5 އަހަރު ތެރޭ ރާއްޖޭގައި 5 މިލިއަން ގަސް އިންދަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ޕްރޮގްރާމްގެ ތެރެއިން ސްޓެލްކޯއިން އެކުންފިނިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގައި މިއަދުވެސް ހަތާވީސް ހާސް ގަސްއިންދައި ކުރިއަށް އޮތް 5 އަހަރުތެރޭ 5 ލައްކަ ގަސް އިންދާނެކަމަށާއި އަދި އެގަސްތައް ހައްދަންވެސް މަސައްކަތްކުރާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ތުލުސްދޫގައި މިއަދު ކުރިއަށް ގެންދިއަ ޕްރޮގްރާމް ފަށްޓަވައިދެއްވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ދެއްކްވި ވާހަކަފުޅު:
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާރމަން. ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުން. ތުލުސްދޫ ކައުންސިލްގެ ރައީސް، އަދި ކައުންސިލްގެ މެމްބަރުން. ތުލުސްދޫގެ އެންމެހާ މުއައްސަސާތަކުގެ ވެރިން. އަދި އަޅުގަނޑުމެންނާ ވަރަށް ގާތްކޮށް މަސެއްކަތް ކުރައްވާ އަޅުގަނޑުމެންގެ އެންމެ ގާތް އެއް މިނިސްޓްރީ ކަމަށްވާ މިނިސްޓްރީއޮފް އެންވައިރުމެންޓް އެނާރޖީގެ އިސްވެރިން. ސްޓެލްކޯގެ އިސްވެރިން. އަދި ސްޓެލްކޯގެ ތުލުސްދޫގެ އިންޖީނުގޭގެ މުވައްޒިފުން އަދި އޭގެ އިތުރަށް އަޅުގަނޑުމެންގެ ލޮބުވެތި މުވައްޒިފުން. އަދި ވަރަށް ޚާއްސަ ގޮތެއްގަ ތުލުސްދޫގެ ލޮބުވެތި ރައްޔިތުންނާއި ތުއްތު ކުދިން، އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.

އާދެ، ޑީއެމްޑީ ގެ ވާހަކަފުޅުގަ ވަރަށް ފުރިހަމަ ތަޢާރަފެއް ދެއްވައިފި، އަދި ޝުކުރުވެސް އަދާ ކުރައްވައިފި. އެނގިވަޑައިގަންނަވާނެ ފަދައިން މިއަދަކީ ތިމާވެށީގެ ދުވަސް. އަދި މިދުވަސް އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ 2 ކަމަކާ ގުޅުވައިގެން.
އެއީ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް މި ފަސް އަހަރު ދުވަސް ތެރޭގައި ފަސް މިލިއަން ގަސް އިންދުން. އެހެންމަ އެކަމަށް އިޖާބަދީ، ރައީސްގެ ވަޢުދު ފުއްދުމަށްޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތެއް މިއަދުގެ މި މަސައްކަތަކީ. ސްޓެލްކޯއިން މި މަސައްކަތުގައި މިހާ ބޮޑަށް އިސްނަގައިގެން މި އުޅޭ އެއް ސަބަބަކީ، އެއް ކަމަކީ އަޅުގަނޑުމެން މިދޭ ޚިދުމަތާ ވަރަށްބޮޑަށް ގުޅުން އެބަހުރި ތިމާވެއްޓާ. އަޅުގަނޑުމެންގެ ސަބަބުން ތިމާވެއްޓަށް އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އެހެންކަމުން އަޅުގަނޑުމެން މި މަސެއްކަތް މިހާ ބޮޑަށް އިސްނަގައިގެން މި ކުރިއަށް ގެންދަނީ. ރައީސުލް ޖުމްޙޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް މި 5 އަހަރު އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން ފަސްލައްކަ ގަސް އިންދުމުގެ ޕްރޮގްރާމެއް މިއަދު ފެށިގެން މިދަނީ.
މިއަދު ފެށިގެން މިދަނީ މިކަމުގެ ފެށުން. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން މި ގަސް އިންދާ ތަފްޞީލާއި، ގަސް އިންދާ ރަށްތަކާއި އަދި ގަސް އިންދާ ތަންތަނުން ތަފާސް ހިސާބު އަޅުގަނޑުމެން މިނިސްޓްރީއާ އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޯރު ކޮށްދެމުން ދާނަން.
އާދެ، މިއަދު މި އިންދާ ގަހުގެ ފައިދާ ފަހަރެއްގަ އަޅުގަނޑުމެންނަށް ނުކޮށްފާނެ، އެހެން ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި މިކަމުގެ ފައިދާ ކުރާނީ މިތިއްބެވި ތުއްތު ކުދިންނަށް. އަޅުގަނޑުމެންގެ އަންނަން އޮތް މުސްތަޤްބަލަށް. މުސްތަޤްބަލަށްޓަކާ އަޅުގަނޑުމެންނަށް ކުރެވޭ އިންވެސްޓްމެންޓެއްގެ ގޮތުގަ އަޅުގަނޑުމެން މިކަން މިދެކެނީ. އާދެ، މިއަދު ސްޓެލްކޯގެ 33 ރަށެއްގައާއި އަދި މާލޭގެ ޕަވަރ ހައުސްގަ ގަސް އިންދުމުގެ ޕްރޮގްރާމް އަޅުގަނޑުމެން އެބަ ހިންގަން. ޖުމްލަގޮތެއްގަ ގާތްގަނޑަކަށް "ހަތާވީސް ހާސް" ގަސް މިއަދު އިންދިގެން ދާނެ. އިރާދުކުރެއްވިއްޔާ ހަވީރު 6 ޖެހުމުގެ ކުރިން ހަތާވީސް ހާސް ގަސް އިންދާ އެގަހަށް ފެންދޭނެ އަޅުގަނޑުމެން މުވައްޒިފުން.

އެކަމަށްޓަކާ އަޅުގަނޑު ވަރަށް ބޮޑަށް އިޚްލާސްތެރިކަމާއި ޝުކުރާއެކު ދަންނަވަން އަޅުގަނޑުމެންގެ މުވައްޒިފުންނަށް މިކަމުގައި މިބޭފުޅުން މި ދެއްކެވި އެއްބާރުލުމާއި އެއްބައިވަންތަކަން އަޅުގަނޑު ހަނދާންކޮށް އަދި އެބޭފުޅުންނަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަދި ތުލުސްދޫ ކައުންސިލުން އަޅުގަނޑުމެންނަށް މި ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން. ތުލުސްދޫއަކީ ވަރަށް ގާތުން އަޅުގަނޑުމެންނާ މަސެއްކަތްކުރާ ވަރަށް އޯގާތެރި ކައުންސިލެއް އޮންނަ ރަށެއް. އަދި މިރަށުގެ ރައްޔިތުންނަކީވެސް ހަމަ އެފަދަ އޯގާތެރި ރައްޔިތުންތަކެއް އުޅުއްވާ ރަށެއްކަމަށް އަޅުގަނޑު ފާހަގަކޮށް ހުރިހާ ރައްޔިތުންނަށްވެސް ޝުކުރު އަދާކުރަން.
އަޅުގަނޑު ވާހަކަކޮޅު ނިންމާލާނީ ތުލުސްދޫ ކައުންސިލް ފިޔަވާ އެހެން ރަށްތަކުގެ ކައުންސިލްތަކުންވެސް އަޅުގަނޑުމެންނަށް ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރަމުން.
ވައްސަލާމްޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތު.