެކަނި ބަހީމަތުލް އަންޢާމްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ނުވަތަ ނަޢަމް ޞޫފީގެ ބާވަތް ތަކެވެ. އެހެންވީމާ، މުސަޅެއް ކަތިލިޔަސް، އަދި އަހެއް ކަތިލިޔަސް، ނުވަތަ ކުކުޅެއް ކަތިލިޔަސްވެސް އުޟްޙިޔާ އަކަށް ނުފުދޭނެއެވެ.  والله أعلم.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް 

މިއަދު އޮންލައިން