މިއަދު ސްޓެލްކޯއިން މި ދައްކަނީ، ސްޓެލްކޯގެ އިންޖީނުގެއަކީ ހަމައެކަނި ދުން އަރުވާ ތަނެއް ނޫންކަމާ ދުންތައް ހުއްޓުވާ ޤައުމު ފެހިކޮށްދޭނެ ކުންފުންޏެއްކަން!: އަސްލަމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 29ސ
މިއަދު ސްޓެލްކޯއިން މި ދައްކަނީ، ސްޓެލްކޯގެ އިންޖީނުގެއަކީ ހަމައެކަނި ދުން އަރުވާ ތަނެއް ނޫންކަމާ ދުންތައް ހުއްޓުވާ ޤައުމު ފެހިކޮށްދޭނެ ކުންފުންޏެއްކަން!: އަސްލަމް

މިއަދު ސްޓެލްކޯއިން މި ދައްކަނީ، ސްޓެލްކޯގެ އިންޖީނުގެތަކަކީ ހަމައެކަނި ދުން އަރުވާ ތަންތަން ނޫންކަމާއި ސްޓެލްކޯއަކީ މި ޤައުމަށް އަރަމުން ދިޔަ ދުންތައް މިހިސާބުން ހުއްޓުވައި އަދި ޤައުމުގެ ފެހިކަން ގެނެސްދީ އަޅުގަނޑުމެންނަށް އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަނިވި އެތައް ކަންކަން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭނެ ކުންފުންޏެއްކަން ކަމަށް ކ. ތުލުސްދޫ ކައުންސިލް އިދާރާގެ ރައީސް އަސްލަމް މޫސާ ވިދާޅުވެއްޖެއެވެ. 

ސްޓެލްކޯއިން މިއަދުވެސް ހަތާވީސް ހާސް ގަސްއިންދައި ކުރިއަށް އޮތް 5 އަހަރުތެރޭ 5 ލައްކަ ގަސް އިންދަން ފެށި މަޝްރޫޢު އިފްތިތާޙްކުރުމަށް ތުލުސްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކ. ތުލުސްދޫ ކައުންސިލް އިދާރާގެ ރައީސް އަސްލަމް މޫސާ ދެއްކެވި ވާހަކަފުޅު: 

ގަދަ ކީރިތި ވަންތަ މާތް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަން. މި އުއްމަތުގެ މާތް ނަބިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރް. 

އާދެ، މިއަދުގެ މި ރަސްމިއްޔާތަށް ވަޑައިގެން ދެއްވި ހުރިހާ ޢިއްޒަތްތެރިންނަށް އަޅުގަނޑު ތުލުސްދޫ ކައުންސިލްގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައ އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ޚައްސަކޮށް ސްޓެލްކޯގެ އެމް.ޑީ އިނގޭތޯ. އަޅުގަނޑުމެންގެ ކައުންސިލާއިމެދު މި ބަހައްޓާ ގާތްކަމާއި، އަދި ސްޓެލްކޯގެ ހުރިހާ ވެރިންގެ ފަރާތުން އަޅުގަނޑަށް މި ދެއްވާ އެއްބާރުލުމާއި މި ބަހައްޓާ ގާތް ކަމަށްޓަކާ އިޚްލާސްތެރިކާއިއެއްކޮށް  ޝުކުރު ދަންނަވަން. 

މިއަދު ސްޓެލްކޯއިން މި ދައްކަނީ، ސްޓެލްކޯގެ އިންޖީނުގެއަކީ ހަމައެކަނި ދުން އަރުވާ ތަނެއް ނޫންކަން. އެބޭފުޅުންނަކީ މި ޤައުމަށް އެ އަރަމުން ދިޔަ ދުންތައް މިހިސާބުން ހުއްޓުވާ އަދި ޤައުމުގެ ފެހިކަން ގެނެސްދީ އަޅުގަނޑުމެންނަށް އޭގެ ސަބަބުން އެތައް ފައިދާތަކެއް ކުރަނިވި އެތައް ކަންކަން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދޭނެ ބައެއްކަން މިއަދު މި ދައްކާދެނީ. 

އަޅުގަނޑުމެން ސްޓެލަކޯގެ އެމް.ޑީ އާއި އަދި ސްޓެލްކޯގެ ހީވާގި އިސްވެރިންނަށް އިޚްލާސްތެރި ކަމާއެއްކޮށް ޝުކުރު ދަންނަވަން. އާދެ، ކޮންމެއަކަށް ގަހަކީ އަޅުގަނޑުމެންނަށް އެގަހާ ނުލާ ނޫޅެވޭނެ އެއްޗެއް. އަޅުގަނޑުމެން މިއޮއް ބޮޑު ބިމުގައި ގަސްތަކެއް އިންދިގެން ދާއިރަށް އެ ގަސްތައް ބެލެހެއްޓުމަކީވެސް ކުޑަ ކަމަކަށް ވެގެން ނުދާނެ. އަޅުގަނޑުމެން މިއަދު ހަމައެކަނި މި ގަސް އިންދާފަ އެހިސާބުން ނިންމާލާނީކީ ނޫން. މި ގަސްތައް ބެލެހެއްޓުމަށްޓަކާ އަޅުގަނޑުމެން ތުލުސްދޫގެ ހުރިހާ މުއައްސަސާތަކުގެ އިސްވެރިންގެ މެދުގައި މިއަދު ވާނީ ގިނަ މަޝްވަރާތަކެއް ކުރެވިފައި. މީގެ ކުރިންވެސް ތިން ބައްދަލުވުމެއް ބޭއްވިފަ ވާނީ. 

އަޅުގަނޑުމެން މި ގަސްތައް ބެލެހެއްޓުމަށްޓަކާ މުއައްސަސާތަކަށް ބަހާލައިގެން ގާތްގަނޑަކަށް 9 ވަރަކަށް މުއައްސަސާ އެބައޮތް މިކޮޅުގަ. އެހެންވީމަ އަޅުގަނޑުމެން  9 މުއައްސަސާ އެކުވެގެން މި ގަސްތައް ބެލެހެއްޓުމުގެ މަސެއްކަތް ކުރިއަށް ގެންދާނެ ކަމުގެވެސް ޔަޤީންކަން އަޅުގަނޑުމެން އެމް.ޑީ އަށް އަރުވަން. 

އަޅުގަނޑުވެސް ބޭނުމަކީ ތުލުސްދޫ ފެހި ރަށަކަށް ހަދާ ފެހި ތަނަކަށް ހެދުން. ޚައްސަކޮށް އަޅުގަނޑަކީވެސް ހަމަ ގަސް އިންދުމަށް ވަރަށް ލޯބިކުރާ މީހެއް. އެހެންކަމުން އަޅުގަނޑު އެދެނީ މިއަދު އަޅުގަނޑުމެން މި އިންދިގެންދާ ގަސްތަކުގައި، ގިނަ އަދަދެއްގެ ގަސްތައް އިންދި އެ ގަސްތަކަށް ފެން އަޅާ އަދި އެ ގެއަކާ އެންމެ ކައިރިހުރި ހިސާބުންވެސް އެ ގަސްތަކަށް ބެލެހެއްޓުމަށްޓަކާ އިތުރު މަސެއްކަތްތަކެއް ކޮށްދެއްވާ އަޅުގަނޑުމެންނަށް މިކަން ކާމިޔާބީއަކާ ހަމައަށް ގެނެސްދިނުމަށްޓަކާ އަޅުގަނޑުމެންގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު ހަމަ ޝައްކެއްވެސް ނުކުރަން އިނގޭތޯ، އަޅުގަނޑުމެންގެ ރަށުގެ ހުރިހާ ރައްޔިތުންނަކީވެސް މިކަމަށް ހަމަ ފޯރިއާއި ޖޯޝާއެކު އަތް އުރާލައިގެން، އަތްކުރި އޮޅާލައިގެން ނުކުމެތިބި ބައެއްކަން އަޅުގަނޑު  ޤަބޫލުކުރަން. ޚާއްސަކޮށް އަޅުގަނޑު ފާހަގަ ކޮށްލަން ސްކޫލުން މި ދެއްވާ އެއްބާރުލެއްވުމާއި ސްކޫލް ކުދިން މި ބަހައްޓާ ގާތްކަން، މި ކަންކަމުގެ ދެއްވާ އެއްބާރުލުން. 

އެހެންކަމުން އަޅުގަނޑު ޤަބޫލުކުރަނީ ހުރިހާ ބޭފުޅުންވެގެން އިރާދުކުރެއްވިއަޔާ މި އިންދިގެންދާ ފަސްހާސް ގަހަކީ ދެމެހެއްޓެނިވި ގޮތެއްގައި، ބެލެހެއްޓެނިވި ގޮތެއްގައި މިގަސްތައް ފޯދިގެން ބޮޑުވެގެން ދާނެ ގަސްތަކެއް ކަމަށް. ޚާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން، އަޅުގަނޑުމެންގެ މި ޤައުމުގެ ރައީސް މި ނިންމި ނިންމުމަކީ ޤައުމަށް ވަރަށް ފައިދާ ހުރި ކަމެއް. އެހެންކަމަށް ވާތީ ރައީސްގެ މި ނިންމުން ތަންފީޒު ކުރުމަށްޓަކާ އަޅުގަނޑުމެންގެ މި ކައުންސިލުން ކުރެވެން ހުރި ހުރިހާ މަސެއްކަތެއްވެސް ކޯށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. 

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އެންމެން ގުޅިގެން ކުރާ މި މަސެއްކަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވާ އަޅުގަނޑުމެން އެންމެންނަށް މިއަދަށްވުރެ ފެހި މާދަމައެއް ދެއްކުން. އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލަނީ. ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން. 

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

 

މިއަދު އޮންލައިން